Article Top
ޚަބަރު •

ކަނޑުތައް ހިމާޔަތްކުރުމާއި، އުފެއްދުންތެރިންގެ ޒިންމާ އިތުރުކުރުމާ ގުޅޭ ގޮތުން ފަސްޓް ލޭޑީ ވާހަކަ ދައްކަވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ކަނޑުތައް ހިމާޔަތްކުރުމާއި، އުފެއްދުންތެރިންގެ ޒިންމާ އިތުރުކުރުމާ ގުޅޭ ގޮތުން ފަސްޓް ލޭޑީ ވާހަކަ ދައްކަވައިފި

"ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ފަސްޓް ލޭޑީ ވާހަކަ ދައްކަވަނީ.

ކުނި އުފެދޭ މަސްދަރު ތަކުން ކުނި މަދުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އުފެއްދުންތެރިންގެ ޒިންމާ އިތުރު ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖު ކުރުމުގެ ތެރެއިން ކަނޑުގެ މާހައުލުތައް ހިމާޔަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބާރުއަޅުއްވައިފި އެވެ.

އެކަމަނާ މިހެން ވިދާޅުވީ، އދ.ގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ 31 ވަނަ ކޮންފަރެންސް (ކޮޕް31) ގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ތުރުކީ އަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ އަންޓަލްޔާގައި ބޭއްވި "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތުރުކީގެ ފަސްޓް ލޭޑީ އެމިނޭ އުރުދުޣާން އިންތިޒާމު ކުރެއްވި މި ބައްދަލުވުމަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމާއި ތިމާވެށި ހިމާޔަތްކުރުމުގައި ބައިނަލްއަޤުވާމީ އެއްބާރުލުން އިތުރު ކުރުމަށްޓަކައި ދުނިޔޭގެ ޤައުމުތަކުގެ އިސްވެރިންގެ އަނބިކަނބަލުންނާއި، ފިރިކަލުން އެއްތަނަކަށް ޖަމާކޮށްގެން ބޭއްވި ބައްދަލުވުމެކެވެ.

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، ކަނޑަށް އުކާލެވޭ ކުނީގެ ސަބަބުން ފަރުތަކަށާއި، ކަނޑުގެ ދިރުންތަކަށާއި، ކާނާގެ ނިޒާމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އަދި ކުންޏަކީ އުކާލުމުން އަމިއްލަ އަށް ނެތިގެންދާ އެއްޗެއް ނޫންކަން އެކަމަނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، ދުނިޔޭގެ "ޒީރޯ ވޭސްޓް މޫވްމަންޓް" ކުރިއެރުވުމުގައި ތުރުކީގެ ފަސްޓް ލޭޑީ އެމިނޭ އުރުދުޣާން އަދާކުރައްވާ އިސް ދައުރަށް ތައުރީފު ކުރައްވައި، "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ ތަސައްވުރާއި މަގުސަދުތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން އެކަމަނާ ކަށަވަރު ކޮށްދެއްވި އެވެ.

ދިވެހިރާއްޖެ އިން ކުނި މެނޭޖުކުރުމަށް އަޅާފައިވާ ގާނޫނީ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން، ރައީސް މުޢިއްޒު މިދިޔަ އޯގަސްޓް މަހު ތަސްދީގު ކުރެއްވި ކުނި މެނޭޖްކުރުމުގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ މައުލޫމާތު އެކަމަނާ ހިއްސާކުރެއްވި އެވެ. މި އިސްލާހުތަކުގެ ދަށުން، ރާއްޖެ އަށް ގަވާއިދާ ހިލާފަށް ކުނި އެތެރެ ކުރުން މަނާކޮށް، ނުރައްކާތެރި ކުނީގެ ވިޔަފާރި ހުއްދަ ނެތި ކުރާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅާފައި އެވެ.

ކުނި މެނޭޖުކުރުމަކީ އެންމެންގެ ޒިންމާއެއްކަން ފާހަގަ ކުރައްވަމުން، ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ގައުމުތަކުން، އެހެން ގައުމުތަކުގައި އުފައްދައި ބަންދުކޮށްގެން އެކްސްޕޯޓުކުރާ ތަކެތިން އުފެދޭ ކުނި މެނޭޖު ކުރުމުގެ ބުރަ އުފުލަންޖެހޭކަން އެކަމަނާ ފާހަގަކުރެއްވި އެވެ. އަދި އުފެއްދުންތެރިންގެ ޒިންމާ އަކީ ހަމައެކަނި މުދާ ވިއްކާލުން ކަމުގައި ވެގެން ނުވާނެ ކަމަށާއި، "ސާކިއުލާ އިކޮނޮމީ" އަކަށް ބަދަލުވުމަށްޓަކައި އުފެއްދުންތެރިންގެ ޒިންމާ އިތުރުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ތަކެތި ބަންދުކުރުމާއި، އައު އީޖާދީ ޓެކްނޮލޮޖީތަކާއި، މާލީ އެހީތެރިކަން ބޭނުންވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ދެމެހެއްޓެނިވި ބަދަލެއް ގެނައުމުގައި އާއިލާތަކާއި، ސުކޫލުތަކާއި، މުޖުތަމައުގެ ދައުރު ބޮޑުކަން ފާހަގަ ކުރައްވަމުން، ހާއްސަކޮށް ކުދިންނަކީ ތިމާވެށީގެ ހިމާޔަތްތެރިންގެ ގޮތުގައި ބައްޓަންކުރުމުގެ މުހިންމުކަން ފަސްޓް ލޭޑީ ފާހަގަ ކުރެއްވި އެވެ. އަދި ދާއިމީ ބަދަލެއް ފެށެނީ ގޭތެރެއިން ކަމަށާއި، އެކަން ހަރުދަނާވަނީ ސުކޫލުތަކުން ކަމަށާއި، އަދި އެ ބަދަލު ފުޅާވެގެންދަނީ މުޅި މުޖުތަމައުގެ ތެރެއިން ކަމަށް އެކަމަނާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ރަސްމީކޮށް ވަނީ އިފްތިތާހުކޮށްފައި އެވެ. މިއީ ތުރުކީގެ ފަސްޓް ލޭޑީ އެމިނޭ އުރުދުޣާންގެ އިސްނެންގެވުމާއެކު 2017 ވަނަ އަހަރު ފެށި "ޒީރޯ ވޭސްޓް މޫވްމަންޓް" ގެ މައްޗަށް ބިނާކޮށް އުފެއްދި ބައިނަލްއަގުވާމީ އިސްނެގުމެކެވެ. މި އެލަޔަންސްގެ މަގުސަދަކީ ސަރުކާރުތަކާއި، އދ. ގެ އިދާރާތަކާއި، ބައިނަލްއަގުވާމީ ބައިވެރިން ގުޅިގެން ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ އުސޫލުތައް ފުޅާކުރުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް