Article Top
ޚަބަރު •

ރައީސް ދެއްވީ ފުރުސަތެއް، އެއީ ކުރި މަސައްކަތް ބަލައި ގަންނާތީ: މަޚްލޫފް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރައީސް ދެއްވީ ފުރުސަތެއް، އެއީ ކުރި މަސައްކަތް ބަލައި ގަންނާތީ: މަޚްލޫފް

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި، ސަފީރު މަޚްލޫފް

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު ދެއްވީ ފުރުސަތެއް ކަމަށާއި، އެއީ މީގެ ކުރިން ކޮށްފައިވާ މަސައްކަތް ރައީސް ބަލައިގަންނާތީ ކަމަށް ދިވެހިރާއްޖެ އިން ޖަޕާން އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެ އެވެ.

މަޚްލޫފް މިހެން ވިދާޅުވެފައި ވަނީ، ބުރާސްފަތި ދުވަހު އެމްއެމްޓީވީގެ އަރާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. މަޚްލޫފް ވިދާޅުވީ ސަފީރުކަމުގެ މަޤާމާ ހަވާލުވީ ޖަޕާން އަށް ދާ ހިތުން ނޫން ކަމަށާއި، ބައެއް ބޭފުޅުންނަށް އެހެން ހީވެފައި އޮންނަ ކަމަށެވެ. އެގޮތުން އޭނާގެ ދަރިފުޅަށް ކިޔަވައިދޭން ނުވަތަ ބެޑްމިންޓަން ކުޅުމުގެ ފުރުސަތު ހޯދަން ޖަޕާން އަށް ދިޔައީ ކަމަށް ހީވި ނަމަވެސް، ޖަޕާންގައި އުޅުއްވަނީ އާއިލާ ގޮވައިގެން ނޫން ކަމަށް ވެސް މަޚްލޫފް ފާހަގަ ކުރެއްވި އެވެ.

Advertisement
Article Inside

އެއާއެކު މަޚްލޫފް ވިދާޅުވީ، އޭނާ ޤަބޫލު ކުރައްވާ ގޮތުގައި އޭނާ އަށް ލިބުނީ ފުރުސަތެއް ކަމަށެވެ. އެގޮތުން ރައީސް މުޢިއްޒު މަޚްލޫފް އަށް އެ ފުރުސަތު ދެއްވީ، ރައްޔިތުންގެ މަޖިލީހުގައި ވިޔަސް، އަދި ކެބިނެޓުގައި ވިޔަސް އޭނާ ކޮށްފައިވާ މަސައްކަތް ރައީސް ބަަލައިގަންނާތީ ކަމަށް ޤަބޫލުކުރެވޭ ކަމަށް މަޚްލޫފް ފާހަގަ ކުރެއްވި އެވެ. އޭނާ އަށް ކުރެވެނީ އެ މަސައްކަތް ރައީސް މުޢިއްޒު ބަަލައިގެންފި ކަމުގެ އިހުސާސް ކަމަށް ވެސް މަޚްލޫފް ވިދާޅުވި އެވެ.

ފުރުސަތު ލިބުނު ގޮތުގެ ވާހަކަ ދައްކަވަމުން މަޚްލޫފް ވިދާޅުވީ ދެ ފަހަރެއްގެ މަތިން ފުރުސަތު ލިބުނު ކަމަށާއި، ރައީސް މުޢިއްޒުގެ ޓީމާއެކު މަސައްކަތް ކުރުމަށް ތިން ވަނަ ފަހަރު ފުރުސަތެއް ލިބުމުން އެކަމަށް ނޫނެކޭ ބުނަން ނުކުރެނު ކަމަށް މަޚްލޫފް ވިދާޅުވި އެވެ. އަނެއްކޮޅުން އެމްޑީޕީގެ ލީޑާޝިޕް އަށް ރައީސް މުޙައްމަދު ނަޝީދު ވަޑައިގެންނެވުމުގެ މަސައްކަތް ކުރިއަށް ދިޔަ ކަމަށާއި، އެއީ އެހާ ޤަބޫލު ކުރެވުނު ކަމެއް ނޫން ކަމަށް މަޚްލޫފް ވިދާޅުވި އެވެ.

"ތިން ވަނަ ފަހަރު އަޅުގަނޑު ކައިރީގައި، ރައީސްގެ ޓީމާއެކު ޤައުމަށް ޚިދުމަތް ކުރުމަށް ފުރުސަތެއް ދެއްވީމާ، އަޅުގަނޑަށް ނުކެރުނު ނޫނެކޭ ބުނަން ހަމަ ހަގީގަތުގައި ވެސް. އަނެއްކޮޅުން އެމްޑީޕީގެ ލީޑާޝިޕް އަށް ރައީސް ނަޝީދު ވަޑައިގަންނަވަނީ، ސިޔާސީ ގޮތުން އަޅުގަނޑު ގަޔާވާ ބޭފުޅެއް ނޫން،" މަޚްލޫފް ވިދާޅުވި އެވެ.

މީގެ އިތުރުން މަޚްލޫފް ވިދާޅުވީ އެ ނިންމުން ނިންމުމުގެ ކުރިން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްއާ ވެސް މަޝްވަރާކުރެއްވި ކަމަށް މަޚްލޫފް ވިދާޅުވި އެވެ. ހަމައެހެންމެ ދެ އަހަރު ވަންދެން ސިޔާސީ ކަންކަމާ ވަރަށް ދުރުގައި ހުންނެވި ކަމަށާއި، މިފަދަ ފުރުސަތެއް ލިބިދާނެ ކަމަށް އުންމީދު ވެސް ނުކުރެވޭ ކަމަށް މަޚްލޫފް ވަނީ ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް