Article Top
ވިޔަފާރި •

މިދިޔަ އަހަރުގެ ފައިދާ 33 އިންސައްތަ އިތުރުވެ، އައިލެންޑު އެވިއޭޝަންގެ ގެއްލުން ކުޑަވެއްޖެ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

މިދިޔަ އަހަރުގެ ފައިދާ 33 އިންސައްތަ އިތުރުވެ، އައިލެންޑު އެވިއޭޝަންގެ ގެއްލުން ކުޑަވެއްޖެ

އައިލެންޑު އެވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އިޔާސް ---

2024 ވަނަ އަހަރާ އަޅާބަލާއިރު، މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަން ލިބުނު އާމްދަނީ 33 އިންސައްތަ އިތުރުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޢާންމުކުރި އެ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޖުމުލަ އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 3.02 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2024 ވަނަ އަހަރު ލިބުނު 2.27 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 33.04 އިންސައްތައިގެ ކުރިއެރުމެކެވެ.

އާމްދަނީ އިތުރުވުމާ ގުޅިގެން، 2024 ވަނަ އަހަރު ފެށުނުއިރު 1.79 ބިލިއަން ރުފިޔާގައި ހުރި އެ ކުންފުނީގެ ގެއްލުން، މިދިޔަ އަހަރު ނިމުނުއިރު ވަނީ 1.61 ބިލިއަން ރުފިޔާއަށް ދަށްކުރެވިފައެވެ. މިއީ ގެއްލުމުން ގާތްގަނޑަކަށް %10 ގެ ކުޑަވުމެކެވެ. މީގެއިތުރުން،

މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ މިލްކިއްޔާތުގައި 4.37 ބިލިއަން ރުފިޔާގެ ހަރުމުދާ ހުރިކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު މަޢުލޫމާތުތަކަށް ބަލާއިރު، ދަޢުލަތުގެ ބަޖެޓުން ސަބްސިޑީގެ ގޮތުގައި އެ ކުންފުންޏަށް 399.75 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި ޓެކްސް ދެއްކުމަށް އެހީތެރިވުމުގެ ގޮތުން 2.08 މިލިއަން ރުފިޔާ ސަރުކާރުން ހަމަޖައްސައިދީފައިވާކަން ވެސް ބަޔާންކޮށްފައިވެއެވެ.

ކުންފުންޏަށް އާމްދަނީ ލިބުނު ދާއިރާތަކުގެ ތެރެއިން ސީޕްލޭންގެ ޚިދުމަތަށް ބަލާއިރު، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން، 2024 ގައި ސީޕްލޭންގެ ދަތުރުތަކުން 298.40 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު އެ ޚިދުމަތުން ލިބުނު ޢާމްދަނީ ވަނީ 418.36 މިލިއަން ރުފިޔާއަށް އުފުލިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް