ރައީސް މުޢިއްޒު، އިރާޤުގެ ރައީސް އާމިދީއާ ބައްދަލު ކުރައްވައިފި
ލިޔުންތެރިޔާ
ރައީސް މުޢިއްޒު އާއި، އިރާގުގެ ރައީސް އާމިދީ ބައްދަލު ކުރެއްވުމުގެ ތެރެއިން.
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު، އިރާގުގެ ރައީސް ނިޒާރު އާމިދީއާ ބައްދަލު ކުރައްވައިފި އެވެ.
ތުރުކީގެ އަންޓާލިއާގައި މިހާރު ކުރިއަށްދާ އދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ފްރޭމްވޯކް ކޮންވެންޝަން (ކޮޕް31) އިސްވެރިންގެ ސަމިޓުގެ ހަވާސާގައި، ބުރާސްފަތި ދުވަހު ރައީސް މުޢިއްޒު ވަނީ އިރާގުގެ ރައީސް އާމިދީއާ ބައްދަލު ކުރައްވައިފަ އެވެ. މި ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ މަޝްވަރާ ކުރައްވައި، ވާހަކަ ދައްކަވައިފަ އެވެ.
ބުދަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ސަމިޓުގެ ހަވާސާގައި ރައީސް މުޢިއްޒު ވަނީ ގިނަ ޤައުމުތަކެއްގެ އިސްވެރިންނާއި، ބައިނަލްއަޤުވާމީ އިދާރާތަކުގެ އިސްވެރިންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
އެގޮތުން ރައީސް މުޢިއްޒު ވަނީ މެލޭޝިއާގެ ކުރީގެ 16 ވަނަ ރަސްގެފާނު، ސުލްޠާން ޢަބްދުﷲ އޮފް ފަހަންގް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ޓުންކޫ އަޒީޒާ އޮފް ފަހަންގް އާއި، ސޯމާލިއާގެ ރައީސް ޑޮކްޓަރު ޙަސަން ޝެއިޚް މަޙްމޫދު އާއި، ތުރުކީގެ ނައިބު ރައީސް ޖެވްދެތު ޔިލްމާޒް އާއި، ފަލަސްޠީނުގެ ބޮޑު ވަޒީރު ޑޮކްޓަރު މުޙައްމަދު މުޞްޠަފާ އާއި، އެ ގައުމުގެ ފޮރިން މިނިސްޓަރު ޑޮކްޓަރު ވަރްސެން އަޣާބެކިއަން ޝާހީން އާއި، ޕާކިސްތާންގެ ބޮޑު ވަޒީރު މިއާން މުޙައްމަދު ޝެހްބާޒް ޝަރީފް އާއި، އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް އަދި މޫސުމީ ބަދަލުތަކާ ބެހޭ އެމެރިކާގެ ރައީސްގެ ކުރީގެ ހާއްސަ މަންދޫބު ޖޯން ކެރީއާ އަދި ޗައިނާގެ ނައިބު ރައީސް ހާން ޒެންގްއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
މީގެ އިތުރުން ވެސް ރައީސް މުޢިއްޒު ވަނީ އެންޓީގާ އެންޑް ބާބިއުޑާގެ ބޮޑު ވަޒީރު ގްރެސްޓަން ބްރައުން އާއި، ބާބޭޑޯސްގެ ބޮޑު ވަޒީރު މިއާ އަމޯ މޮޓްލީއާ އާއި، ބަންގްލަދޭޝްގެ ބޮޑު ވަޒީރު ތާރިގް ރަހުމާން އަދި ރަޝިޔާގެ ރައީސްގެ ޚާއްސަ މަންދޫބު ރުސްލާން އެޑެލްގެރިއޭވްއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
ހަމައެހެންމެ، ވޯލްޑް ބޭންކް ގްރޫޕްގެ ރައީސް އަޖޭ ބަންގާއާ ވެސް ރައީސް މުޢިއްޒު ވަނީ ބައްދަލު ކުރައްވައިފަ އެވެ. އަދި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ އެޑްމިނިސްޓްރޭޓާ އެލެގްޒެންޑާ ޑި ކްރޫއާ ވެސް ރައީސް މުޢިއްޒު ބައްދަލު ކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް