Article Top
ޚަބަރު •

"މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކަންތައްތަކީ، ރާއްޖޭގެ މުސްތަޤުބަލު ކަނޑައަޅާނެ ކަންތައްތަކަށް ވިޔަ ނުދޭނަން"

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

"މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކަންތައްތަކީ، ރާއްޖޭގެ މުސްތަޤުބަލު ކަނޑައަޅާނެ ކަންތައްތަކަށް ވިޔަ ނުދޭނަން"

ޖީސީސީއެމް އިން އިންތިޒާމު ކޮށްގެން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނާޒުކު ހާލަތްތަކަކީ ދިވެހިރާއްޖޭގެ މުސްތަގުބަލު ކަނޑައަޅާނެ ކަންތައްތަކަށް ވެގެން ނުވާނެ ކަމަށާއި، އެކަން އެގޮތަށް ވިޔަ ނުދެއްވާނެ ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ކަނޑުގެ ލޮނު ގަނޑު އުފުލުމާ ގުޅޭ ގޮތުން ޔުނައިޓެޑް ނޭޝަންސް ގްލޯބަލް ސެންޓަ ފޯ ކްލައިމެޓް މޮބިލިޓީ (ޖީސީސީއެމް) އިން އިންތިޒާމު ކޮށްގެން ބޭއްވި "ސީ-ލެވެލް ރައިޒް: މަލްޓި-ލެވެލް އެކްޝަން ފޯ ކޯސްޓަލް ރެޒިލިއަންސް" ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ރާއްޖޭގެ ތަރައްޤީ އަށް ކުރިމަތިވެފައިވާ ވަގުތީ ގޮންޖެހުމެއް ނޫން ކަމަށާއި، އެއީ ޤައުމުގެ ދެމި އޮތުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި ރާއްޖޭގެ ރަށްތަކާއި ރައްޔިތުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކަލުން ސަލާމަތް ކުރުމަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތްތައް އެމަނިކުފާނު އަލުން ކަށަވަރު ކޮށްދެއްވި އެވެ.

ރާއްޖޭގެ ރަށްތަކަކީ ހަމައެކަނި ބިމެއް ނޫން ކަމަށާއި، އެއީ ދިވެހި ރައްޔިތުންގެ ގެދޮރާއި، ތާރީޚާއި އަދި އަމިއްލަވަންތަކަން ރަމްޒުކޮށްދޭ ތަންތަން ކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ ބިމުން ކުޑަ މިންވަރެއް ގެއްލިގެން ދިޔަ ނަމަވެސް، އެކަމުގެ އަސަރު ޤައުމުގެ ސިޔާދަތާއި، ތަރިކަ އާއި މުސްތަޤުބަލަށް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން، ދިވެހިންގެ އަމިއްލަ ރަށްތަކުގައި ދިރިއުޅުމުގެ ހައްގު ރައްކާތެރި ކުރުމަކީ ޤައުމީ ފެންވަރުގައި އެންމެ އިސްކަންދޭ ކަންތައް ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

މޫސުމީ ބަދަލުތަކަށް ހޭނުމަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ރަށްތަކުގެ ގިރާ ސަރަހައްދުތައް ހިމާޔަތް ކުރުމަށާއި، ގުދުރަތީ ހިމާޔަތެއްގެ ގޮތުގައި މަސައްކަތްކުރާ ފަރުތަކާއި، ކަނޑޫފާތައް ރައްކާތެރިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އަދި ރަށް ރަށުގައި ކުރިއަށް ގެންދާ މިފަދަ މަސައްކަތްތަކަށް ބޭނުންވާ މައުލޫމާތާއި، މާލީ އެހީތެރިކަން ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލެ އަކީ އުސްކޮށް ހިއްކައިގެން ތަރައްޤީ ކޮށްފައިވާ، ރާއްޖޭގެ މޫސުމީ ރައްކާތެރިކަމަށްޓަކައި ކުރެވުނު އިސްތިރާޖީ އިންވެސްޓްމަންޓެއްގެ ގޮތުގައި ރައީސް މުޢިއްޒު ސިފަކުރެއްވި އެވެ. މީގެ އިތުރުން، ކަނޑުގެ ލޮނުގަނޑު އުފުލޭނެ ކަމަށް ލަފާ ކުރެވޭ މިންވަރަށް ވުރެ އުސްކޮށް ތަރައްޤީކުރާ، އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ "ލޯ-ކާބަން އިކޯ-ސިޓީ" އެއްގެ ގޮތުގައި ތަރައްޤީކުރާ ރަސްމާލެ މަޝްރޫއަށް ވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.

މި މަޝްރޫއުތަކަކީ 2040 ވަނަ އަހަރު އަންނައިރު ރާއްޖެ އަކީ ފުރިހަމަ އަށް ތަރައްޤީ ވެފައިވާ ޤައުމަކަށް ހެދުމަށް ގެންގުޅުއްވާ ތަސައްވަރުގެ ބައެއް ކަމަށާއި، މޫސުމީ ބަދަލުތަކަށް ކެތްތެރިވުމުގެ ސިޔާސަތު ޤައުމީ ތަރައްޤީގެ ތެރޭގައި ހިމެނިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މޫސުމީ ބަދަލުތަކަށް ހޭނުމުގެ މަސައްކަތަކީ ކާރިސާއެއް ދިމާވުމުން ކުރާ ކަމަކަށް ވުމުގެ ބަދަލުގައި، އެއީ ތަރައްޤީގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނިފައިވާ ކަމަކަށް ވާން ޖެހޭނެ ކަމަށް އެމަނިކުފާނު ނޫސްވެރިންނަށް މައުލޫމާތު ދެއްވި އެވެ.

މީގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން މީހުން ހިޖުރަކުރަން ޖެހޭ ހާލަތްތަކަށް ރިއާޔަތްކޮށް ތަރައްޤީގެ ރޭވުންތައް ބައްޓަން ކުރުމުގެ މުހިންމުކަމާއި، އެކަށީގެންވާ، އިތުބާރު ހުރި އަދި ފަސޭހަ އިން ލިބޭނެ މޫސުމީ ފަންޑެއްގެ ބޭނުންތެރިކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި މޫސުމީ ބަދަލުތަކަށް ހޭނުމަށް ދެވޭ އެހީ އަކީ ދީލަތި އެހީއެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އެއީ ހިލޭ އެހީގެ ގޮތުގައި ދެވޭ "ކްލައިމެޓް ޖަސްޓިސް" ނުވަތަ މޫސުމީ އަދުލުވެރިކަމުގެ މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުޢިއްޒުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، އަންނަން އޮތް ޖީލުތަކަށް އެމީހުންގެ ކާބަފައިންގެ ބިމުގައި ދިރިއުޅެ، އާރާސްތުވެ، ފާގަތިކަން ހޯދުމުގެ ފުރުސަތު ދިނުމަށްޓަކައި، ރާއްޖޭގެ ރަށްތައް ހިމާޔަތް ކުރުމުގައި ދިވެހި ސަރުކާރުން ސާބިތުކަމާއެކު ދެމި އޮންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް