ރައީސް ޔާމީން އަށް މި ދެއްކެވުނީ އެމަނިކުފާނުގެ ވެރިކަމުގައި ކަންތައް ހިނގި ގޮތުގެ ވާހަކަ
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޔާމީން ވާހަކަ ދައްކަވަނީ.
.ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފް އިން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ދެއްކެވި ވާހަކައެއް އަޑު އިވުނެވެ. ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން، ރައީސް ޔާމީން އަށް މި ދެއްކެވުނީ އެމަނިކުފާނުގެ ވެރިކަމުގައި ކަންތައް ހިނގި ގޮތުގެ ވާހަކަ އެވެ
ފަހަރުގައި ރައީސް ޔާމީން އަށް އެކަން ހަނދާން ނެތިދާނެ އެވެ. އެކަމަކު، ރައްޔިތުންނަށް އެކަން ހަނދާން ނެތޭހާ ގިނަ ދުވަހެއް ނުވެ އެވެ.
ރައީސް ޔާމީން ވިދާޅުވީ އޭރު ރައީސް އޮފީސް ބޭނުންކޮށްގެން އަދުލު އިންސާފުގެ ތެރެއަށް އަތް ބާނަން އެއްވެސް މީހަކު ބޭނުންނުވި ކަމަށެވެ. އެއަށް ފަހު އިނގިރޭސި ބަހުން ވިދާޅުވީ، "ނެވަރ" އެވެ. މިއަދު އެކަން އެހެން ކުރަން ބޭނުން ނުވާކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ކުރެއްވީ ސުވާލެކެވެ. މިއަދު ޕްރޮސެކިއުޓަރ ޖެނެރަލް ނިކުންނެވީ ކޮން ތަނަކުންތޯ އެވެ؟
ޕްރޮސެކިއުޓަރ ޖެނަރަލް ނެރުއްވީ ސިޔާސީ ހާލިން ކަމަށާއި، ދެން އިތުބާރު ކުރެވޭނެ ގޮތެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"އެއީ ކުރީގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރެއް. މުޢިއްޒު ވިދާޅުވި ގޮތަކަށް، ވިދާޅުވި ކަމެއް ކުރައްވަނީ. ދެން މިއަދު މޫނަކަށް ކަނދުރާއަކަށް ނުބެއްލެވި ނަމަވެސް!" ކުރީގެ ރައީސް ޔާމީން ވިދާޅުވި އެވެ.
އެހެން ނަމަވެސް، ރައީސް ޔާމީން އެ ދެއްކެވި ވާހަކައިން އަޅުގަނޑުގެ ހިތުގައި އުފެދުނީ ސުވާލެކެވެ. އެއީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ކަންތައް ކުރެއްވީ ކިހިނެއް ހެއްޔެވެ؟ އެމަނިކުފާނު ބޭނުންފުޅު ނުވި ގޮތަކަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި ބޭފުޅާ ކަންކަން ކުރައްވަން ފެއްޓެވުމުން، މަޤާމުން ދުރުކޮށްލީ އެވެ. އެވަރުން ފުދުނީއެއް ނޫނެވެ. އެ ބޭފުޅަކަށް ޖެހުނީ ޖަލުގެ ތޭރިތަކު ފަހަތަށް ވަޑައިގަންނަވާށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އައިޝަތު ބިޝާމް އައްޔަން ކުރެއްވި އެވެ. 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ޕްރޮސެކިއުޓަ ޖެނެރަލްގެ މަޤާމަށް ބިޝާމް އައްޔަން ކުރެއްވީ ރައީސް ޔާމީން އެވެ. އޭގެ ކުރިން ބިޝާމް ހުންނެވީ ރައީސް އޮފީހުގައި، ރައީސް ޔާމީން އައްޔަން ކުރެއްވި މަޤާމެއްގައި އެވެ. އިއްތިފާޤުން ބިޝާމް ހުންނެވީ ހަމަ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމުގައިއެވެ.
އެ ދުވަހު ރައީސް ޔާމީން އަށް އެކަން ރަނގަޅުވީ އެވެ. ނުފޫޒެއް ވެސް ނޯންނާނެ އެވެ. ރައީސް ޔާމީންގެ އަމުރާ އެއްގޮތަށް މަސައްކަތް ކުރަން ވެސް ޕްރޮސެކިއުޓަރ ޖެނަރަލް އަށް ޖެހިވަޑައި ނުގަންނަވާނެ އެވެ.
އޭގެ ފަހުން ދެން ހިނގައި ދިޔަ ކަންކަމުގެ ވާހަކަ ދައްކަން ނެތީ އެވެ. ދަންނަވަން މި އުޅޭ ވާހަކަ އަކީ، އެހެން މީހުންނާ ދިމާލަށް ރައީސް ޔާމީން އިނގިލި ދިއްކުރައްވާއިރު، އެމަނިކުފާނާ ދިމާލަށް އަނެއް ތިން އިނގިލި އަމާޒުވެ އެވެ. އެކަން ހަނދުމަފުޅުގައި މިއަދަކު ނެތެވެ. ނުވަތަ އެއިރުގެ ކަންކަން މިއަދު ރައްޔިތުންގެ ހަނދާނުގައި ނުހުންނާނެ ކަމަށް އުންމީދު ކުރައްވަނީ ކަމަށް ވެސް ވެދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް