ފީފާ އެމްއޭ އެލީޓް ރެފުރީ ކޯސް 30 އޮފިޝަލަކު ފުރިހަމަކޮށްފި
ލިޔުންތެރިޔާ
ކޯހުގެ އިންސްޓްރަކްޓަރުންނާއި ބައިވެރިން -- ފޮޓޯ/އެފްއޭއެމް
ރާއްޖޭގެ 30 ރެފުރީންނާއި އެސިސްޓަންޓް ރެފުރީން ބައިވެރިވި ފަސް ދުވަހުގެ ފީފާ އެމްއޭ އެލީޓް ރެފުރީންގެ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
ފީފާގެ ރީޖަނަލް ޑިވެލޮޕްމަންޓް އޮފިސަރު، މެލޭޝިއާގެ ރޮޒާލީ ޔާގޫބާއި، ފީފާގެ ޓެކްނިކަލް އިންސްޓްރަކްޓަރު، ސިންގަޕޫރުގެ ޖޯން ޗިއާ އާއެކު ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ ދިވެހި ރެފުރީންގެ ފަންނީ އިލްމާއި އަމަލީ ހުނަރުތައް އިތުރަށް ތަރައްގީކޮށް ހަރުދަނާކުރުމެވެ.
އަމަލީ ތަމްރީނުތަކާއި ކްލާސްރޫމް ސެޝަންތަކާ އެކު މި ކޯހުގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ، ވީޑިއޯ އެނަލިސިސް މެދުވެރިކޮށް މެޗުތަކުގައި ގޮތްތައް ނިންމުމުގެ ހުނަރާއި، ދަނޑުމަތީގައި ހަރަކާތްތެރިވާނެ ގޮތްތަކާއި މެޗު މެނޭޖުކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ ތަމްރީނުތަކާ އެކު ފުޓްބޯޅައިގެ ބަދަލުވަމުން އަންނަ ގަވާއިދުތަކަށް ފުރިހަމައަށް އަހުލުވެރިކުރުވުމެވެ.
މި ކޯސް ނިންމުމުގެ ރަސްމިއްޔާތު އޮތީ މިދިޔަ އާދީއްތަ ދުވަހު ހުޅުމާލޭ ސިންތެޓިކް ޓްރެކުގެ ކްލާސްރޫމްގަ އެވެ.
ފީފާއާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ރާއްޖޭގެ ރެފުރީންގެ ފެންވަރު ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށާއި، ކުރިއަށް އޮތް ތަނުގައި ބައިނަލްއަގުވާމީ މަތީ ފަންތީގެ މެޗުތަކުގައި އިންސާފުކުރެވޭ ފަދަ ގާބިލު އޮފިޝަލުން އުފެއްދުމަށް ލިބޭ ފުރުސަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް