އެންމެ ގިނަ ވޯޓާ އެކު ރާފިއު ދެއްވީ އިތުބާރު ދަމަހައްޓާނެ ކަމުގެ ޔަޤީންކަން!
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
މިނިސްޓަރު ރާފިއު ---
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސުން އިންތިޚާބު ކުރުމަށް ނެގި ވޯޓުގައި އެންމެ ގިނަ ވޯޓާ އެކު ނައިބު ރައީސްގެ މަޤާމަށް ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު އިންތިޚާބުވެ ވަޑައިގެންފައިވާއިރު، ޕާޓީގެ މެމްބަރުން ކުރި އިތުބާރު ދަމަހައްޓަވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ހެނދުނު ކުރިއަށް ދިޔަ އިންތިޚާބުގައި ރާފިއު ވަނީ 968 ވޯޓު ހޯއްދަވައިފަ އެވެ. އެ އިންތިޚާބަށް ފަހު ދެއްވި އިންޓަވިޔުއެއްގައި ރާފިއު ވިދާޅުވީ، ޕާޓީގެ މެމްބަރުން ކުރެއްވީ ވަރަށް ބޮޑު އިތުބާރެއް ކަމަށެވެ. އަދި އެ އިންތިޚާބުގައި އޭނާ އަށް ވޯޓު ދެއްވީ ވަރަށް ގިނަ އުންމީދުތަކާ އެކު ކަމަށް ވެސ މިނިސްޓަރު ރާފިއު ވަނީ ވިދާޅުވެފައި އެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ވަޑައިގަންނަވާނީ މެމްބަރުންގެ އިތުބާރު ހިފެހެއްޓޭނެ މަގުން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ރާފިއު ވިދާޅުވީ ޕީއެންސީ ކުރިއަށް ދާނީ ރަށް ރަށުގައި ތިބި މެމްބަރުންނާއި، ޕާޓީގެ މަޤާމު ތަކަށް އިންތިޚާބުވީ މެމްބަރުން ކުރިއަށްދާނީ އެންމެން އެކުގައި ކަމަށެވެ. ޚާއްސަކޮށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ފަދައިން، ޕީއެންސީ ކުރިއަށް ދާނީ އެއް އާއިލާއެއްގެ ގޮތުގައި އޮވެގެން ކަމަށް ވެސް މިނިސްޓަރު ރާފިއު ވަނީ ވިދާޅުވެފައި އެވެ.
ނައިބު ރައީސުންގެ ގޮތުގައި އިންތިޚާބު ކުރި ހަ މެމްބަރުންގެ އިތުރުން، ޕާޓީގެ އެހެން ގުނަވަންތަކަށް އިންތިޚާބު ކުރި މެމްބަރުންނަކީ ވަރަަށް ޤާބިލު ބައެއް ކަމަށާއި، ކޮންމެ ބޭފުޅަކު ވެސް އަމިއްލަ ހައިސިއްޔަތުން ޕާޓީ އަށް އެކި އެކި ގޮތް ގޮތުން ޚިދުމަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ. މި ޓީމާ އެކު ޕީއެންސީގެ ޙަރަކާތްތައް ވަރަށް ޖޯޝާއި، ފޯރީގައި ކުރިއަށް ދާނެ ކަމަށް ވެސް މިނިސްޓަރު ރާފިއު ވަނީ ވިދާޅުވެފައި އެވެ.
ކުޅިވަރާއި ޒުވާނުންގެ ދާއިރާ އިން ޕާޓީގެ މެމްބަރުންނާއި، ރަށް ރަށުގެ ރައްޔިތުން ވަރަށް ގިނަ އުންމީދު ތަކެއް ކުރައްވާނެކަން ފާހަގަ ކުރައްވައި މިނިސްޓަރު ރާފިއު ވަނީ، ކަންކަން ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވައިފަ އެވެ. މެމްބަރުންގެ އިތުބާރާއި އުންމީދުތައް ހިފެހެއްޓުމަކީ އަދިވެސް ކުރަން ޖެހިފައިވާ މަަސައްކަތެއް ކަމަށާއި، އެކަން ކުރެއްވުމުގައި ދެމި ހުންނަވާނެ ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވެފައިވެ އެވެ.
ޕީއެންސީގެ ނައިބު ރައީސެއްގެ ގޮތުގައި މިނިސްޓަރު ރާފިއުގެ އިތުރުން، އިތުރު ފަސް މެމްބަރުން އިންތިޚާބު ކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް