ކުޅިވަރު

އޭޝިއަން ގޭމްސް 2026: ޓީޓީ ޓީމު ފެށީ ދުނިޔޭގެ ގަދަ ބާރުތަކާ ދެކޮޅަށް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އޭޝިއަން ގޭމްސް 2026: ޓީޓީ ޓީމު ފެށީ ދުނިޔޭގެ ގަދަ ބާރުތަކާ ދެކޮޅަށް

ފިރިހެން ޓީމުގައި ހިމެނޭ 15 އަހަރުގެ ޚަލަފް ވަނީ ޖަޕާންގެ ކުޅުންތެރިޔާއާ ދެކޮޅަށް އުންމީދީ ފައިޓެއް ދީފަ. -- ފޮޓޯ/ އެމްއޯސީ: މަހްފޫޒް، އައްފާން

ޖަޕާނުގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް (ޓީޓީ) ޓީމު އިވެންޓް މިއަދު ފެށިގެން ކުރިއަށް ދާއިރު، ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުންވެސް ވަނީ ދުނިޔޭގެ އެންމެ ވަރުގަދަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޓީމުތަކާ ދެކޮޅަށް ހިތްވަރު ގަދަ ކުޅުމެއް ދައްކައިފަ އެވެ.

އަންހެން ގްރޫޕް ސީގައި ރާއްޖެއިން ފުރަތަމަ މެޗުގައި ނުކުތީ ދުނިޔޭގެ ރޭންކިންގެ ތިންވަނައިގައި އޮތް ދެކުނު ކޮރެއާއާ ދެކޮޅަށެވެ. މި މެޗުން ސީދާ ތިން ގޭމުން ދެކުނު ކޮރެއާ މޮޅުވި ނަމަވެސް، ރާއްޖޭގެ ކުޅުންތެރިން ވަނީ ރަނގަޅު ވާދައެއްކޮށްފަ އެވެ.

  • ފުރަތަމަ ގޭމު: އައިޝަތު ރަފާ ނާޒިމް ބަލިވީ ޖީ ޗެއޮންހުއީއާ ވާދަކޮށް 11-2، 11-2 އަދި 11-7 އިން.

  • ދެވަނަ ގޭމު: ފާތިމަތު ދީމާ އަލީ ވަނީ ކިމް ނަޔެއޮންގް އަތުން 11-7، 11-6 އަދި 11-4 އިން ބަލިވެފަ.

  • ތިންވަނަ ގޭމު: މިޝްކާ މުހައްމަދު އިބްރާހިމް ބަލިވީ ލީ އެޔުންހާއީ އަތުން 11-3، 11-2 އަދި 11-4 އިން.

Uploaded image

އަންހެން ޓީމުގެ ކުޅުންތެރިން. -- ފޮޓޯ/ އެމްއޯސީ: މަހްފޫޒް، އައްފާން

މި ގްރޫޕުގައި ރާއްޖެއާއި ދެކުނު ކޮރެއާގެ އިތުރުން ދެން ހިމެނެނީ ކަޒަކިސްތާނެވެ. ރާއްޖެއިން ކަޒަކިސްތާނާ ދެކޮޅަށް ނުކުންނާނީ މާދަމާ އެވެ.

ފިރިހެން ގްރޫޕް ބީގައި ރާއްޖޭގެ ޓީމު ބައްދަލުކުރީ ދުނިޔޭގެ ރޭންކިންގެ ހަތަރުވަނައިގައި އޮތް އަދި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޖަޕާނާއެވެ. މި މެޗުން ވެސް ޖަޕާން މޮޅުވީ ސީދާ ތިން ގޭމުންނެވެ.

Uploaded image

ފިރިހެން ޓީމުގެ ކުޅުންތެރިން. -- ފޮޓޯ/ އެމްއޯސީ: މަހްފޫޒް، އައްފާން

  • ފުރަތަމަ ގޭމު: މުހައްމަދު ޝައްފާން އިސްމާއިލް ބަލިވީ ސޯރާ މަޓްސުޝިމާ އަތުން 11-6، 11-9 އަދި 11-6 އިން.

  • ދެވަނަ ގޭމު: މޫސާ މުންސިފް އަހުމަދު ބަލިވީ ޝުންސުކޭ ޓޮގާމީ އަތުން 11-5، 11-3 އަދި 11-4 އިން.

  • ތިންވަނަ ގޭމު: 15 އަހަރުގެ މުހައްމަދު ޚަލަފް ރާފިއު ވަނީ ހިރޯޓޯ ޝިނޯޒުކާއާ ވާދަކޮށް 11-3، 11-3 އަދި 11-8 އިން ބަލިވެފަ.

ފިރިހެން ގްރޫޕް ބީގައި ރާއްޖެއާއި ޖަޕާނުގެ އިތުރުން ދެން ހިމެނެނީ އުޒްބަކިސްތާނެވެ. މާދަމާ އޮންނަ މެޗުގައި ރާއްޖެ ނުކުންނާނީ އުޒްބަކިސްތާނާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް