Article Top
ކުޅިވަރު •

ލަނޑެއް ނުޖެހި ހުރިހާ މެޗަކުން ބަލިވެގެން ރާއްޖެ ސާފް ޗެމްޕިއަންޝިޕުން ކަޓައިފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ލަނޑެއް ނުޖެހި ހުރިހާ މެޗަކުން ބަލިވެގެން ރާއްޖެ ސާފް ޗެމްޕިއަންޝިޕުން ކަޓައިފި

ރާއްޖެއާ އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން --

ލަނޑެއް ނުޖެހި ހުރިހާ މެޗަކުން ބަލިވެގެން ރާއްޖެ ސާފް ޗެމްޕިއަންޝިޕުން ކަޓައިފިއެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޤައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި މިއަދު އިންޑިއާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުން ރާއްޖެ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި އިންޑިއާއިން ޖެހި ގޯލަކީ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީއަކީ ރާއްޖެ އޭރިއާ ތެރެއިން އިންޑިއާގެ އަބްދުލް ރަބީހުއަށް ރާއްޖޭގެ ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

އެ މެޗު ފަށައިގެން އިންޑިއާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ދެވަނަ ހާފުގައި ރާއްްޖެއިން ވަނީ ކުޅުން ރަނގަޅުކޮށް އިންޑިއާގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް އުފައްދައިފަ އެވެ. އެގޮތުން ދެވަނަ ހާފުގައި ކުޅެން އެރި އީތަން އިބްރާހިމް ޒަކީ އަށް މެޗުގެ އިތުރު ވަގުތުގައި ލިބުނު ހުސް ފުރުސަތުގައި ފޮނުވާލި ބޯޅަ އަމާޒުވީ އިންޑިއާ ކީޕަރުގެ މޫނަށެވެ.

މި މެޗުގައި، ބުރު ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަލީ ހަމްދާން ވަނީ ސީނިއާ ގައުމީ ޓީމަށް ފުރަތަމަ ފަހަރަށް ކުޅެފަ އެވެ. މެޗުގެ 78 ވަނަ މިނިޓުގައި އޭނާ ކުޅެން އެރީ ކުރޯގެ ބަދަލަށެވެ.

މިއަހަރުގެ ސާފު ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނިފައިވަނީ ގްރޫޕް ބީގައެވެ. ރާއްޖޭގެ އިތުރުން އިންޑިއާއާއި ޕާކިސްތާނު ހިމެނޭ އެ ގްރޫޕްގެ ފުރަތަމަ މެޗުގައި އިންޑިއާއިން ވަނީ 3-2 ގެ ނަތީޖާއަކުން ޕާކިސްތާނު ބަލިކޮށްފައެވެ.

ރާއްޖޭގެ ފުރަތަމަ މެޗުގައި 3-0 ގެ ނަތީޖާއަކުން ޕާކިސްތާނު އަތުން ބަލިވެފައިވާއިރު، ދެވަނަ މެޗުގައި އިންޑިއާ އަތުން މިއަދު ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ސާފް ޗެމްޕއިަންޝިޕްގެ ތާރީހުގައި ވެސް ރާއްޖޭޏް ހޯދި އެންމެ ދަށް ނަތީޖާ އެވެ. އަދި މިއާ އެކު ރާއްޖެ މި ވަނީ ޖެހިޖެހިގެން ދެ ސާފް ޗެމްޕިއަންޝިޕްގައި ގުރޫޕް ސްޓޭޖުން ކަޓައިފަ އެވެ.

ރާއްޖެއަށް މުބާރާތް ނިމުނުއިރު އިންޑިއާ ވަނީ ދެ މެޗުން ވެސް މޮޅުވެގެން އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ދެވަނަ ޓީމުގެ ގޮތުގައި ތިން ޕޮއިންޓާއެކު ސެމީއަށް ދަތުރުކުރީ ޕާކިސްތާނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް