Article Top
ޚަބަރު •

ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ޑިޖިޓަލް އަދި އޭއައި ތަމްރީނުތަކެއް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ޑިޖިޓަލް އަދި އޭއައި ތަމްރީނުތަކެއް

ޑިޖިޓަލް ފޯ އޯލް ކެމްޕެއިންގެ ދަށުން ޑިޖިޓަލް އަދި އޭއައި ތަމްރީނުގެ ތެރެއިން.

ޑިޖިޓަލް ފޯ އޯލް ކެމްޕެއިންގެ ދަށުން ޑިޖިޓަލް އަދި އޭއައި ތަމްރީނުތައް ސަރުކާރުގެ ސިޔާސީ މަގާމު ތަކުގައި ތިއްބެވި ބޭފުޅުންނަށް އަމާޒުކޮށް ހިންގަން ފަށައިފި އެވެ.

އަލަށް ތައާރަފުވަމުން އަންނަ އީޖާދީ ޓެކްނޮލޮޖީ ތަކަށް އަހުލުވެރިވުމަށް ބޭނުންވާ އިލްމާއި ހުނަރު ސަރުކާރުގެ ކޮންމެ މުވައްޒަފަކަށް ވެސް ލިބިފައިވާކަން ކަށަވަރު ކުރުމަކީ ދިވެހި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު މޯލްޑިވްސް 2.0 ރޯޑް މެޕްގެ 7 ވަނަ ތަނބުގެ ދަށުން ހާސިލުކުރަން ބޭނުންވާ މުހިންމު އެއް އަމާޒެވެ.

ސިވިލް ސާވަންޓުން ފެށިގެން، ސިޔާސީ މަގާމު ތަކުގައި ތިއްބެވި ފަރާތްތައް ޝާމިލުވާ ގޮތަށް، ދައުލަތުގެ މުޅި ހިންގުމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެހާ މުވައްޒަފުންގެ ޑިޖިޓަލް ގާބިލިއްޔަތާއި ހުނަރުތައް އިތުރު ކުރުމަކީ، ޓެކްނޮލޮޖީގެ ރޮނގުން ގައުމަށް އަންނަމުންދާ ބަދަލުތައް މެނޭޖުކޮށް އަދި މުއައްސަސާތަކުގެ ހިންގުން ޒަމާނީ ކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

މައިންޑްކޯ އިން ބުނީ "މޯލްޑިވްސް 2.0"ގެ ދަށުން ގައުމީ ފެންވަރުގައި ޑިޖިޓަލް ގާބިލުކަން އިތުރު ކުރުމަށް ހިންގޭ ގައުމީ ކެމްޕެއިން، "ޑިޖިޓަލް ފޯ އޯލް" އިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެހީތެރިކަމާއެކު އެ އޮފީހުގެ މުވައްޒަފުންނަށާއި އަދި ސިޔާސީ މަގާމު ތަކުގައި ތިއްބެވި ބޭފުޅުންނަށް އަމާޒު ކޮށްގެން "ޑިޖިޓަލް އެންޑް އޭއައި އެސެންޝަލްސް" ނުވަތަ ޑިޖިޓަލް އަދި އޭއައި ބޭނުން ކުރުމުގެ އަސާސީ ހުނަރުތަކުގެ ތަމްރީން ޕްރޮގްރާމް މި މަހުގެ ތެރޭގައި ހިންގަން ފަށާފައިވާ ކަމަށެވެ.

މިގޮތުން، ސިޔާސީ މަޤާމު ތަކަށް އައްޔަން ކޮށްފައިވާ މުވައްޒަފުންނަށް އަމާޒުކޮށް ފެށި މި ޕްރޮގްރާމްގެ ފުރަތަމަ ބެޗް ހުސްވި ހަފުތާގައި ވަނީ ރައީސުލްޖުމްހޫރިޔާގެ އޮފީހުގައި ބާއްވާފައި އެވެ.

އަދި ދެވަނަ ބެޗުގެ ތަމްރީނުތައް މި މަހުގެ 8 އަދި 9 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށް ގެންދިޔަ އެވެ. ސިޔާސީ މަޤާމު ތަކަށް އައްޔަންކޮށްފައިވާ ބޭފުޅުންގެ ތެރެއިން 130 އަށް ވުރެ ގިނަ ބޭފުޅުން މި ތަމްރީނުތަކުގައި މިހާތަނަށް ވަނީ ބައިވެރިވެފައި އެވެ.

ޑިޖިޓަލް ފޯ އޯލް ކެމްޕެއިންގެ އަމާޒަކީ، މި އަހަރު ނިމުމުގެ ކުރިން ސަރުކާރުގެ ސިޔާސީ މަޤާމު ތަކަށް އައްޔަންކޮށްފައިވާ ގިނަ މުވައްޒަފުންނަށް ޓެކްނޮލޮޖީ އާއި ގުޅުންހުރި މި އަސާސީ ތަމްރީން ފޯރުކޮށްދިނުމެވެ.

މައިންޑްކޯ (MINDCo)ގެ އިލްމާއި އީޖާދީ ހުނަރު ތަރައްޤީ ކުރުުމުގެ ގޮފި ކަމަށްވާ ފިއުޗާ އިންސްޓިޓިއުޓުން ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ ބައިވެރިންނަށް އަމަލީ ގޮތުން ބޭނުން ހިފޭނެ ޑިޖިޓަލް އަދި އޭއައި ހުނަރުތައް ފޯރުކޮށްދިނުމަށާއި، އަލަށް ތައާރަފުވާ ޓެކްނޮލޮޖީތައް ޒިންމާދާރުކަމާއެކު ބޭނުން ކުރުން ކުރިއެރުވުމާއި، މުޅި ސަރުކާރުގެ ޑިޖިޓަލް ޤާބިލިއްޔަތާއި އޭއައި ފަދަ ފަހުގެ ޓެކްނޮލޮޖީތައް ބޭނުން ކުރުމަށް ސަރުކާރުގެ މުއައްސަސާތައް ތައްޔާރުވެފައިވާ މިންވަރު އިތުރުކޮށް ހަރުދަނާ ކުރުމެވެ.

ޑިޖިޓަލް ސަރުކާރެއް ޤާއިމު ކުރުމަށް ގެނެވޭ އިންޤިލާބީ ބަދަލުތަކަކީ ހަމައެކަނި އައު ނިޒާމުތައް ތައާރަފު ކުރުމާއި، ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމާއި، ނުވަތަ އަލަށް ނުކުންނަ ޓެކްނޮލޮޖީތައް ބޭނުން ކުރަން ފެށުމެއް ނޫނެވެ. ސަރުކާރު ހިންގުމުގައި ޑިޖިޓަލް ރޮނގުން ގެނެވޭ އިންޤިލާބީ ބަދަލުތަކުގެ ކާމިޔާބީ އަދި ވިލުންވެރިކަން ބިނާވަނީ ސަރުކާރުގެ ތެރޭގައްޔާއި، ޑިޖިޓަލް ޕްލެޓްފޯމުތަކުގައި މަސައްކަތްކުރާ މީހުންނަށް މި ކުރިއެރުންތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ބޭނުންވާ އިލްމާއި، އިތުބާރާއި، އަމަލީ ހުނަރު ލިބިފައިވާކަން ކަށަވަރު ކުރުމުގެ މައްޗަށެވެ.

"ޑިޖިޓަލް އެންޑް އޭއައި އެސެންޝަލްސް" ތަމްރީނު ފަރުމާ ކުރެވިފައި ވަނީ އަމަލީ ގޮތުން މަސައްކަތުގެ މާހައުލަށް އަމާޒު ކޮށްގެން، އޭއައިގެ ހުނަރުތައް ދަސްކޮށްދިނުމުގެ ތެރެއިން ޑިޖިޓަލް އިންޤިލާބީ ބަދަލުތަކަށް މަގުފަހި ކޮށްދިނުމަށެވެ.

ދައުލަތުގެ ހިންގުމުގެ ދާއިރާގައި "ޑިޖިޓަލް ފޯ އޯލް" ފުޅާކުރުން

ސިޔާސީ މަގާމު ތަކުގައި ތިއްބެވި ބޭފުޅުންނަށް އަމާޒުކޮށް ހިންގޭ ޑިޖިޓަލް އަދި އޭއައި ތަމްރީނު ޕްރޮގްރާމްތަކަކީ ވެސް ސަރުކާރުގެ މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި "ޑިޖިޓަލް ފޯ އޯލް" ފުޅާކުރަމަށް ހިންގޭ ކެމްޕެއިންގެ ދަށުން ހިންގޭ ހަރަކާތެކެވެ.

މި ތަމްރީނު ޕްރޮގްރާމްތައް ފެށިފަހުން، "ޑިޖިޓަލް ފޯ އޯލް" އިން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ އަދި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ އިތުރުން، މި ހަރަކާތުގައި ބައިވެރިވި ފުރަތަމަ ސަރުކާރު ހިއްސާވާ ކުންފުނި ކަމަށްވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ މުވައްޒަފުން މި ތަމްރީނުގައި ބައިވެރިކޮށްފައި އެވެ.

މި ކެމްޕޭން މިހާރު ދައުލަތުގެ 8 މުއައްސަސާއަކަށް ފުޅާކުރެވިފައިވާއިރު، 2026 ސެޕްޓެމްބަރު 15 ގައި ތަމްރީނު ސެޝަންތައް ހިންގަން ފެށި ފަހުން ދައުލަތުގެ 600 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ މިހާތަނަށް ތަމްރީނު ކުރެވިފައި އެވެ.

"ޑިޖިޓަލް ފޯ އޯލް" މެދުވެރިކޮށް ދިވެހިރާއްޖެ އިން މިސްރާބު ޖަހާފައިވަނީ، އެންމެންނަށް ވެސް ޑިޖިޓަލް އިލްމާއި ހުނަރު ލިބިފައިވާ، އަދި އިތުރަށް ޑިޖިޓަލައިޒް ވަމުންދާ މުޖުތަމައެއްގައި ފަރުދުންނަށް އިތުބާރާއި، ރައްކާތެރިކަމާއި، އުފެއްދުންތެރިކަމާއެކު ބައިވެރިވެވޭނެ މުސްތަގުބަލެއް ބިނާ ކުރުމަށެވެ.

"ޑިޖިޓަލް ފޯ އޯލް" މި ޤައުމީ ކެމްޕެއިން މައިންޑްކޯގެ ފިއުޗާ އިންސްޓިޓިއުޓް އިން ކުރިއަށް ގެންދަނީ، މިނިސްޓްރީ އޮފް އެޑިއުކޭޝަން އެންޑް ހަޔާ އެޑިއުކޭޝަން އަދި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީގެ ބެލުމުގެ ދަށުން، މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ރެގިއުލޭޓަރީ އިރުޝާދުތަކާއި އެއްގޮތަށް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތިރާޖީ ނިންމެވުންތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި ކެމްޕޭންއާ ގުޅޭ އިތުރު މައުލޫމާތު digitalforall.mv އިން ލިބޭނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް