ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ރައީސް ވާހަކަ ދައްކަވައިފި
ލިޔުންތެރިޔާ
ޖީސީސީއެމް އިން އިންތިޒާމު ކޮށްގެން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.
އެކުވެރި ދައުލަތްތަކުގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ 31 ވަނަ ކޮންފަރެންސް (ކޮޕް31) ގެ ހަވާސާގައި، ތުރުކީގެ އަންޓަލްޔާގައި މިއަދު ބޭއްވި "ސީ-ލެވެލް ރައިޒް: މަލްޓި-ލެވެލް އެކްޝަން ފޯ ކޯސްޓަލް ރެސިލިއެންސް" ސެޝަނުގައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ތަޤުރީރު ކުރައްވައިފި އެވެ.
ޔޫއެން ގްލޯބަލް ސެންޓަ ފޯ ކްލައިމެޓް މޮބިލިޓީ (ޖީސީސީއެމް) އިން އިންތިޒާމު ކޮށްގެން ބޭއްވި މި މަތީ ފަންތީގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައި އެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ހުރިހާ ފަންތިއެއްގެ ޕްލޭނިންގް އަދި ނިންމުންތައް ނިންމުމުގައި، ސިޓީ ތަކުގެ ތަހައްމަލުކުރުމުގެ ގާބިލުކަން ނުވަތަ އާބަން ރެސިލިއެންސް އިތުރު ކުރުމަށް އިސްކަން ދިނުމުގެ މުހިންމު ކަމުގެ މައްޗަށް ބާރުއެޅުއްވި އެވެ.
މި ބައްދަލުވުމަކީ ތުރުކީގައި މިހާރު ކުރިއަށްދާ ކޮޕް ސަމިޓުގެ ހަަވާސާގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ޤައުމުތަކުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައި އެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ސަމިޓުގައި ރައީސް މުޢިއްޒު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ބަޔާން ވެސް އިއްވަވައިފަ އެވެ. މީގެ އިތުރުން، މަތީ ފަންތީގެ މަޝްވަރާގެ ބައްދަލުވުންތަކުގައި ވެސް ރައީސް މުޢިއްޒު ވަނީ ބައިވެރިވެ ވަޑައިގެންފައި އެވެ. އަދި ބައްދަލުވުމަށް ވަޑައިގެންނެވި އެކި އެކި ޤައުމުތަކުގެ އިސްވެރިންނާ، އެމަނިކުފާނު ވަނީ ބައްދަލު ކުރައްވައިފަ އެވެ.
މީގެ އިތުރުން ކޮޕް ސަމިޓުގައި ބުދަ ދުވަހު ރައީސް މުޢިއްޒު ވަނީ ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަކީ ޤައުމީ ފެންވަރުގައި އެންމެ އިސްކަންދޭ އެއްް ކަންތައް ކަމަށް ވިދާޅުވެފައި އެވެ. އަދި ދިވެހިރާއްޖެ އަކީ ތެލަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، ދުނިޔޭގެ ބާޒާރަށް ކުރިމަތިވާ ނުތަނަވަސްކަމުގެ އަސަރު ރާއްޖެ އަށް ކުރަމުން އަންނަ ކަަމަށް ވެސް ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ބައިނަލްއަޤުވާމީ މުޖުތަމައުން ވެފައިވާ އިލްތިޒާމުތަކަށް އިހުތިރާމްކުރުމަށާއި، ބައިނަލްއަޤުވާމީ މާލީ އޮނިގަނޑަށް އިސްލާހު ގެނައުމަށާއި، ސިޔާސީ ގޮތުން ވެފައިވާ ވައުދުތައް އަމަލީ ގޮތުން ފެންނަ ކުރިއެރުންތަކަކަށް ބަދަލުކުރުމަށް ވެސް ރައީސް މުޢިއްޒު ވަނީ ގޮވާލައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް