ކުޅިވަރު

ޕްރިމިއާ ލީގުގައި ދިއްދޫ ސްޕޯޓްސް އަށް ފުރިހަމަ ފެށުމެއް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ޕްރިމިއާ ލީގުގައި ދިއްދޫ ސްޕޯޓްސް އަށް ފުރިހަމަ ފެށުމެއް

ދިއްދޫ ސްޕޯޓްސްގެ ފުރަތަމަ 11 -- ފޮޓޯ/ އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަލަށް ވާދަކުރާ ދިއްދޫ ސްޕޯޓްސް ފުރަތަމަ މެޗުގައި 1-0 އިން ބުރު ސްޕޯޓްސް ކްލަބް ބަލި ކޮށްފި އެވެ..

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ 23 ވަނަ މިނިޓުގައި، ހާފުގެ މެދަކާ ހިސާބުން ދިއްދޫއަށް ލިބުނު ހިލޭޖެހުމަކުން މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޓެއްޓޭ ގިޑީއޮންއެވެ. މީގެ އިތުރުން ވެސް ދިއްދޫއަށް ލަނޑު އިތުރުކުރާނެ ގިނަ ފުރުސަތުތަކެއް މެޗުގައި ވަނީ ލިބިފަ އެވެ.

ފުރަތަމަ ހާފުގައި ބުރު ސްޕޯޓްސް އަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި، މުހައްމަދު ނައިސަމް ނަދީމް ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ އެ ޓީމުގެ ހުއާން އެޑުއާޑޯ ލެސްކާނޯ އަށް މާ ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވި އެވެ. މި މެޗުގައި ބުރުން އުފެއްދި ނުރައްކާތެރި ހަމަލާތައް މަތަކުރުމުގައި ދިއްދޫގެ ކީޕަރު މުހައްމަދު ޝިފާން ވަނީ މޮޅު ކުޅުމެއް ދައްކައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

މި މެޗުގެ 82 ވަނަ މިނިޓުގައި ބުރުގެ ޝަމްވީލް މުހައްމަދަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. ބުރުން 10 ކުޅުންތެރިންނާ އެކު ކުޅެމުން ދަނިކޮށް 90 ވަނަ މިނިޓުގައި އެ ޓީމަށް ކުޅޭ ގައުމީ ޓީމުގެ ޑިފެންޑަރު އިބްރާހިމް އުސާމާގެ ބޮލަށް އަނިޔާ ވެގެން ވަނީ ދަނޑުން ބާލައި އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދަން ޖެހިފަ އެވެ.

މި ނަތީޖާއާއެކު ދިއްދޫ ވެފައިވަނީ މި އަހަރުގެ ލީގުގައި އަލަށް ވާދަކުރާ ތިން ޓީމުގެ ތެރެއިން ޕޮއިންޓެއް ހޯދި ހަމައެކަނި ޓީމަށެވެ. އަލަށް ވާދަކުރާ އަނެއް ދެ ޓީމު ކަމަށްވާ ބިސް ބުރު ސްޕޯޓްސް އާއި ގައްދޫ ރެކްރިއޭޝަން ކްލަބް ވަނީ ފުރަތަމަ މެޗުން ބަލިވެފައެވެ. ދިއްދޫގެ އިތުރުން ފުރަތަމަ މެޗުން ތިން ޕޮއިންޓް ހޯދާފައިވަނީ މާޒިޔާ، ވިކްޓަރީ، ނިއު ރޭޑިއަންޓް އަދި ކްލަބް އީގަލްސްއެވެ.

ލީގުގެ ކުޅުން ދެން ކުރިއަށްދާނީ އަންނަ ބުދަ ދުވަހުއެވެ. އެ ދުވަހު ހަވީރު ގައްދޫގައި ޓީސީ ސްޕޯޓްސް ނުކުންނާނީ ގައްދޫ ރެކްރިއޭޝަނާ ދެކޮޅަށެވެ. އަދި އެ ރޭ ގަލޮޅު ދަނޑުގައި ކުޅޭ މެޗުގައި ވިކްޓަރީ ވާދަކުރާނީ ދިއްދޫ ސްޕޯޓްސްއާ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް