ރައީސް ވިދާޅުވީ ބާރު ފައިސާގެ ފިޔަވަޅު ތަކުން ނަތީޖާ ފެންނާނެ ކަމަށް
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ނޭޝަން ޗެޓް ޕްރޮގްރާމްގައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވާހަކަ ދަައްކަވަނީ
ބޭރު ފައިސާއާ ގުޅިގެން ސަރުކާރުން އަޅާ ފިޔަވަޅު ތަކުގެ ނަތީޖާ ރަނގަޅު ވާނެ ކަމަށާއި، އެކަމުގެ ނަތީޖާ ފެންނާނެ ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ވަނީ ބޭރު ފައިސާއާ ބެހޭ ޤާނޫނަށް މުހިންމު އިސްލާޙު ތަކެއް ގެނެސްފައި އެވެ. އެގޮތުން ރާއްޖޭގެ ރިސޯޓު ތަކުގެ އާމްދަނީ އިން 40 އިންސައްތަ ބޭންކުތަކަށް މާރު ކުރަން ޖެހޭ ގޮތަށް ޤާނޫނު އިސްލާޙު ކޮށްފައިވާއިރު، ޑޮލަރުގެ ކާޅު ބާޒާރު ނައްތާލުމަށް ވެސް މުހިންމު އިސްލާޙު ތަކެއް ވަނީ ގެނެސްފައި އެވެ. އެކަމާ ގުޅިގެން އިދިކޮޅު ބައެއް ފަރާތް ތަކުން ސަރުކާރަށް ފާޑު ކިޔަމުން ގެންދިޔަ ނަމަވެސް، ރައީސް މުޢިއްޒު ވިދާޅުވީ އެކަމުގެ ނަތީޖާ ފެންނާނެ ކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ، ބޭރު ފައިސާއާ ގުޅިގެން ސަރުކާރު މިހާރު އަޅަމުން އަންނަ ފިޔަވަޅު ތަކުގެ ނަތީޖާ ފެންނާނެ ކަމާ މެދު ޔަޤީން ކުރާ ކަމަށެވެ. ސިޔާސީ ބޭނުމެއްގައި ބައެއް ފަރާތްތަކުން އެކި ކަހަލަ ވާހަކަ ދެއްކި ނަމަވެސް، އެކަމުގެ ނަތީޖާ ޖުމުލަ ގޮތެއްގައި ރަނގަޅު ވާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ. އެ ޕްރޮގްރާމްގައި ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތައް އާންމު ރައްޔިތުން ޤަބޫލު ކުރާ ކަމަށެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުން ކަންކަން ކުރަނީ ހުރިހާ ފަރާތްތަކާ ވެސް މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. ހަމަ ތިބެފައި ކަމެއް ކުރުމުގެ ބަަދަލުގައި، އެތައް މަހެއް، އަދި އެތައް ދުވަހެއް މަޝްވަރާ އާއި އިވަލުއޭޝަން އަދި ޓެކްނިކަލް ކަންކަން ބައްލަވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. ހަމައެހެންމެ، ދުނިޔޭގެ އެހެން ޤައުމު ތަކުގައި ވެސް އަމަލު ކުރަމުން އަންނަ ގޮތަށް ބައްލަވައިގެން ނޫނީ ކަންކަން ނުކުރައްވާ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަށް އިޝާރާތް ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުން ޤާނޫނެއް ހެދިޔަސް، ނުވަތަ ޤާނޫނަކަށް އިސްލާޙު ގެނައި ނަމަވެސް އެކަން ކުރަނީ ފެކްޓް ބޭސްކޮށް ކަމަށެވެ. ސަރުކާރުގެ އެކި ކަންކަމާ ހަވާލުވެ ތިއްބެވި ބޭފުޅުންނަކީ ވެސް ތައުލީމީ ގޮތުން އަދި ތަޖުރިބާގެ ގޮތުން ވެސް މޮޅެތި ބޭފުޅުން ކަަމަށް ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، އެ ބޭފުޅުން ވަރަށް ރަނގަޅަށް ކަންކަން ބައްލަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް