Article Top
ޚަބަރު •

ކާމިޔާބީ މިނެކިރޭނީ އުންމީދީ އަމާޒުތަކަކުން ނޫން، ހާސިލުކުރުމަށް ހުރި ޤާބިލުކަމުގެ މައްޗަށް: ރައީސް މުޢިއްޒު

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ކާމިޔާބީ މިނެކިރޭނީ އުންމީދީ އަމާޒުތަކަކުން ނޫން، ހާސިލުކުރުމަށް ހުރި ޤާބިލުކަމުގެ މައްޗަށް: ރައީސް މުޢިއްޒު

ކޮޕް ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް މުޢިއްޒު ވަޑައިގެންނެވުމުގެ ތެރެއިން.

ދުނިޔޭގެ ފެންވަރުގައި ހަކަތައިގެ ދާއިރާ އަށް ގެންނަ ބަދަލު ތަކުގެ ކާމިޔާބީ މިނެ ކިރޭނީ، ހަމައެކަނި އިއުލާންކުރާ އުންމީދީ އަމާޒު ތަކަކުން ނޫން ކަމަށާއި، އެ އަމާޒުތައް ހާސިލުކުރުމަށް ހުރި ޤާބިލުކަމުގެ މައްޗަށް ކަަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައި ވަނީ، ތުރުކީގައި ކުރިއަށްދާ ކޮޕްގެ ހައި ލެވެލް ޑައިލޮގް، ކްލީން އެނާޖީ ޓްރާންސިޝަން އެންޑް އިލެކްޓްރިފިކޭޝަންގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ލުއި ލޯނު އެހީ އާއި، ޓެކްނޮލޮޖީ ފޯރުކޮށްދިނުމާއި، ހަކަތައިގެ އުމްރާނީ ވަސީލަތް ތަކަށް އިންވެސްޓްކުރުން ހިމެނޭހެން ބައިނަލްއަޤުވާމީ މުޖުތަމައުގެ ވަރުގަދަ އެހީތެރިކަމަކަށް ވަނީ ގޮވައިލައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ، މޫސުމަށް އަންނަ ބަދަލުތަކަށް ހައްލެއް ހޯދުމަށް ދިވެހިރާއްޖެ އިން ކުރަމުން އަންނަ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ.

އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކަށް ހައްލެއް ހޯދުމަށްޓަކައި ސާފު ހަކަތަ އަށް ބަދަލުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ދިވެހިރާއްޖެ އަށް ބަލާއިރު، އެއީ ހަކަތައިގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، އިޤްތިސާދު ހިމާޔަތް ކުރުމުގެ އިތުރުން، ރައްޔިތުންނަށް މެދުނުކެނޑި ހަކަތަ ފޯރުކޮށްދިނުމަށްޓަކައި ވެސް ނުހަނު މުހިންމު ކަމެއް ކަމަަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ހަމައެހެންމެ، ދިވެހިރާއްޖެ އަކީ ބޭރު ޤައުމުތަކުން އެތެރެކުރާ ތެލަށް ބޮޑު ތަނުން ބަރޯސާވާ ޤައުމަކަށް ވުމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި، ތެޔޮ ލިބުމަށް ކުރިމަތިވާ ހުރަސްތަކުގެ ނުރައްކާ ރާއްޖެ އަށް އޮންނަ ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެހެންކަމުން، ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަކީ ޤައުމީ ފެންވަރުގައި އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އަކީ އިއާދަކުރަނިވި ހަކަތަ އިން އުފައްދާ ކަރަންޓަށް ހެދުމަށް 2023 ވަނަ އަހަރު ވަނީ އަމާޒެއް ކަނޑައަޅުއްވާފައި ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އަދި އެ އަމާޒަށް ވާސިލުވުމަށްޓަކައި، އިއާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމުތަކާއި، ރަށް ރަށުގައި ފުޅާ ދާއިރާއެއްގައި އެފަދަ ހަކަތަ ބޭނުން ކުރުމަށް އެހީތެރިވެދޭނެ "އެނާޖީ ސްޓޯރޭޖް"، ނުވަތަ ހަކަތަ ރައްކާކުރާ ނިޒާމުތަކަށް އިންވެސްޓްމަންޓުތައް ބޭނުންވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް، އެ ބަދަލު ގެނައުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން، ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުން، ހަކަތައިގެ އުމްރާނީ ވަސީލަތްތައް ގާއިމުކޮށް ބެލެހެއްޓުމަށް ހިނގާ ޚަރަދު، ބޮޑެތި ގައުމުތަކާ އަޅާބަލާއިރު ނިސްބަތުން ވަރަށް ބޮޑު ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް