އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓާ އެކު ރާއްޖެ އަށް ބޭރު ފައިސާ ލިބި، އިޤްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ: ރައީސް
ލިޔުންތެރިޔާ
ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.
އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓާ އެކު ރާއްޖެ ބޭރު ފައިސާ ލިބި، އިޤްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރިއަލް އެސްޓޭޓްގެ ވިޔަފާރީގެ ބިލުގައި އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓްގެ ވާހަކަ ހިމެނޭނެ ކަމަށެވެ. އެ ބިލުގެ 8 ވަނަ ބާބުގައި އެއީ ސަރުކާރުން މިހާރު ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއު ކަހަލަ މަޝްރޫއުތަކާ ގުޅޭ ބައި ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.
ރިއަލް އެސްޓޭޓްގެ ވިޔަފާރި އަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދެވޭނެ ކަމެއް ކަމަށާއި، އެކަން އެސްޓެބްލިޝްކޮށް، ސިސްޓަމިކް ކުރުމުގެ މަސއްކަތް މިހާރު ކުރަމުން އަންނަ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެކަމުގެ ތެރެއިން އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓުގެ ވާހަކަ އަންނަ ކަަމަށް ރައީސް ވިދާޅުވި އެވެ.
އެއާއެކު ރައީސް މުޢިއްޒު ވިދާޅުވީ، ރަސްމާލޭގެ ބިމުން ވަކި ސަރަހައްދެއްގައި ހިންގުމަށް މަސައްކަތް ކުރާ އިންވެސްޓްމަންޓުގެ ވާހަކަ ވެސް އޭގައި ހިމެނޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އެއް ކަމެއްގެ ގޮތުގަައި ރައީސް މުޢިއްޒު ފާހަގަ ކުރެއްވީ، އެ ފަދަ ތަނެއް ނަގައިގެން ތަރައްޤީ ކުރާ މާސްޓާ ޑިވެލޮޕާ އަށް ލިބެނީ ގިނަވެގެން 99 އަހަރު ކަމަށެވެ.
ބިމުގެ ޕްރީމިއަމެއްގެ ގޮތުގައި 10 އިންސައްތަ ދައްކަން ޖެހޭނެ ކަމަަށާއި، ކޮންމެ ޕްރޮޕަޓީއެއްގެ އޯނަރު ބަދަލުވާއިރު އެކަމާ ގުޅުންހުރި އޮފީހަށް 4 އިންސައްތައިގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭ ކަމަށާއި، މުޅި ޒޯންގައި ހުންނަ ކުރެވެހޭ އެހެން ހުރިހާ މުއާމަލާތްތަކުން ޓީޖީއެސްޖީ ލިބޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި އެވެ.
އެ ހުރިހާ ކަމެއްގެ ތެރެއިން ދައުލަަތަށް ބޭރު ފައިސާ ވަރަށް ބޮޑު އަދަދަކުން ލިބޭނެ ކަމަށާއި، އެއީ ދައުލަތުގެ ދަރަނި ދެއްކުމާއި، އިޤްތިޞާދު ވަރުގަދަ ކުރުމަށް އަދި މުހިންމު ކަންކަމަށް ރައްޔިތުންނަށް ހޭދަކުރުމަށް ލިބިގެންދާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ. އެހެންކަމުން މިއީ ރާއްޖޭގެ އިޤްތިޞާދާއި، ކުރިއެރުމާ ވެސް ގުޅިފައިވާ ކަމެއް ކަމަށް ފާހަގަ ކުރެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް