ޗެސް އެސޯސިއޭޝަންގެ އާ ރައީސަކަށް ރާއްޖޭގެ ފުރަތަމަ ފިޑޭ މާސްޓާ އަޝްރަފް
ލިޔުންތެރިޔާ
އަޝްރަފް (އިށީނދެގެން، ކަނާތުން 3 ވަނަ) -- ފޮޓޯ/ ޕީއެސްއެމް
ކުރީގެ ރައީސްގެ މައްޗަށް 1.4 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއްކޮށް ސަސްޕެންޑް ކޮށްފައިވަނިކޮށް، މޯލްޑިވްސް ޗެސް އެސޯސިއޭޝަން (އެމްސީއޭ) ގެ އާ ހިންގާ ކޮމިޓީ އިންތިހާބުކޮށްފި އެވެ.
އަލަށް އިންތިހާބުކުރި އެސޯސިއޭޝަންގެ ރައީސަކީ ދިވެހިރާއްޖޭގެ ފުރަތަމަ ފިޑޭ މާސްޓާ ލަގަބް ހޯދި އަހުމަދު އަޝްރަފް އެވެ. ރައީސްގެ މަގާމަށް މި އިންތިހާބުގައި ވާދަކުރެއްވީ އޭނާ އެކަންޏެވެ.
އަޝްރަފް ފިޑޭ މާސްޓާގެ ލަގަބް ހޯދާފައި ވަނީ 2012 ވަނަ އަހަރެވެ. އަދި 2020 ވަނަ އަހަރު އޭނާ ވަނީ ފިޑޭ އާބިޓާ ލައިސެންސް ވެސް ހޯދައިފަ އެވެ.
އަލަށް އިންތިހާބުވި ކޮމިޓީ:
ރައީސް: އަހުމަދު އަޝްރަފް (ކުލަބު ޑަބަލް އެއިޓް)
ނައިބު ރައީސުން: ހުސެއިން ވިޝާއު މުހައްމަދު (ކާސަލް ޗެސް ކުލަބު އެންޑް އެކެޑަމީ) އަދި އިބްރާހީމް އަފްރާތު (ޒުގްޒްވާންގް ޗެސް ކުލަބު)
ހަޒާންދާރު: އަހުމަދު ޝާމް (ޕާސްޑް ޕޯންސް ޗެސް ކުލަބު އެންޑް އެކެޑަމީ)
އަންހެން މެންބަރު: އައިޝަތު މިންނާ (ކުލަބު ބެސްޓް މޫވް)
ކުލަބު މެންބަރުން: އިބްރާހީމް ފަރުހާދު (ކުލަބު ޗެކްމޭޓް)، ހުސެއިން ރަޝީދު (މޯލްޑިވްސް ޗެސް ކުލަބު)، އާދަމް ނާސިހު (ރޯޔަލް ޗެސް ކުލަބު)، އާދަމް އިބްރާހީމް (ޖީނިއަސް ޗެސް އެކެޑަމީ)
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ޗެސް އާކޭޑުގައި ބޭއްވި މި އިންތިހާބީ ޖަލްސާ ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ހާއްސަ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ. އެސޯސިއޭޝަންގެ ކުރީގެ ރައީސް ނޫހު އަލީގެ މައްޗަށް ކުރެވުނު ހިޔާނާތުގެ މައްސަލައާ ގުޅިގެން، ކޮމިޝަނާ އޮފް ސްޕޯޓްސް އިން މިއަހަރުގެ އޮގަސްޓް މަހު ކުރީގެ ކޮމިޓީ ސަސްޕެންޑް ކުރުމަށްފަހު، މިނިވަން އިންތިހާބެއް ބޭއްވުމަށް ވަނީ މަގުފަހި ކޮށްދީފަ އެވެ.
ހިޔާނާތުގެ މައްސަލައިގައި ޗެސް ކުލަބުތަކުން ހޯދި ބޭންކް ސްޓޭޓްމަންޓުތަކުން ދައްކާ ގޮތުގައި، ކުޅިވަރާ ބެހޭ ވުޒާރާއިން އެސޯސިއޭޝަނަށް ދޫކުރި 1.5 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން 1.46 މިލިޔަން ރުފިޔާ ވަނީ ކުރީގެ ރައީސް ނޫހުގެ އަމިއްލަ އެކައުންޓަށާއި އޭނާގެ އާއިލީ މެންބަރުންގެ އެކައުންޓުތަކަށް ޖަމާކޮށްފަ އެވެ. ނަމަވެސް، މި ތުހުމަތުތައް ދޮގުކުރައްވަމުން ނޫހު ވިދާޅުވެފައިވަނީ އެ ފައިސާއަކީ ގައުމީ ޓީމުތަކުގެ ދަތުރުތަކަށާއި، އިދާރީ ހަރަދުތަކުގެ އިތުރުން ޑޮލަރު ގަތުމަށް ބޭނުންކޮށްފައިވާ ފައިސާ ކަމަށެވެ. ނަމަވެސް ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލެއް އެއްވެސް ރަސްމީ ލިޔެކިޔުމަކުން ފެންނާކަށް ނެތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް