Article Top
ޚަބަރު •

ކޮޕްގެ ހަވާސާގައި އޭޑީބީ އިން ބޭއްވި ޕެނަލް ޑިސްކަޝަންގައި ރާއްޖެ އިން ބައިވެރިވެއްޖެ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ކޮޕްގެ ހަވާސާގައި އޭޑީބީ އިން ބޭއްވި ޕެނަލް ޑިސްކަޝަންގައި ރާއްޖެ އިން ބައިވެރިވެއްޖެ

އޭޑީބީ އިން ބޭއްވި ޕެނަލް ޑިސްކަޝަންގައި އަމްޖަދު ޢަބްދުﷲ ވާހަކަ ދައްކަވަނީ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ބާއްވާ ކޮޕް ސަމިޓުގެ ހަވާސާގައި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން އިންތިޒާމު ކޮށްގެން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ދިވެހިރާއްޖޭ އިން ބައިވެރިވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ފަރާތުން މި ޕެނަލް ޑިސްކަޝަންގައި ބައިވެރިވީ، އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަމްޖަދު ޢަބްދުﷲ އެވެ.

މި ޕެނަލް މަޝްވަރާ އަކީ އައްސޭރިފަށުގެ ސަރަހައްދުތައް ހިމާޔަތް ކުރުމާއި، މޫސުމީ ވިލުންވެރިކަން (ކޯސްޓަލް ރެޒިލިއަންސް) އިތުރުކުރުމާ ގުޅޭ ގޮތުން ބޭއްވުނު މުހިންމު ސެޝަން އެކެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމްޖަދު ޢަބްދުﷲ ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށް ތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެ އިން ހޯދާފައިވާ ކާމިޔާބީތަކާއި، މި ދާއިރާ އިން ރާއްޖެ އިން އިސްކަންދޭ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައި އެވެ. އަދި ނާޒުކު ތިމާވެއްޓެއް އޮތް ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް އައްސޭރިފަށުގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މޫސުމީ ބަދަލުތަކަށް ހޭނުމަށްޓަކައި ރާއްޖެ އިން ކަނޑައަޅާފައިވާ ލަނޑު ދަނޑިތައް އެދެވޭ މިންވަރެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ޙާސިލު ކުރުމަށްޓަކައި ބައިނަލްއަޤުވާމީ މުޖުތަމައުގެ އެހީތެރިކަން އިތުރު ކުރަން ޖެހޭ ކަމަށް އަމްޖަދު ވިދާޅުވި އެވެ. ޚާއްސަކޮށް، މާލީ އެހީތެރިކަމާއި ފަންނީ އެއްބާރުލުން ފުޅާ ދާއިރާއެއްގައި ލިބުމަކީ، މިފަދަ މަޝްރޫއުތައް ވަގުތުން ވަގުތަށް ތަންފީޒު ކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މި ސަމިޓުގައި ދިވެހިރާއްޖެ އިން އަންނަނީ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމުތަކުގެ އަޑު ބައިނަލްއަޤުވާމީ މައިދާނުގައި އުފުލައި، މޫސުމީ މާލީ އެހީ ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް