އިންޑޮނޭޝިއާގެ ފެރީ ބަންޑުން ޖަހާލުމުގެ ހާދިސާ: އެކަކު މަރުވެ 141 މީހަކު ދަނީ ހޯދަމުން
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
މީހުން ސަލާމަތްކުރުމަށް ޑައިވަރުން މަސައްކަތްކުރަނީ ---
އިންޑޮނޭޝިއާގެ ޖާވާ ކަނޑަށް ޕަސެންޖާ ފެރީއެއް ބަންޑުން ޖަހާލުމުގެ ހާދިސާގައި މީހަކު މަރުވެފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
މިއަދު ހެނދުނު އިންޑޮނޭޝިއާގެ ސުރުބަޔާއިން ފުރައިގެން ދަތުރުކުރި ވާާގޯ ޓްރާންސްޕޯޓު 8 ނަމަކަށް ކިޔާ ފެރީ ބަންޑުން ޖަހާލީ 243 މީހުނާއެކު ދަތުރުކުރަމުން ދަނިކޮށެވެ.
އިންޑޮނޭޝިއާގެ ނޭޝަނަލް ސާޗް އެންޑް ރެސްކިއު އެޖެންސީން އަންނަނީ ކަނޑުމަގުންނާއި ވައިގެމަގުން މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރަމުންނެވެ.
އެގޮތުން މިހާތަނަށް ޖުމުލަ 102 މީހަކު ސަލާމަތްކުރެވިފައިވާކަމަށް އެޖެންސީން ވަނީ ބުނެފައެވެ.
ނަމަވެސް ބޯކޮށް ވާރޭ ވެހި ކަނޑުތައް ގެދަވުމުގެ ސަބަބުން މީހުން ސަލާމަތްކުރުމުގެ ރެސްކިއު އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ވެސް ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް ވެސް އެ އެޖެންސީން ބުނެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ ގަދަ ކޮޅިގަނޑެއްގައި ލައްވާލައިގެންނެވެ. މީގެއިތުރުން އެ ކޮޅިގަނޑުގެ ސަބަބުން ފެރީގެ މުއާސަލާތީ ހިދުމަތް ވެސް ކެނޑުނުކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.
މިދިޔަ މަހުގެ ދެވަނަ ދުވަހު އިންޑޮނޭޝިއާގެ ފެރީއެއްގައި ދަތުރުކުރި ބަޔަކަށް ވަނީ ހިތާމަވެރި ހަދިސާއެއް ކުރިމަތިވެފައެވެ.
އީސްޓު ޖާވާ ސަރަހައްދުން ފުރައިގެން ދަތުރުކުރި ފެރީއެއްގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. އެ ދަތުރުގައި 271 މީހުން ބައިވެރިވިއިރު 225 މީހުން ވަނީ އެ ހާދިސާ ހިނގުމުން ސަލާމަތްކޮށްފައެވެ. ނަމަވެސް 5 މީހުން ވަނީ އަލިފާނުގެ ހާދިސާގައި މަރުވެފައެވެ. އަދި 41 މީހުން އަދި ވެސް ނުފެނެއެވެ.
އޭގެ 10 ދުވަސް ފަހުން މިދިޔަ މަހުގެ 12 ވަނަ ދުވަހު ވެސް އިންޑޮނޭޝިއާގެ ބަލީގެ ރަށަކުން ފުރައިގެން ދަތުރުކުރި ފެރީއެއްގައި ވެސް ވަނީ ރޯވެފައެވެ. އެ އަލިފާނުގެ ހާދިސާގައި އެއް މީހަކު ނިޔާވެފައިވާއިރު 172 މީހުން ވަނީ ސަލާމަތްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް