"ތިލަފުށިން ފެށިގެން ގިރާވަރު ފަޅާއި އުތުރު ތިލަފަޅު ގުޅުވާލާ ބުރިޖުގެ ޑިޒައިނިން މަސައްކަތް ފަށަނީ"
ލިޔުންތެރިޔާ
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އަހާ ފޯރަމްގައި --
ތިލަފުށިން ފެށިގެން ގިރާވަރުފަޅާއި އުތުރުތިލަފަޅު ގުޅުވައިދޭ ބްރިޖުގެ ޑިޒައިން ކުރުމުގެ މަރުހަލާ ނުހަނު އަވަހަށް ފެށިގެންދާނެ ކަމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ހާމަކުރައްވައިފިއެވެ.
ސަރުކާރުގެ "އަހާ" ފޯރަމުގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އެ ތިން ސަރަހައްދު ގުޅާލުމަށް ބިނާކުރާ ބްރިޖުގެ ތަފްސީލީ ޑިޒައިން އެކުލަވާލުމުގެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުން އެންމެ ފުރަތަމަ އަމާޒުހިފީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) މެދުވެރިކޮށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނަމަވެސް، ކުރިމަތިވި މާލީ އަދި އިގްތިސާދީ ގޮންޖެހުންތަކާ ހެދި މިވަރުގެ ބޮޑު މަޝްރޫއަކަށް ބޭނުންވާ ލޯނު ހަމަޖެއްސުމުގައި އުނދަގޫތަކެއް ކުރިމަތިވެ، އަމަލީ މަސައްކަތް ފެށުމަށް ލަސްތަކެއް އައީ ކަމުގައި މިނިސްޓަރު ބަޔާންކުރެއްވިއެވެ.
ސަރުކާރުގެ ވިސްނުމަކީ ގައުމުގެ އިގްތިސާދީ ފުދުންތެރިކަން ރަނގަޅުވެ، ލޯނު ނެގޭނެ މަގު ތަނަވަސްވީ އެންމެ އަވަހަކަށް މި މަޝްރޫއުގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށް ގެންދިއުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަސައްކަތް އަވަސްކުރުމުގެ ގޮތުން ހަދަންޖެހޭ ފީޒިބިލިޓީ ދިރާސާތައް މިހާރު ފުރިހަމަކޮށްފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ލޯނު ހަމަޖެހުމާ ހަމައަށްދާއިރު ބްރިޖުގެ ޑިޒައިނިން މަރުހަލާތައް ނިންމައި، އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިންމުމަށް އިސްކަންދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި މި ބްރިޖުގެ މަސައްކަތް ކުންފުންޏަކާ ރަސްމީކޮށް ހަވާލުކޮށް، އަމަލީ މަސައްކަތް ފެށިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އުންމީދު އެބައޮތް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް