ފަސްޓް ލޭޑީ ސާޖިދާ، ތުރުކީގެ ފަސްޓް ލޭޑީއާ ބައްދަލު ކުރައްވައިފި
ލިޔުންތެރިޔާ
ފަސްޓް ލޭޑީ ސާޖިދާ، ތުރުކީގެ ފަސްޓް ލޭޑީއާ ބައްދަލު ކުރެއްވުމުގެ ތެރެއިން.
ތުރުކީގައި މިހާރު ކުރިއަށްދާ ކޮޕް ސަމިޓުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާންގެ އަނބިކަނބަލުން އެމިނޭ އުރުދުޣާންއާ ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުވކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ކުނި މަދުކުރުމަށް ބާރުއަޅާ "ޒީރޯ ވޭސްޓް" އިސްނެގުމުގެ ދަށުން ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި އެވެ.
މީގެ އިތުރުން، ތިމާވެށި ހިމާޔަތް ކުރުމަށާއި ކުނި މަދުކުރުމަށް ކުރެވޭ މަސައްކަތް ތަކުގައި ޒުވާނުންނާއި، އަންހެނުން އަދި ކުޑަކުދިންގެ ބައިވެރިވުން އިތުރު ކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި ވާހަކަ ދެއްކެވި އެވެ.
"ޒީރޯ ވޭސްޓް މޫވްމަންޓް"ގެ ބައްދަލުވުމުގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، ކަނޑަށް އުކާލެވޭ ކުނީގެ ސަބަބުން ފަރުތަކަށާއި، ކަނޑުގެ ދިރުންތަކަށާއި، ކާނާގެ ނިޒާމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އަދި ކުންޏަކީ އުކާލުމުން އަމިއްލަ އަށް ނެތިގެންދާ އެއްޗެއް ނޫންކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ދުނިޔޭގެ "ޒީރޯ ވޭސްޓް މޫވްމަންޓް" ކުރިއެރުވުމުގައި ތުރުކީގެ ފަސްޓް ލޭޑީ އެމިނޭ އުރުދުޣާން އަދާކުރައްވާ އިސް ދައުރަށް ތައުރީފު ކުރައްވައި، "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ ތަސައްވުރާއި މަގުސަދުތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން އެކަމަނާ ކަށަވަރު ކޮށްދެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް