މޫސުމީ ބަދަލުތަކާ ގުޅޭ ކަންކަމުގައި މާލީ ނިޒާމަށް އިސްލާހު ގެނައުމާއި، އަމަލީ ނަތީޖާ ދެއްކުމަށް ރައީސް ގޮވާލައްވައިފި
ލިޔުންތެރިޔާ
އދ. ގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ބައްދަލުވުމުގައި ރައީސް ރާއްޖޭގެ ގައުމީ ބަޔާން އިއްވަވަނީ.
މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ބައިނަލްއަޤުވާމީ މުޖުތަމައުން ވެފައިވާ އިލްތިޒާމުތަކަށް އިހުތިރާމްކުރުމަށާއި، ބައިނަލްއަޤުވާމީ މާލީ އޮނިގަނޑަށް އިސްލާހު ގެނައުމަށާއި، ސިޔާސީ ގޮތުން ވެފައިވާ ވައުދުތައް އަމަލީ ގޮތުން ފެންނަ ކުރިއެރުންތަކަކަށް ބަދަލުކުރުމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވައިފި އެވެ.
އދ. ގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ބައްދަލުވުމުގައި ރާއްޖޭގެ ގައުމީ ބަޔާން އިއްވަވަމުން، ރައީސް ވަނީ އެންމެން ގުޅިގެން މަސައްކަތް ކުރުމުގައި އިސްކަންދޭންޖެހޭ ތިން ދާއިރާއެއް ފާހަގަކުރައްވާފައި އެވެ. އެއީ މާލީ އެހީތެރިކަމާއި، އިސްލާހީ ބަދަލުތަކާއި، އަދި ވައުދުތައް ތަންފީޒު ކުރުމެވެ.
މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، އެ އެހީއަކީ އައު، އިތުރު، ލަފާކުރެވޭ އަދި ހިލޭ އެހީގެ މައްޗަށް ބިނާވެފައިވާ އެހީއަކަށް ވާންޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން، ގްރީން ކްލައިމެޓް ފަންޑަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށާއި، އެޑަޕްޓޭޝަން ފަންޑަށް އެކަށީގެންވާ ރައުސްމާލު ހޯދުމަށާއި، ލޮސް އެންޑް ޑެމޭޖް ފަންޑަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް އެމަނިކުފާނު ބާރުއެޅުއްވި އެވެ. އަދި މޫސުމީ ބަދަލުތައް މެދުވެރިވުމުގައި އެއްވެސް ދައުރެއް ނެތް ނާޒުކު ގައުމުތަކުން، އެ ކާރިސާތަކުން އަރައިގަތުމަށްޓަކައި ދަރަނި ނަގަންޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް) ކުރިމަތިވާ ތަފާތު ނާޒުކު ހާލަތްތައް ބަލައިގަނެވޭނެ ފަދަ ގޮތަކަށް ބައިނަލްއަގުވާމީ މާލީ އޮނިގަނޑު އިސްލާހުކުރުމަށް ވެސް ރައީސް ގޮވާލެއްވި އެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި، ކްރެޑިޓް ރޭޓިން އެޖެންސީތަކުން މޫސުމީ އިންވެސްޓްމަންޓްތައް ވަޒަންކުރާ ގޮތް އަލުން މުރާޖައާ ކުރަންޖެހޭ ކަމަށާއި، މޫސުމީ ބަދަލުތަކަށް ކެތްތެރިކަން އިތުރުކުރުމަކީ މާލީ ބުރައެއްގެ ބަދަލުގައި އެންމެންގެ މުސްތަގުބަލަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ މަދު ވަސީލަތްތަކާއި ބައިނަލްއަގުވާމީ އެހީތެރިކަން ބޭނުންކޮށްގެން ކާބޯތަކެއްޗާއި، ހަކަތަ އަދި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ރައީސް ބަޔާންކޮށްދެއްވި އެވެ. އަދި މޫސުމީ ބަދަލުތަކާ ގުޅޭ މާލީ އެހީތެރިކަން ހޯދުމުގައި ރާއްޖެ އިން ހޯދާފައިވާ ކުރިއެރުންތައް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ހަމައެހެންމެ، ގްރީން ކްލައިމެޓް ފަންޑުން ރާއްޖޭގެ ފުރަތަމަ ނޭޝަނަލް ޑައިރެކްޓް އެކްސެސް އެންޓިޓީ އަށް ދާދި ފަހުން އެކްރެޑިޓޭޝަން ލިބިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. މިއީ އޭޝިއާގެ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން މިފަދަ އެކްރެޑިޓޭޝަނެއް ލިބުނު ފުރަތަމަ ފަހަރެވެ. މި ކާމިޔާބީ އަކީ މޫސުމީ ބަދަލުތަކާ ގުޅޭ މާލީ އެހީތެރިކަން ހޯދުމަށާއި އެހީ ފޯރުކޮށްދިނުމަށް ރާއްޖޭގެ މުއައްސަސާތައް ތައްޔާރަށް އޮތްކަން ހާމަކޮށްދޭ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ވައުދުތައް ތަންފީޒު ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، މޫސުމީ ބަދަލުތަކާ ގުޅޭ އުންމީދުތައް އަމަލީ ނަތީޖާއަކަށް ބަދަލުކުރުމަށްޓަކައި އެކަށީގެންވާ މާލީ އެހީތެރިކަމާއި، ޓެކްނޮލޮޖީ ބަދަލުކުރުމާއި، އަދި ސިޔާސީ އިލްތިޒާމް ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކުދި ޖަޒީރާ ގައުމުތަކުގެ އަމިއްލަ ތަރައްގީގެ މަގުތައް ކަނޑައެޅުމުގެ ބާރު އެ ގައުމުތަކަށް ލިބިދޭ ބައިނަލްއަގުވާމީ ނިޒާމަކަށް އެމަނިކުފާނު ވަކާލާތު ކުރެއްވި އެވެ.
ބަޔާން ނިންމަވާލައްވަމުން، އިންސާފާއި، ޒިންމާދާރުކަމާއި، އަދި އަމަލީ މަސައްކަތްތަކަށް ރައީސް ގޮވާލެއްވި އެވެ. އަދި ބައިނަލްއަގުވާމީ އިލްތިޒާމްތަކާއި ވައުދުތައް ފުރިހަމަކުރުމުގެ ތެރެއިން، ގިނަ ގައުމުތައް ގުޅިގެން ކުރާ މަސައްކަތުން ނަތީޖާ ނެރެވިދާނެކަން ކޮޕް31 ބައްދަލުވުމުން ސާބިތުކޮށްދިނުމަށް އެމަނިކުފާނު ބާރުއެޅުއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް