ސޮފްވާންގެ ހަގީގަތް އެސޯސިއޭޝަނުން ހާމަކޮށްފި، ފިތްކަނޑައިގެންދާވަރުގެ ވާހަކަތަކެއް
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ސޮފްވާން -- ފޮޓޯ/ އަދަދު
ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ހެޑް ކޯޗު އަދި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު ސޮފްވާން އަހުމަދުގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ގޯނާގެ މައްސަލައިގެ ހަގީގަތާއި، އޭނާ ކުރި އަނިޔާވެރި އަމަލުތަކުގެ ތަފްސީލު ވީއޭއެމްއިން އާންމުކޮށް ހާމަކޮށްފި އެވެ.
އޭނާ މުޅި އުމުރަށް ވޮލީގެ އެންމެހައި މުބާރާތްތަކާއި ހަރަކާތްތަކުން ސަސްޕެންޑުކޮށް، ވީއޭއެމް އިން މިއަދު ނެރުނު ތަފްސީލީ ނޫސްބަޔާނުގައިވާ ގޮތުން، ސަފްވާން ވަނީ ގައުމީ ޓީމުގެ އަންހެން ކުޅުންތެރިއަކަށް ބިރުދައްކައި، ބްލެކްމެއިލްކޮށްގެން ތަކުރާރުކޮށް ގަދަކަމުން ޖިންސީ ގުޅުން ހިންގާފަ އެވެ. ވީއޭއެމްއިން މިއަދު މި ނޫސްބަޔާން ނެރުނީ، ސަފްވާންގެ މައްޗަށް އެޅި އިދާރީ ފިޔަވަޅުތަކާއި މައްސަލަ ބެލި ގޮތާމެދު އޭނާ މީޑިއާތަކުގައި ސައްހަ ނޫން މައުލޫމާތު ފަތުރައި، "ފްރޭމް" ކުރި ކަމަށް ބުނެ އޮޅުވާލަން މަސައްކަތް ކުރަމުންދާތީ އެވެ.
ބްލެކްމެއިލް ކޮށްގެން ހިންގި ފިތްކަނޑައިގެންދާ ވަރުގެ ޖަރީމާ
ވީއޭއެމްގެ ބަޔާނުގައިވާ ގޮތުން، 5 އޮކްޓޫބަރު 2025 ގައި އެކުލަވާލި ފަސް މެމްބަރުންގެ އެޑްހޮކް ކޮމިޝަނުން ކުރިއަށްގެންދިޔަ ތަހުގީގަށް އަނިޔާ ލިބުނު ކުޅުންތެރިޔާ ދިން ބަޔާނުގައި، އޭނާ ގައުމީ ޓީމަށް ނެގުމަށްފަހު ސަފްވާން އަމިއްލަ މެސެޖުތައް ކުރަން ފެށި ކަމަށް ބުނެފައިވެ އެވެ.
އަދި އެއަށްފަހު، ރައްޓެއްސަކާއެކު ގެސްޓްހައުސްއެއްގައި ހުންނަނިކޮށް، ފޯނުން ވީޑިއޯ ކުރަމުން ސަފްވާން އެ ކޮޓަރިއަށް ވަދެ، ކުޅުންތެރިޔާގެ ފޯނު އަތުލައި "ޔޫ ޑޯންޓް ހޭވް އަ ޗޮއިސް" އޭ ބުނެ، އެހެން ގެސްޓްހައުސްއަކަށް ގެންގޮސްފައިވާ ކަމަށް ބަޔާނުގައި ވެއެވެ. އޭގެފަހުން، އެ ވީޑިއޯއާއި ޗެޓްލޮގްތައް އާއިލާއަށާއި މަންމައަށް ދައްކާނެކަމުގެ ބިރުދައްކައިގެން، ގަދަކަމުން ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް ކުޅުންތެރިޔާ ބުންޏެވެ.
މީގެ އިތުރުން، ވީއޭއެމްއަށް ހުށަހެޅިޔަސް މައްސަލަ ނުބެލޭނެކަމަށް ބުނެ ބިރުދައްކައިގެން، ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް ސަފްވާން އޭނާއަށް ގަދަކަމުން ޖިންސީ ގޯނާކުރަމުންދިޔަ ކަމަށްވެސް ކުޅުންތެރިޔާގެ ބަޔާނުގައި ވެއެވެ. މި މައްސަލައިގައި ސަފްވާންގެ ހާޒިރުގައިވެސް ކުޅުންތެރިޔާ ބަޔާން ދީފައިވާއިރު، އެހެން ހެކިންގެ ބަޔާންތަކުންވެސް ބިރުދައްކައިގެން ޖިންސީ ގުޅުން ހިންގިކަން ވަނީ ސާބިތުވެފަ އެވެ.
ފުރަތަމަ ދިނީ 5 އަހަރުގެ އަދަބެއް، ކޮންގްރެސްއިން މުޅި އުމުރަށް ސަސްޕެންޑް ކުރީ
އެޑްހޮކް ކޮމިޝަނުގެ ތަހުގީގަށްފަހު، 15 އޮކްޓޫބަރު 2025 ގައި ވީއޭއެމްގެ އެކްސްކޯއިން ނިންމީ ސަފްވާން ކޯޗުކަމުންނާއި އެކްސްކޯއިން ވަކިކޮށް، ކުރިއަށް އޮތް 5 އަހަރަށް ވޮލީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑްކުރުމަށެވެ. ނަމަވެސް، ސަފްވާންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމުން، އެޕީލްސް ކޮމިޝަނުންވެސް ނިންމީ ނިންމުން ބާތިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ.
އޭގެފަހުން، 15 މާޗު 2026 ގައި ބޭއްވި ވީއޭއެމްގެ ކޮންގްރެސްއަށް ސަފްވާން އެކްސްކޯއިން ވަކިކުރުމުގެ މައްސަލަ ހުށަހެޅުމުން، ކޮންގްރެސްގެ މެމްބަރުން ވަނީ ސަފްވާންގެ ފަރާތުން މީގެ ކުރިންވެސް މިފަދަ ކަންކަން ފެނިފައިވާކަމަށާއި، ކުޅުންތެރިންގެ ފޮޓޯ ބޭނުންކޮށްގެން ބްލެކްމެއިލް ކުރާކަން ވޮލީ އާއިލާއަށް އެނގޭކަން ފާހަގަކުރައްވާފަ އެވެ. އަދި ކުޅުންތެރިންގެ ސަލާމަތަށްޓަކައި، މުޅި އުމުރަށް އޭނާ ވޮލީގެ ހަރަކާތްތަކުން ސަސްޕެންޑްކުރަން މެމްބަރުންގެ ވޯޓުން ވަނީ ފާސްކޮށްފަ އެވެ.
"ފްރޭމް" ކުރި ކަމަށް ބުނާ ބުނުމަކީ ސިކުނޑީގައި އުފައްދައިގެން އުޅޭ ވަސްވާހެއް
މި މައްސަލައިގައި ސަފްވާން މީޑިއާތަކަށް މައުލޫމާތު ދެމުން، އޭނާ "ފްރޭމް" ކުރަން އުޅުނު ކަމަށާއި، ސައްހަ ނޫން ބަޔާންތަކުގައި ސޮއިކުރުވަން އުޅުނު ކަމަށް ބުނެފައިވާ ބުނުންތައް ވީއޭއެމްއިން ވަނީ ކެނޑިނޭޅި ދޮގުކޮށްފަ އެވެ.
ވީއޭއެމްއިން ބުނީ ބަޔާންތައް ނަގާފައިވަނީ އަޑު ރެކޯޑު ކޮށްގެން، ފަސް މެމްބަރުންގެ ކުރިމަތީގައި އަމިއްލަ އިހުތިޔާރުގައި ކަމަށާއި، ސަފްވާން ދައްކަނީ އެއްވެސް އަސްލެއް ނެތް، އޭނާގެ ސިކުނޑީގައި އުފައްދައިގެން އުޅޭ ވަސްވާހެއް ކަމަށެވެ. އަދި އޭނާ ފްރޭމް ކުރި ކަމަށް ބުނާ މައްސަލަ ދައުލަތުގެ ކަމާބެހޭ މުއައްސަސާއަކަށް ހުށަހެޅުމަށް މަރުހަބާ ކިޔާ ކަމަށްވެސް އެސޯސިއޭޝަނުން ބުންޏެވެ.
މީގެއިތުރުން ދައުލަތުގެ އިދާރާއަކުން އިސްވެ މި މައްސަލަ ބަލަމުންދާތީ، އެފަރާތުން އެދިގެން މައްސަލައިގެ ލިޔެކިއުންތައް ހިއްސާކޮށްފައިވާނެ ކަމަށްވެސް ވީއޭއެމްއިން ބުންޏެވެ. ވީއޭއެމްއިން ނިންމާފައިވަނީ ކުޅުންތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ފަސްނުޖެހި ކުރިއަށް ދިއުމަށް ކަމަށް ވެސް ވީއޭއެމްގެ ބަޔާނުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް