ސިފައިންގެ 75 ވަނަ އަސާސީ ތަމުރީނު ކޯސް އިފުތިތާހު ކޮށްފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ސިފައިންގެ 75 ވަނަ އަސާސީ ތަމުރީނު ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ސިފައިންގެ 75 ވަނަ އަސާސީ ތަމުރީނު ކޯސް އިފުތިތާހު ކޮށްފި އެވެ.
މި ކޯސް އިފްތިތާހު ކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭ ގިރިފުށީ ޓްރޭނިން ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިން އޮފިސާ، ބްރިގޭޑިއާ ޖެނެރަލް ޑޮކްޓަރު ޙުސައިން އިބްރާހީމް އެވެ.
އެ ރަސްމިއްޔާތުގައި ބްރިގޭޑިއާ ޖެނެރަލް ޑޮކްޓަރު ޙުސައިން އިބްރާހީމް ވަނީ އަސާސީ ތަމުރީނު ކޯހުގެ ބައިވެރިންނާއި، އަދި މުދައްރިބުންނާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. ކޮމާންޑިން އޮފިސަރުގެ ވާހަކައިގައި ސިފަވަންތަ ހަރުދަނާ ސިފައިންގެ މީހެއްގެ ގޮތުގައި ދެމި ތިބުމަށާއި، މި ތަމުރީނުން ފާސްވުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ދަރިވަރުންނަށް އިލުތިމާސް ކުރެއްވި އެވެ.
މީގެ އިތުރުން މުދައްރިބުން ދަރިވަރުންގެ ސަލާމަތަށް ބަލައިގެން ތަމުރީނުގެ ހުރިހާ މަރުހަލާއެއް ކުރިއަށް ގެންދެވުމަށް ވެސް އިލްތިމާސްކުރެއްވި އެވެ.
މީގެ އިތުރުން އެ ރަސްމިއްޔާތުގައި މުދައްރިބުންނަށް ވަޢުދު ލައިދިނުމާއި، ދަރިވަރުންނަށް އިޤުރާރު ލައިދެއްވުން ވެސް އޮތެވެ. ކޯހުގެ ދަރިވަރުންނަށް އިޤުރާރު ލައިދެއްވީ ކޮމްޕެނީ ކޮމާންޑާ، ލެފްޓިނެންޓް ކާނަލް އަޙްމަދު ޝަފީޤް އެވެ. އަދި މުދައްރިބުންނަށް ވަޢުދު ލައިދެއްވީ އެ ކޯހުގެ ޗީފް އިންސްޓްރަކްޓާ، ކެޕްޓަން އަހްމަދު ޝާތިރު އެވެ.
ސިފައިންގެ 75 ވަނަ އަސާސީ ތަމުރީނު ކޯހުގައި 149 ދަރިވަރުން ހިމެނޭ އިރު، އޭގެ ތެރޭގައި 27 އަންހެން ދަރިވަރުން ހިމެނޭ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެ އެވެ.
އެ ރަސްމިއްޔާތުގައި ސީޑީއެސްއެސްގެ ޑެޕިއުޓީ ކޮމާންޑާ، ކާނަލް އިބްރާހީމް ނަވީން ޒުބައިރު އާއި، ދަ ބޭސިކް ސްކޫލުގެ ކޮމާންޑިން އޮފިސާ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ޖިނާން އަދި އެންސީއޯ އެކެޑަމީގެ ޑައިރެކްޓާ، މޭޖާ މުޙައްމަދު ނަދީމް ބައިވެރިވި ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް