Article Top
ޚަބަރު •

ތެލަށް ބަރޯސާވުން ކުޑަ ކުރުމަކީ ޤައުމީ ފެންވަރުގައި އެންމެ އިސްކަންދޭ އެއް ކަންތައް: ރައީސް މުޢިއްޒު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ތެލަށް ބަރޯސާވުން ކުޑަ ކުރުމަކީ ޤައުމީ ފެންވަރުގައި އެންމެ އިސްކަންދޭ އެއް ކަންތައް: ރައީސް މުޢިއްޒު

ކޮޕް ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް މުޢިއްޒު ވަޑައިގެންނެވުމުގެ ތެރެއިން.

ދިވެހިރާއްޖެ އަކީ ތެލަށް ބަރޯސާވާން ޖެހޭ ޤައުމަކަށްވާއިރު، ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަކީ ޤައުމީ ފެންވަރުގައި އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައި ވަނީ، ތުރުކީގައި ކުރިއަށްދާ ކޮޕްގެ ހައި ލެވެލް ޑައިލޮގް، ކްލީން އެނާޖީ ޓްރާންސިޝަން އެންޑް އިލެކްޓްރިފިކޭޝަންގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކަށް ހައްލެއް ހޯދުމަށްޓަކައި ސާފު ހަކަތަ އަށް ބަދަލުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ދިވެހިރާއްޖެ އަށް ބަލާއިރު، އެއީ ހަކަތައިގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، އިޤްތިސާދު ހިމާޔަތް ކުރުމުގެ އިތުރުން، ރައްޔިތުންނަށް މެދުނުކެނޑި ހަކަތަ ފޯރުކޮށްދިނުމަށްޓަކައި ވެސް ނުހަނު މުހިންމު ކަމެއް ކަމަަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ހަމައެހެންމެ، ދިވެހިރާއްޖެ އަކީ ބޭރު ޤައުމުތަކުން އެތެރެކުރާ ތެލަށް ބޮޑު ތަނުން ބަރޯސާވާ ޤައުމަކަށް ވުމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި، ތެޔޮ ލިބުމަށް ކުރިމަތިވާ ހުރަސްތަކުގެ ނުރައްކާ ރާއްޖެ އަށް އޮންނަ ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެހެންކަމުން، ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަކީ ޤައުމީ ފެންވަރުގައި އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އަކީ އިއާދަކުރަނިވި ހަކަތަ އިން އުފައްދާ ކަރަންޓަށް ހެދުމަށް 2023 ވަނަ އަހަރު ވަނީ އަމާޒެއް ކަނޑައަޅުއްވާފައި ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އަދި އެ އަމާޒަށް ވާސިލުވުމަށްޓަކައި، އިއާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމުތަކާއި، ރަށް ރަށުގައި ފުޅާ ދާއިރާއެއްގައި އެފަދަ ހަކަތަ ބޭނުން ކުރުމަށް އެހީތެރިވެދޭނެ "އެނާޖީ ސްޓޯރޭޖް"، ނުވަތަ ހަކަތަ ރައްކާކުރާ ނިޒާމުތަކަށް އިންވެސްޓްމަންޓުތައް ބޭނުންވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް، އެ ބަދަލު ގެނައުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން، ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުން، ހަކަތައިގެ އުމްރާނީ ވަސީލަތްތައް ގާއިމުކޮށް ބެލެހެއްޓުމަށް ހިނގާ ޚަރަދު، ބޮޑެތި ގައުމުތަކާ އަޅާބަލާއިރު ނިސްބަތުން ވަރަށް ބޮޑު ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން އެ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، 2024 އިން 2033 އަށް ހަކަތައިގެ ދާއިރާ ކުރިއެރުވުމަށްޓަކައި ދިވެހިރާއްޖެ އިން ވަނީ "ރޯޑް މެޕް" އެއް އެކުލަވާލައްވާފައި ކަމަށް ވެސް ވިދާޅުވި އެވެ. އެ މަގުޗާޓަކީ ތެލަށް ބަރޯސާވާ ހަކަތައިގެ ނިޒާމު ތަކުން، ދެމެހެއްޓެނިވި، ޚަރަދު ކުޑަ އަދި ވަރުގަދަ އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އަކަށް ބަދަލުވުމަށް އެކުލަވާލާފައިވާ އޮނިގަނޑެއް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައި އެވެ.

އެހެންކަމުން، ލުއި ލޯނު އެހީ އާއި، ޓެކްނޮލޮޖީ ފޯރުކޮށްދިނުމާއި، ހަކަތައިގެ އުމްރާނީ ވަސީލަތް ތަކަށް އިންވެސްޓްކުރުން ހިމެނޭހެން ބައިނަލްއަޤުވާމީ މުޖުތަމައުގެ ވަރުގަދަ އެހީތެރިކަމަކަށް ރާއްޖެ އިން ވަނީ ގޮވާލައްވައިފަ އެވެ.

ދުނިޔޭގެ ފެންވަރުގައި ހަކަތައިގެ ދާއިރާ އަށް ގެންނަ ބަދަލު ތަކުގެ ކާމިޔާބީ މިނެ ކިރޭނީ، ހަމައެކަނި އިއުލާންކުރާ އުންމީދީ އަމާޒު ތަކަކުން ނޫން ކަމަށާއި، އެ އަމާޒުތައް ހާސިލުކުރުމަށް ހުރި ޤާބިލުކަމުގެ މައްޗަށް ކަަމަށް ރައީސް ވަނީ ވިދާޅުވި އެވެ.

ރައީސް މުޢިއްޒުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ސާފު އަދި ވަރުގަދަ ހަކަތައިގެ މުސްތަޤުބަލެއް ބިނާ ކުރުމަށް ދިވެހިރާއްޖެ އިން ދެމި އޮންނާނެ ކަމުގެ ޔަޤީންކަން އަރުއްވާ ކަމަށެވެ. އަދި އެ ޤައުމީ މަޤުސަދު ހާސިލު ކުރުމަށް ބައިނަލްއަޤުވާމީ ބައިވެރިންނާއެކު މަސައްކަތް ކުރުމަށް ރާއްޖެ އިން އުންމީދުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް