Article Top
ޚަބަރު •

ދިވެހިންނަށް ފައިދާ ބަހާ ރިސޯޓުތައް ހެދުމަށް "ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން" އުފައްދަވައިފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ދިވެހިންނަށް ފައިދާ ބަހާ ރިސޯޓުތައް ހެދުމަށް "ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން" އުފައްދަވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ---

ތިމާވެށީގެ ރައްކާތެރިކަމާއި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިސްކަންދީގެން، ދިވެހި ރައްޔިތުންނަށް ފަތުރުވެރިކަމުގެ ނަފާ ސީދާގޮތެއްގައި ލިބިދޭނެ ބައިނަލްއަޤްވާމީ ފެންވަރުގެ ރިސޯޓުތައް ތަރައްޤީކޮށް ހިންގުމަށްޓަކައި، "ދިވެހީންގެ ރިޒޯޓް ޙިއްޞާ ކޯޕަރޭޝަން" ގެ ނަމުގައި ޚާއްޞަ ސަރުކާރު ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ކުންފުނި ވުޖޫދަށް ގެންނަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2026/19 ގެ ދަށުންނެވެ.

މި ނިންމެވުމަކީ ދައުލަތަށް މިލްކުވެފައިވާ ފަޅުތަކާއި ފަޅުރަށްތަކުގެ އިތުރުން ޤުދުރަތީ މުއްސަނދިކަމުގެ އަގު އުފުލައި، އަންނަން އޮތް ޖީލުތަކަށް އެއިން އެންމެ ފުރިހަމަ ދިގުމުއްދަތުގެ މަންފާ ކަށަވަރުކޮށްދޭނެ އިންވެސްޓްމަންޓް ވިއުގައެއް ބިނާކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެއް ކަމަށް ރައީސް އޮފީހުން ބަޔާންކުރެއެވެ.

އަދި މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި އުޞޫލުތަކުގެ މަތިން ކުރިއަރުވައި، މި ސިނާޢަތުން ލިބޭ މާލީ މަންފާތައް އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ދިވެހި ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއެކު ބަހައިލުމުގެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އެކަށައެޅި ކުންފުންޏެއް ކަމަށްވެސް އެ އޮފީހުން ފާހަގަކުރެއެވެ.

ދިވެހީންގެ ރިޒޯޓް ޙިއްޞާ ކޯޕަރޭޝަން އުފެއްދުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ތިމާވެއްޓާ ރައްޓެހި އަދި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ދުނިޔޭގެ ފެންވަރުގެ ރިސޯޓުތައް ބިނާކޮށް ހިންގުން ހިމެނެއެވެ.

މީގެއިތުރުން، ދިވެހި ރައްޔިތުންނަށް ވަޒީފާއާއި ހުނަރުވެރި ތަމްރީނުގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމާއި، ޤައުމީ އިޤްތިޞާދަށް ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކުރުމުގެ އިތުރުން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ވާދަވެރި އަދި ހަރުދަނާ ވިޔަފާރީގެ މާޙައުލެއް ޤާއިމުކުރުންވެސް މި ކުންފުނީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނެއެވެ.

ރިސޯޓުތައް ތަރައްޤީކޮށް، އެތަންތަނުން ލިބޭ އާމްދަނީގެ ފައިދާ ރައްޔިތުންނަށް ހަމަހަމައަށް ބަހައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރު ފެށުމުގެ ރަސްމިއްޔާތުގައި ރިޔާސީ ބަޔާން އިއްވަވަމުން، ވަކިވަކި ރައްޔިތުންނަށް ފަތުރުވެރިކަމުގެ ނަފާ ސީދާ ގޮތެއްގައި ލިބިދެވޭނެ ޚާއްޞަ އޮނިގަނޑެއް އެމަނިކުފާނު ވަނީ އިޢުލާނުކުރައްވާފައެވެ.

އެ ދުވަހުގެ ތަޤުރީރުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ދައުލަތުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްޤީކުރައްވާނެ ކަމަށެވެ. އަދި މި ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، އެއްވެސް ރައްޔިތަކު އިސްތިސްނާނުކޮށް، ކޮންމެ ދިވެއްސެއްގެ ބޭންކު އެކައުންޓަށް އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން، މި މަޝްރޫޢުގެ ދަށުން ބިނާކުރެވޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރަކީ ކޮންމެ ދިވެހި ރައްޔިތެއް ކަމުގައި ޤާނޫނަކުން ކަނޑައަޅުއްވާނޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް