ކޮންމެ މީހަކަށް ވެސް ޤާނޫނު ތަންފީޒު ކުރާނެ، ޝާހިދުގެ މައްސަލައިގައި ސިޔާސީ ކަމެއް ނޯންނާނެ: ރައީސް މުޢިއްޒު
ލިޔުންތެރިޔާ
ރައީސް މުޢިއްޒު އާއި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު.
ކޮންމެ މީހެއް ކަމަށް ވީ ނަމަވެސް ޤާނޫނު ތަންފީޒު ކުރާނެ ކަމަށާއި، ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ހައްޔަރު ކުރުމުގައި ސިޔާސީ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ރަައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ޝާހިދު ހައްޔަރު ކޮށްފައި ވަނީ ނޮވެމްބަރު 2 ވީ ހޯމަ ދުވަހުގެ ރޭ އެވެ. އެއަށް ފަހު ފުލުހުން ބުނީ ޝާހިދު ހައްޔަރު ކުރީ، އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އެވެ. އެ މައްސަލައިގައި ޖެހިގެން އައި އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝާހިދުގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.
ޝާހިދުގެ ބައެއް ސަޕޯޓަރުން އަދި އެމްޑީޕީގެ ބައެއް ފަރާތްތަކުން އަންނަނީ ޝާހިދު ހައްޔަރު ކުރީ ސަރުކާރުން ރާވައިގެން ކަަމަށް ތުހުމަތު ކުރަމުންނެވެ. ނަމަވެސް، ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، ޝާހިދު ހައްޔަރު ކުރީ ސީރިއަސް މައްސަލައެއްގައި ކޯޓު އަމުރެއްްގެ ދަށުން ކަމަށެވެ. އެއީ ކުޑަ ކުއްޖަކާ ގުޅިފައިވާ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި، އެކަމުގައި ތުހުމަތު އަމާޒު ވަނީ ކޮންމެ މީހަކަށް ވިޔަސް، އެ މީހަކާ ދޭތެރޭގައި ޤާނޫނު ތަންފީޒު ކުރުމުގައި ތަފާތު ކުރުމެއް ގެނެސްގެން ނުވާނެ ކަމަށް ވެސް ރަައީސް މުޢިއްޒު ވިދާޅުވި އެވެ.
"ސިޔާސީ ގޮތުން އެއްވެސް މީހަކު ހައްޔަރެއް ނުކުރާނަން، އެއީ އަޅުގަނޑު ދެކޮޅު ކަމެއް. އެހެންވީމާ އެކަހަކަ ކަމެއް ނޫން މިއީ. މިއީ ވަރަށް ސީރިއަސް ކުޑަ ކުއްޖަކާ ގުޅިފައިވާ ސީރިއަސް ކަމެއް. އެހެންވީމާ މިކަމުގައި އޮފެންޑާ އަކީ ކޮންމެ މީހަކަަށް ވިޔަސް، އެ މީހަކާ ދޭތެރޭގައި ޤާނޫނުގެ ތަފާތެއް ގެނެސްގެން ނުވާނެ. ޤާނޫނު ތަންފީޒު ކުރުމުގައި އެކަން ކުރި ކަަމަށް އެ ބެލެވޭ މީހަކާ ދޭތެރޭގައި ޑިއު ޕްރޮސެސް ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ، އެކަން ކުރުމަަށް މި ސަރުކާރުން ހުރަހައެއް ނާޅާނެ،" ރައީސް މުޢިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ އިންސާނީ ޙައްގުތައް ހިމާޔަތް ކުރުމާއި، ޤާނޫނު އަސާސީ ނެގެހެއްޓުމަކީ ރާއްޖޭގައި ޔަޤީންކަން ލިބިފައިވާ ކަމަކަށް ވާން ޖެހޭނެ ކަަމަށެވެ. ރާއްޖޭގައި ޤާނޫނު އަސާސީ ފުރިހަމަ އަށް ހިނގަން ޖެހޭނެ ކަމަށާއި، ޝާހިދުގެ މައްސަލައިގައި އެއްވެސް ސިޔާސީ ކަމެއް ނޯންނާނެ ކަމަށް ރައީސް މުޢިއްޒު ތަކުރާރުކޮށް ވިދާޅުވި އެވެ.
ޝާހިދު ވަނީ 2018 ވަނަ އަހަރުގެ ނޮވެމްވަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ކުރައްވައިފަ އެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި އޭނާ ފޮރިން މިނިސްޓަރުކަން ކުރެއްވި މުއްދަތުގައި ޝާހިދު ވަނީ، އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ. އޭގެ ކުރިން ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ވެސް ޝާހިދު ވަނީ ފޮރިން މިނިސްޓަރުކަން ކުރައްވައިފަ އެވެ.
އެމްޑީޕީގެ ވެރިކަމަށް ފަހު ޝާހިދު ވަނީ، އެ ޕާޓީގެ ރައީސްގެ މަޤާމު ވެސް އަދާ ކުރައްވައިފަ އެވެ. އެ މަޤާމުން އޭނާ އިސްތިއުފާ ދެއްވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށެވެ. ޝާހިދު އަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައި ހުންނެވި ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް