އިސްރާއީލްއާ ގުޅުންހުރި އެއްވެސް ފަރާތަކަށް ރަސްމާލެ އިން ޕްރޮޕަޓީ ނުގަނެވޭނެ!
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ހައުސިން މިނިސްޓްރީ އިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއްޠަލިބު ވާހަކަ ދައްކަވަނީ.
ދުބާއީގެ އީގަލް ހިލްސް އިން ރަސްމާލޭގައި ހިންގާ މަޝްރޫއު އިން، އިސްރާއީލްއާ ގުޅުންހުރި އެއްވެސް ފަރާތަކަށް އެ ތަނުން ޕްރޮޕަޓީއެއް ނުގަނެވޭނެ ކަމަށް ވިދާޅުވެ، ހައުސިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ މުއްޠަލިބު އެކަން ތަފްސީލު ކޮށްދެއްވައިފި އެވެ.
މިނިސްޓަރު މުއްޠަލިބު އެކަން ހާމަކުރައްވާފައި ވަނީ އޭނާގެ ލިންކްޑިންގައި އާންމުކޮށްފައިވާ ލިޔުމެއްގައި އެވެ. އެ ލިޔުމުގައި މިނިސްޓަރު މުއްޠަލިބު ވަނީ، ރަސްމާލޭގައި ހިންގާ މަޝްރޫއު އާއި، އެކަމުގައި ދިވެހި ސަރުކާރުން ގެންގުޅޭނެ ސިޔާސަތު ސާފުކޮށްދެއްވައިފަ އެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވެފައި ވަނީ އެ މަޝްރޫއު ކުރިއަށް ގެންދިޔުމުގައި ދިވެހިރާއްޖެ އިން ފަލަސްޠީންއާ މެދު ގެންގުޅެމުން އަންނަ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން އެއްވެސް ފަރާތަކަށް ބިން އެއްކޮށް މިލްކު ނުކުރެވޭނެކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ބިން ދޫކުރެވޭނީ ހުއްދަ ދެވޭ ފަރާތްތަަކަށް އެކަނި ކުއްޔަށް ކަމަށެވެ.
ދިވެހި ސަރުކާާރުން ކުރިއަށް ގެންދާ މި މަޝްރޫއާ ގުޅިގެން، އިދިކޮޅު ފަރާތްތަކުން އަންނަނީ އިސްރާއީލްގެ ޔަހޫދީންނަށް ރާއްޖެ އިން ބިން ގަތުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުނަމުންނެވެ. މިނިސްޓަރު މުއްޠަލިބުގެ ލިޔުގައި ވަނީ އެކަން ސާފުކޮށްދެއްވައިފަ އެވެ. އެގޮތުން މިނިސްޓަރު މުއްޠަލިބު ލިޔުއްވާފައި ވަނީ، ރަސްމާލެ އިން ޕްރޮޕަޓީ ގަންނަ ފަރާތްތަކާއި، ހިއްސްދާރުންގެ އިތުރުން، ސޭލްސް އެޖެންޓުން އަދި މާލީ އެހީތެރިކަން ދޭ ފަރާތްތަކުގެ ތެރޭގައި އިސްރާއީލްއާ ގުޅުން އޮތް އެއްވެސް ފަރާތެއް ނުހިމެނޭކަން ކަށަވަރު ކުރައްވާނެ ކަމަށެވެ.
އެކަމުގެ އިތުރު ތަފްސީލުގެ ގޮތުގައި މިނިސްޓަރު ލިޔުއްވާފައި ވަނީ ރަސްމާލެ އިން ޕްރޮޕަޓީ ގަންނަން ބޭނުންވާ ފަރާތްތަކުން، އެ ފަރާތެއްގެ އަތުގައި އޮތް ރައްޔިތުކަމާއި، މީގެ ކުރިން އެ ފަރާތެއްގެ އަތުގައި އޮތް ހުރިހާ ޤައުމުތަކެއްގެ ރައްޔިތުކަން ހާމަކުރަން ޖެހޭނެ ކަމަށެވެ.
އެކަމުގެ ދަށުން އަޅާނެ ފިޔަވަޅުތައް ވެސް މިނިސްޓަރު މުއްޠަލިބުގެ ލިޔުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެ މައުލޫމާތު އެއްވެސް ފަރާތަކުން އޮޅުވާލައިފި ނަމަ، އެއްބަސްވުން ބާތިލު ކުރެވޭނެ ކަމަށާއި، އެ ޕްރޮޕަޓީ ނުވަތަ ރައުސުލްމާކލު ދައުލަތަށް ނެގުމާއެކު، ދައްކާފައިވާ ފައިސާ އަތުލެވޭނެ ނިޒާމެއް ޤާއިމު ކުރާނެ އެވެ. ހަމައެއާއެކު، ވަކި ވަކި ޤައުމުތަކާއި، ވަކި ވަކި ފަރުދުންނަށް ގަނެވޭނެ ރައުސުލްމާލުގެ އަދަދު ވެސް ލިމިޓެއްގައި ބަހައްޓާނެ ކަމަށް ލިޔުއްވާފައިވެ އެވެ.
ރަސްމާލޭގައި 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރިއަށް ގެންދިޔުމަށް ދިވެހި ސަރުކާރާއި، އީގަލް ހިލްސްއާ ދެމެދު ޓާމްސް ޝީޓުގައި ސޮއި ކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއަށް ވާއިރު، މި މަޝްރޫއުގެ ދަށުން އެތައް ބައިވަރު ވަޒީފާތަކެއް އުފެދި، ވިިޔަފާރީގެ ފުރުސަތުތަކެއް ލިބިގެން ދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް