Article Top
ޚަބަރު •

ޕީއެންސީ އަށް ސޮއި ނުކުރެއްވުމުން ސައުދީ ސަފީރު ވަކިކުރެއްވި ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް!

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޕީއެންސީ އަށް ސޮއި ނުކުރެއްވުމުން ސައުދީ ސަފީރު ވަކިކުރެއްވި ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް!

ދިވެހިރާއްޖެ އިން ސައުދީ އަރަބިއްޔާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަރީރު.

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއި ނުކުރެއްވުމުން، ދިވެހިރާއްޖެ އިން ސައުދީ އަރަބިއްޔާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު ސަރީރު މަޤާމުން ވަކުކުރި ކަމަށް ބުނެ ދައުރުކުރާ ޚަބަރު ފޮރިން މިނިސްޓްރީ އިން ދޮގުކޮށްފި އެވެ.

ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޕީއެންސީ އަށް ސޮއި ނުކުރެއްވުމުން ސަފީރަކު މަޤާމުން ވަކި ކުރެއްވި ކަމަށް ބުނެ، ނޫހެއްގައި ޝާއިއު ކޮށްފައިވާ ޚަބަރެއް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ ޚަބަރަކީ ހަޤީގަތާ ޚިލާފު ޚަބަރެއް ކަމަށް ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފައި އެވެ.

Advertisement
Article Inside

މީގެ އިތުރުން ފޮރިން މިނިސްޓްރީ އިން ބުނެފައި ވަނީ، ސަފީރުން މަޤާމަށް އައްޔަންކުރުމާއި، މަޤާމުން ވަކިކުރުމަކީ ދިވެހިރާއްޖޭގެ ފޮރިން ސާވިސް ޤާނޫނު (ޤާނޫނު ނަންބަރު 20/2021) ގެ ދަށުން، ވަކި އުސޫލުތަކެއްގެ މަތީން ހިނގަމުންދާ ކަމެއް ކަމަށެވެ. އެގޮތުގެ މަތީން، ސަފީރުން ވަކި ކުރުމުގެ ނިންމުންތައް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ނިންމަވަމުންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ހަމައެހެންމެ އެ ޚަބަރުގައި ފާހަގަކޮށްފައިވާ ސަފީރަކީ 2024 ޖަނަވަރީ 3 އިން ފެށިގެން އެމްބެސެޑާ އެޓް ލާޖްގެ ގޮތުގައި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ފޮރިން މިނިސްޓްރީގެ ސިޔާސީ މަޤާމެއްގައި ހުންނެވި ފަރާތެއް ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި އެ ބޭފުޅާ ސަފީރެއްގެ ގޮތުގައި އައްޔަނު ކުރައްވާފައިވަނީ 2024 އޮކްޓޫބަރު 30 ގައި ކަމަށް ވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފައި އެވެ.

އެ ބަޔާނުގައި ފޮރިން މިނިސްޓްރީ އިން ބުނެފައި ވަނީ، ފޮރިން ސާވިސްގެ މުވައްޒަފުންނަށް ފޮރިން ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓްގެ ދަށުން ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ނުހުރެވޭނެ ކަމަށެވެ. އެގޮތުގެ މަތީން، ފޮރިން ސާވިސްގެ މުވައްޒަފުން ޤާނޫނާ ޚިލާފަށް ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށް ސަރުކާރުން މަޖުބޫރު ކޮށްފައި ނުވާނެ ކަމަށް ވެސް ވަނީ ބުނެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް