ތަރައްޤީ އާއި، މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަކީ ވަކި ނުކުރެވޭނެ ދެ ކަންތައް: ރައީސް މުޢިއްޒު
ލިޔުންތެރިޔާ
ދަ ސެކަންޑް ޑެކޭޑް އޮފް ދަ ޕެރިސް އެގްރީމަންޓް: އެކްސެލެރޭޓިން އިމްޕްލިމެންޓޭޝަން އެންޑް އެކްސެސް ޓު ފައިނޭންސް ގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.
ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ތަރައްޤީ އާއި މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަކީ ވަކި ނުކުރެވޭނެ ދެ ކަންތައް ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިކަން ހާމަކުރެއްވީ، ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ނާޒުކު ހާލަތްތަކުން އަރައިގަތުމަށްޓަކައި، މޫސުމީ ކަންކަމަށް ބޭނުންވާ މާލީ އެހީތެރިކަން މިހާރަށް ވުރެ ފަސޭހަ އިން އަދި އަގު ހެޔޮކޮށް ލިބޭނެ އިންތިޒާމު ތަކެއް ހަމަޖެހެން ޖެހޭކަން ފާހަގަ ކުރައްވަމުންނެވެ.
ރައީސް މުޢިއްޒު އެހެން ވިދާޅުވީ، ކޮޕް ސަމިޓުގެ ތެރެއިން ބޭއްވުނު "ދަ ސެކަންޑް ޑެކޭޑް އޮފް ދަ ޕެރިސް އެގްރީމަންޓް: އެކްސެލެރޭޓިން އިމްޕްލިމެންޓޭޝަން އެންޑް އެކްސެސް ޓު ފައިނޭންސް" މަތީ ފަންތީގެ ވަށް މޭޒު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރު ތަކަކީ ކަށަވަރުވެފައިވާ ހަގީގަތް ތަކެއްކަން ފާހަގަ ކުރައްވަމުން، ރާއްޖެ އިން ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި މާލީ އެހީތެރިކަން ހޯދޭނެ ފަދަ މަޝްރޫއުތައް ތަރައްޤީ ކުރުމަށާއި، ތަރައްޤީގެ ރޭވުންތަކުގައި މޫސުމީ ރައްކާތެރިކަން ހިމެނުމަށާއި، ބައިނަލްއަޤުވާމީ މައިދާނުގައި ވަކާލާތު ކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް، ދުނިޔޭގެ މާލީ ނިޒާމުގައި ހުރި އުނި ސިފަތަކުގެ ސަބަބުން، ރާއްޖެ ފަދަ ޤައުމުތަކުން އެ ޤައުމުތަކުގެ ރައްޔިތުންނާއި، ރަށްތައް ހިމާޔަތްކު ރުމަށް މަސައްކަތްކުރާއިރު، ބޮޑެތި ދަރަނިތައް ނަގަން މަޖުބޫރު ވަމުންދާ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
މި ގޮންޖެހުންތަކަކީ ހަމައެކަނި ނާޒުކު ހާލަތްތަކުގައި ތިބި ޤައުމުތަކަށް އެކަނި ހައްލު ކުރެވޭނެ ކަންކަން ނޫންކަން ފާހަގަ ކުރައްވައި، މުޅި ދުނިޔެ ގުޅިގެން އަވަސް އަދި ދެމެހެއްޓެނިވި މަސައްކަތް ތަކެއް ކުރުމަށް ރައީސް ގޮވާލެއްވި އެވެ. އަދި މޫސުމީ ކަންކަމަށް ދެވޭ މާލީ އެހީތެރިކަމަކީ ފަސޭހައިން ލިބޭ، އަގުހެޔޮ، އަދި ނާޒުކު ޤައުމުތަކުގެ ހަގީގީ ހާލަތަށް ރިއާޔަތް ކުރެވިފައިވާ އެހީތަކަކަށް ވާން ޖެހޭނެ ކަމަށް އެމަނިކުފާނު ބާރުއެޅުއްވި އެވެ.
މީގެ އިތުރުން، ކުދި ޤައުމުތަކަށް ޚާއްސަވެފައިވާ ބޭނުންތައް ދެނެގަތުމުގެ މުހިންމުކަމާއި، ޤައުމެއްގެ ނާޒުކުކަން މިނެކިރުމުގައި ހަމައެކަނި އާމްދަނީ އަށް ބެލުމުގެ ބަދަލުގައި، އެހެނިހެން ދާއިރާތަކަށް ވެސް ބަލަން ޖެހޭނެކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ކުދި ޖަޒީރާ ޤައުމުތަކަށް ހާއްސަކޮށްފައިވާ "އެންޓީގާ އެންޑް ބާބިއުޑާ އެޖެންޑާ ފޯ ސިޑްސް" އަށް އަލިއަޅުއްވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި އެޖެންޑާ އަކީ ޤައުމުތަކުގެ ނާޒުކު ހާލަތަށް ރިއާޔަތްކުރާ ގޮތްތަކެއް ކަނޑައެޅުމަށާއި، މާލީ އެހީތެރިކަން ހޯދުން ފަސޭހަ ކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ އާއި މޫސުމީ ރައްކާތެރިކަމަށް ބައިނަލްއަޤުވާމީ އެހީތެރިކަން އިތުރު ކުރުމަށް ގޮވާލާ މުހިންމު އެޖެންޑާއެއް ކަމަށެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، މޫސުމީ ވައުދުތައް އަވަސްކޮށް، އެ ވައުދުތަކަކީ އަމަލީ ގޮތުން ނަތީޖާ ފެންނަ ހައްލު ތަކަކަށް ހެދުމަށް މަސައްކަތްކުރާ "ބްރިޖް" އިނީޝިއޭޓިވް އަށް އެމަނިކުފާނު މަރުހަބާ ވިދާޅުވި އެވެ.
ޕެރިސް އެގްރީމަންޓުގެ ދެވަނަ ދިހަ އަހަރަށް ދުނިޔެ ފަށައިގަންނައިރު، އެ އެއްބަސްވުން ތަންފީޒު ކުރުމުގައި ޤައުމުތަކުން ސާބިތުކަމާއެކު ދެމި ތިބުމަށް ރައީސް މުޢިއްޒު ގޮވާލެއްވި އެވެ. ދުނިޔޭގެ ލީޑަރުންނަކީ ހަމައެކަނި ވައުދުތަކެއްވާ ބަޔަކަށް ވުމުގެ ބަދަލުގައި، އަމަލީ ގޮތުން ނަތީޖާ ދައްކަންޖެހޭ ބައެއްކަން ފާހަގަ ކުރައްވައި، ތާރީޚުގައި އެ ބޭފުޅުންނާމެދު ހުކުމް ކުރެވޭނީ ކުރާ އަމަލުތަކުގެ މައްޗަށާއި، އެންމެ ބޮޑަށް އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް ހޯދައިދެވޭ ނަތީޖާގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް