އޭޝިއަން ގޭމްސްގެ ކުއާޓާއިން ޖާގަ ހޯދުމަށްފަހު، ޗައިނާއިން މިއަދު ރާއްޖެއާ ދެކޮޅަށް!
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
2019 ގައި ޗައިނާ އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން. -- ފޮޓޯ/ ޝިންހުއާ: ވަންގް ޝެން
މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި ޗައިނާގެ 23 އަހަރުން ދަށުގެ ފިރިހެން ޓީމާއި ސީނިއާ އަންހެން ޓީމުންވެސް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވަނިކޮށް، އެގައުމުގެ ސީނިއާ ފިރިހެން ގައުމީ ޓީމު މިއަދު އެކުވެރިކަމުގެ މެޗެއްގައި ރާއްޖެއާ ދެކޮޅަށް ނުކުންނާނެ އެވެ.
ޗައިނާގެ ޗޮންގްކިންގްގައި ހުންނަ ލޮންގްޝިންގް ފުޓްބޯލް ސްޓޭޑިއަމްގައި ކުޅޭ މި މެޗު ފަށާނީ ރާއްޖެ ގަޑިން ހަވީރު 4:35 ގައެވެ. މި މެޗު ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ.
މެޗުގެ ކުރިން ވާހަކަދައްކަމުން ޗައިނާގެ ކޯޗު ޝާއޯ ޖިއާޔީ ވަނީ މީގެ 25 އަހަރު ކުރިން (2001 ގެ ވޯލްޑް ކަޕް ކޮލިފައިންގައި) ކުޅުންތެރިއެއްގެ ގޮތުގައި މާލޭގައި ރާއްޖެއާ ދެކޮޅަށް ކުޅުނު އުނދަގޫ މެޗުގެ ހަނދާންތައް އާކޮށްފަ އެވެ. އެފަހަރު ރާއްޖޭން ފުރަތަމަ ހާފުގައި 0-0 އިން ހިފަހައްޓާފައިވަނިކޮށް ޗައިނާ މޮޅުވީ ވަރަށް އުނދަގުލުން 1-0 އިން ކަމަށްވާތީ، ރާއްޖެއަކީ ބަލިކަށި ޓީމެއް ކަމަށް ބަލައި ފަސޭހަކޮށްނުލުމަށާއި، އިދިކޮޅު ޓީމަށް އިހްތިރާމްކޮށްގެން ސީރިއަސްކަމާއެކު މެޗަށް ނުކުތުމަށް އޭނާ ވަނީ ކުޅުންތެރިންނަށް އިރުޝާދު ދީފަ އެވެ.
ފުރަތަމަ އުޒްބެކިސްތާނާ ދެކޮޅަށް ކުޅެން ރޭވުމަށްފަހު ކުއްލިއަކަށް ރާއްޖެއާ ދެކޮޅަށް މެޗު ހަމަޖެހުމުން ތައްޔާރީތަކަށް ބަދަލުތަކެއް ގެންނަން ޖެހުނު ނަމަވެސް، ޗައިނާއިން މި މެޗުގައި ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭނެއެވެ.
އޭޝިއަން ގޭމްސްގައި އެގައުމުގެ 23 އަހަރުން ދަށުގެ ޓީމު ކުއާޓާއަށް ދަތުރުކޮށްފައިވާއިރު، ސީނިއާ ޓީމު ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ފަހުއާދިއްތަ ދުވަހު ނިއުޒިލެންޑާ ދެކޮޅަށް ނުކުންނާނެ އެވެ.
ރާއްޖޭގެ ގައުމީ ޓީމުން މި މެޗަށް ނުކުންނަނީ ހެޑް ކޯޗު އިސްތަވާން އުރުބާނީގެ އިރުޝާދުގެ ދަށުން، އަންނަ ނޮވެމްބަރު މަހު އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުންނެވެ.
މިފަހަރު ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ސޮބާހު މުޙައްމަދު (ސޮބާ) ހަމަޖައްސާފައިވާއިރު، ހާއްސަ ކަމަކީ މީގެ 25 އަހަރު ކުރިން މާލޭގައި ޗައިނާއިން 1-0 އިން މޮޅުވި މެޗަކީ ސޮބާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗަށްވުމެވެ. ޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން ސޮބާ ވަނީ އެ މެޗު ފުލްކޮށް ކުޅެފަ އެވެ.
އިންޓަނޭޝަނަލް ބްރޭކުގައި ރާއްޖެ ޗައިނާއާ ދެކޮޅަށ ްކުޅޭ މެޗުގެ އިތުރަށް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މި މެޗަށް ފަހު ކިރިކިސްތާނަށް ގޮސް، މި މަހުގެ 28 ވަނަ ދުވަހު ކިރިކިސްޠާނާ ދެކޮޅަށް ކުޅެ، އޮކްޓޯބަރު 1 ވަނަ ދުވަހު ނުކުންނާނީ ލުބުނާނާ ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް