16 އަހަރުގެ ޔަސީން ދިވެހި ސާފް ލީގުގެ ތާރީހު އާކޮށްލައިފި
ލިޔުންތެރިޔާ
ޔަސީން -- ފޮޓޯ/ޓީޕީޕީ
އުމުރުން އެންމެ 16 އަހަރުގައި، ގައުމީ ސީނިއާ ޓީމުގެ އެތުލީޓު ޔަސީން އަހުމަދު ނާޝިދު މިވަނީ ދިވެހި ސާފިންގެ ރެކޯޑް ފޮތްތައް މުޅިން ބަދަލުކޮށްލައިފަ އެވެ.
ދިވެހި ސާފް ލީގު ވުޖޫދުވީ ފަހުން މިހާތަނަށް އެއްވެސް އެތުލީޓަކަށް ހާސިލްކުރެވިފައިނުވާ ފަދަ ބޮޑު ކާމިޔާބީއެއް ހޯދައި، ރަންނަމާރި ޗެލެންޖް 1448 ނިމުނުއިރު ޔާސީން ވަނީ އެއް ސީޒަނެއްގައި މެންސް އޯޕަން ޑިވިޝަންގެ ލީގު ޗެމްޕިއަންކަމާއި 18 އަހަރުން ދަށުގެ ޖޫނިއާ ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ.
މި ތާރީހީ ކާމިޔާބީއާ ހަމައަށް ޔާސީން ކުރި ދަތުރަކީ ދިވެހި ސާފިންއިން މީގެ ކުރިން ފެނިފައިނުވާ ފަދަ ވަރުގަދަ ދަތުރެކެވެ. އޭނާ ވަނީ 2026 ވަނަ އަހަރުގެ ދިވެހި ސާފް ލީގުގެ ފުރަތަމަ ތިން އިވެންޓް ކަމަށްވާ ފުވައްމުލައް، މުލި، އަދި މާބައިދޫ އިވެންޓް ޖެހިޖެހިގެން ކާމިޔާބުކޮށް، މުޅި ލީގު ޑޮމިނޭޓް ކޮށްފަ އެވެ.
ލީގުގެ ހަތަރުވަނަ އަދި އެންމެ ފަހު އިވެންޓް ކަމަށްވާ ޝަރަފުވެރި ރަންނަމާރި ޗެލެންޖަށް ޔާސީން ނުކުތްއިރުވެސް އޮތީ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ބޮޑު ލީޑެއް ނަގައިފަ އެވެ. މި ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް ފުރިހަމަ ރެކޯޑެއް ހެދުމާ ކުޑަތަންވެފައިވަނިކޮށް، އޭނާގެ އަމިއްލަ ކޯޗު އަދި ދިވެހި ސާފިންގެ ލެޖެންޑް ހުސެއިން އަރިފް (އިބޫ) އާ ދެކޮޅަށް ވާދަކުރި ފޯރިގަދަ ފައިނަލް ހީޓުން ކުޑަ ތަފާތަކުން ބަލިވި ނަމަވެސް، ޔަސީން ވަނީ 2026 ވަނަ އަހަރުގެ ދިވެހި ސާފިންގެ ރަސްކަން ކަށަވަރު ކޮށްފަ އެވެ.
ލީގުގެ ރޭންކިން އަށް ބަލާއިރު ދެވަނައަށް ދިޔައީ މުހައްމަދު އިނާން އަބްދުލް ހަންނާން އެވެ. ތިންވަނައިގައި ނިންމީ ދެފަހަރު ލީގު ކާމިޔާބު ކޮށްފައިވާ އަހުމަދު އާގިލް (އަންމަޑޭ) އެވެ. ސއްޔިދު ސަލާހުއްދީން ހަތަރުވަނައަށް ދިޔައިރު ފަސްވަނައަށް ދިޔައީ އިސްމާއިލް ރަޝީދު (ސްމައިލީ) އެވެ. އަދި ހަވަނައަށް ދިޔައީ ކަޔާން އަބްދުﷲ އަރީފް އެވެ.
ދެ ކެޓަގަރީން އެންމެ ގިނަ ޖުމްލަ ޕޮއިންޓް ހޯދައިގެން ޔަސީން ވަނީ ޖޫނިއާ ލީގުގެ ޗެމްޕިއަންކަން ވެސް ދިފާއު ކޮށްފަ އެވެ. ޖޫނިއާ ލީގު ރޭންކިންގައި ވެސް ދެވަނައަށް ދިޔައީ އިނާން އެވެ. ތިންވަނައަށް ކަޔާން ހޮވުނުއިރު ހަތަރުވަނައިގައި ނިންމީ ނޫހް މުހައްމަދު ދުނެއިމް އިރުޝާދެވެ. އަދި ފަސްވަނައަށް ދިޔައީ ހުސެއިން އަޒާން އިސްމާއިލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް