މިނިސްޓަރުގެ ހިސާބު: ފަތުރުވެރިކަމުން މިހާރު ލިބޭ އާމްދަނީގެ 40 އިންސައްތަ ރަސްމާލެ އިން އެކަނި ލިބޭނެ!
ލިޔުންތެރިޔާ
މިނިސްޓަރު މުއްތަލިބު
ރާއްޖޭގެ ފަތުރުވެރިކަމުން މިހާރު ލިބޭ ޖުމުލަ އާމްދަނީގެ 40 އިންސައްތަ، ރަސްމާލެ އިން އެކަނި ލިބޭނެ ކަމަށް ހައުސިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުއްޠަލިބު މިހެން ވިދާޅުވީ، ހޯމަ ދުވަހުގެ ރޭ އޮތް އަހާ ފޯރަމްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު މުއްޠަލިބު ވިދާޅުވީ މާލޭ ސަރަހައްދުގައި ހުރި އެކި އެކި ފަޅުތަކާއި ރަށްތައް ދޫކުރުމުގައި، އިޤްތިޞާދީ ގޮތުން އެންމެ ފައިދާ ވާނެ ގޮތްތަކަށް ބަލަން ޖެހޭނެ ކަމަށެވެ. އަދި އެ ތަންތަން އެ ގޮތުގައި ތަރައްޤީ ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަަމަށް މިނިސްޓަރު މުއްޠަލިބު ވިދާޅުވި އެވެ.
އެއާއެކު މިނިސްޓަރު މުއްޠަލިބު ވިދާޅުވީ ވަގުތުން ވަގުތަށް، އަދި އެއް ފަހަރާ ލިބެން އޮތް ފައިދާ އަކަށް ވުރެ ބޮޑަށް، ދުރު މުސްތަޤުބަލެއްގައި ލިބޭ ފައިދާއަކަށް ވިސްނަން ޖެހޭނެ ކަމަށެވެ. އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަަސްމާލޭގައި ހިންގާ މަޝްރޫއު އާއެކު، އެ ސަރަހައްދުގައި 8،800 ޕްރޮޕަޓީ އާއި، 30،000 އެއްހާ އެނދު ޤާއިމު ކުރެވިގެން ދާނެ ކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.
އެއާއެކު މިނިސްޓަރު މުއްޠަލިބު ވަނީ، ރަސްމާލެ އިން ލިބެން އޮތް ފައިދާ އަދަދު ތަކުން ސާފު ކޮށްދެއްވައިފަ އެވެ. އެގޮތުން 20،000 ފަޅާއި ރަށް އެއްކޮށް ދޫކޮށްފައިވާ ތަންތަނުން ލިބޭ އާމްދަނީ އަކީ ގާތް ގަނޑަކަށް 5.4 ބިލިއަން އެމެރިކާ ޑޮލަރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ޓީޖީއެސްޓީގެ ގޮތުގައި ލިބެނީ ގާތްގަނޑަކަށް 700 މިލިއަން އެމެރިކާ ޑޮލަރު ކަމަށާއި، ލޭންޑް ރެންޓުގެ ގޮތުގައި ލުވެނީ 130 މިލިއަން އެމެރިކާ ޑޮލަރު ކަމަށް ފާހަގަ ކުރެއްވި އެވެ.
އެކަން ފާހަގަ ކުރައްވައި މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، އެ ތަންތަނާ އަޅާ ބަލާއިރު ރަސްމާލޭ އިން ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި 2 ބިލިއަން އެމެރިކާ ޑޮލަަރު ލިބޭނެ ކަަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. މީގެ އިތުރުން ޓީޖީއެސްޓީގެ ގޮތުގައި 340 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ފާހަގަ ކުރައްވައި މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، މިހާރު ފަތުރުވެރިކަމުގެ މުޅި ސިނާއަތުން ލިބޭނެ ކަމަށް އަންދާޒާ ކުރާ އަދަދުގެ 40 އިންސައްތަ ރަސްމާލެ އިން އެކަނި ވެސް ލިބޭނެ ކަަމަށެވެ.
މީގެ ކުރިން ވެސް މިނިސްޓަރު މުއްޠަލިބު ވަނީ ރަސްމާލޭގައި ހިންގާ މަޝްރޫއު އާއެކު ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް އައިސް، ރާއްޖެ އަށް ލިބޭ އާމްދަނީ އާއި ބޭރު ފައިސާގެ އަދަދު ވެސް އިތުރު ވާނެ ކަމަށް ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް