މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް ރައީސް ގޮވާލައްވައިފި
ލިޔުންތެރިޔާ
ދަ ސެކަންޑް ޑެކޭޑް އޮފް ދަ ޕެރިސް އެގްރީމަންޓް: އެކްސެލެރޭޓިން އިމްޕްލިމެންޓޭޝަން އެންޑް އެކްސެސް ޓު ފައިނޭންސް ގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.
މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ގޮވާލައްވައިފި އެވެ.
ތުރުކީގެ އަންޓާލިއާގައި މިހާރު ކުރިއަށްދާ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ 31 ވަނަ ކޮންފަރެންސް (ކޮޕް31) ގެ ހަވާސާގައި ބޭއްވި "ދަ ސެކަންޑް ޑެކޭޑް އޮފް ދަ ޕެރިސް އެގްރީމަންޓް: އެކްސެލެރޭޓިން އިމްޕްލިމެންޓޭޝަން އެންޑް އެކްސެސް ޓު ފައިނޭންސް" މި މައުޟޫއަށް ޚާއްސަކޮށްގެން ބޭއްވި މަތީ ފަންތީގެ ވަށްމޭޒު ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ރައީސް މުޢިއްޒު ވަނީ ތަޤުރީރު ކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ، ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާއި (ސިޑްސް)، މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު އެހެން ޤައުމު ތަކުގެ ހާލަތަށް ރިއާޔަތްކޮށް، މޫސުމީ ބަދަލު ތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް ގޮވާލައްވައިފަ އެވެ. އަދި އެފަދަ އެހީތަކަކީ އެކަށީގެންވާ އަދި ޤައުމު ތަކުގެ ހަޤީޤީ ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ފޯރުކޮށްދޭ އެހީތަކަކަށް ވާން ޖެހޭ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައި އެވެ.
މީގެ އިތުރުން ބުރާސްފަތި ދުވަހު ރައީސް މުޢިއްޒު ވަނީ، "ސީ-ލެވެލް ރައިޒް: މަލްޓި-ލެވެލް އެކްޝަން ފޯ ކޯސްޓަލް ރެސިލިއެންސް" ސެޝަނުގައި ވެސް ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ޔޫއެން ގްލޯބަލް ސެންޓަ ފޯ ކްލައިމެޓް މޮބިލިޓީ (ޖީސީސީއެމް) އިން އިންތިޒާމު ކޮށްގެން ބޭއްވި މި މަތީ ފަންތީގެ އެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ތަޤުރީރު ކުރައްވައިފަ އެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ސަމިޓުގައި ބުދަ ދުވަހު ރައީސް މުޢިއްޒު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ބަޔާން ވެސް އިއްވަވައިފަ އެވެ. މީގެ އިތުރުން، މަތީ ފަންތީގެ މަޝްވަރާގެ ބައްދަލުވުންތަކުގައި ވެސް ރައީސް މުޢިއްޒު ވަނީ ބައިވެރިވެ ވަޑައިގެންފައި އެވެ. އަދި ބައްދަލުވުމަށް ވަޑައިގެންނެވި އެކި އެކި ޤައުމުތަކުގެ އިސްވެރިންނާ، އެމަނިކުފާނު ވަނީ ބައްދަލު ކުރައްވައިފަ އެވެ.
މީގެ އިތުރުން ކޮޕް ސަމިޓުގައި ބުދަ ދުވަހު ރައީސް މުޢިއްޒު ވަނީ ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަކީ ޤައުމީ ފެންވަރުގައި އެންމެ އިސްކަންދޭ އެއްް ކަންތައް ކަމަށް ވިދާޅުވެފައި އެވެ. އަދި ދިވެހިރާއްޖެ އަކީ ތެލަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، ދުނިޔޭގެ ބާޒާރަށް ކުރިމަތިވާ ނުތަނަވަސްކަމުގެ އަސަރު ރާއްޖެ އަށް ކުރަމުން އަންނަ ކަަމަށް ވެސް ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ބައިނަލްއަޤުވާމީ މުޖުތަމައުން ވެފައިވާ އިލްތިޒާމުތަކަށް އިހުތިރާމްކުރުމަށާއި، ބައިނަލްއަޤުވާމީ މާލީ އޮނިގަނޑަށް އިސްލާހު ގެނައުމަށާއި، ސިޔާސީ ގޮތުން ވެފައިވާ ވައުދުތައް އަމަލީ ގޮތުން ފެންނަ ކުރިއެރުންތަކަކަށް ބަދަލުކުރުމަށް ވެސް ރައީސް މުޢިއްޒު ވަނީ ގޮވާލައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް