ނާޒުކު ޙާލަތަކީ ހުރަކަށް ނުވާނެކަން ކަށަވަރު ކުރުމަށް، މާލީ ނިޒާމު އިސްލާހު ކުރުމަށް ރައީސް ގޮވާލައްވައިފި
ލިޔުންތެރިޔާ
އެއޯސިސްގެ ލީޑަރުންނާއި، އދ.ގެ ސެކްރެޓަރީ ޖެނެރަލް ކުރެއްވި ބައްދަލުވުމުގެ ތެރެއިން.
މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި، ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކު ހާލަތަކީ ހުރަހަކަށް ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި، ބައިނަލްއަޤުވާމީ މާލީ ނިޒާމު އިސްލާހު ކުރުމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ގޮވާލައްވައިފި އެވެ.
ރައީސް މުޢިއްޒު، މިފަދައިން ގޮވާލެއްވީ ކޮޕް ސަމިޓުގެ ހަވާސާގައި ބޭއްވުނު، ކުދި ޖަޒީރާ ޤައުމުތަކުގެ އިއްތިހާދު (އެއޯސިސް) ގެ ލީޑަރުންނާއި، އދ. ގެ ސެކްރެޓަރީ ޖެނެރަލް ބައްދަލު ކުރެއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްޤީ ވެފައިވާ ޤައުމެއްގެ ދަރަޖަ އަށް ވާސިލުވުމަކީ ދިވެހިރާއްޖޭގެ އަމާޒެއް ކަމަށާއި، ނަމަވެސް މި އަމާޒަށް ވާސިލުވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މޫސުމީ ބަދަލުތައް ކަމަށެވެ. އަދި މިހާރު އަމަލީ މަސައްކަތަށް އިސްކަން ދޭންޖެހޭ ކަމަށާއި، އެ މަސައްކަތްތައް ބިނާވާން ޖެހޭނީ މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި، މާލީ ނިޒާމުގެ އިސްލާހުތަކާއި، އަދި އެކަންކަން ތަންފީޒުކުރުމުގެ މައްޗަށް ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެފަދަ ފަންޑު ތަކަކީ އެކަށީގެންވާ މިންވަރަށް، ފަސޭހަ އިން ލިބޭނެ، އިތުބާރު ހުރި އަދި ހިލޭ އެހީގެ ގޮތުގައި ލިބޭ ފަންޑު ތަކަކަށް ވާންޖެހޭނެ ކަމަށެވެ. އަދި މޫސުމީ ބަދަލުތަކަށް ހޭނުމަށް (އެޑަޕްޓޭޝަން) ބޭނުންވާ މާލީ އެހީތެރިކަން އިތުރު ކުރުމަށާއި، ކުރިއަށް އޮތް "ސުޕަ އެލް ނީނިއޯ" އަށް ރިއާޔަތްކޮށް "ލޮސް އެންޑް ޑެމޭޖް ފަންޑު" އަށް ބޭނުންވާ ފައިސާ އަވަހަށް ހަމަޖެއްސުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
މީގެ އިތުރުން، ކުދި ޖަޒީރާ ޤައުމު ތަކުން ހިއްސާ ނުވާ މައްސަލައެއްގެ ސަބަބުން ކުރިމަތިވެފައިވާ މިފަދަ ކާރިސާ އަކުން އަރައިގަތުމަށް، ބޮޑު އިންޓްރެސްޓް ރޭޓުގައި ލޯނު ނަގަން އެ ޤައުމު ތަކަށް މަޖުބޫރުވެގެން ނުވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އަދި މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަކީ، ޤައުމުގެ ތަރައްޤީ އަށް ހުރަސް އެޅޭ ނުވަތަ ނާޒުކު ޤައުމުތަކުގެ ދަރަނި އަތް ނުފޯރާ ފަށަށް އިތުރުވާ ކަމަކަށް ވެގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މާލީ ނިޒާމުގެ އިސްލާހުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ފާހަގަ ކުރެއްވީ، މިހާރު އޮތް މާލީ އިންތިޒާމުތަކުގެ ސަބަބުން ނާޒުކު ޤައުމުތަކަށް މަޖުބޫރުވަނީ ބޮޑު އަގުގައި ލޯނު ނެގުމަށް ކަމަށާއި، މީގެ ސަބަބުން ދަރަނި އިތުރުވެ، ޤައުމުގެ މާލީ ތަނަވަސްކަން ހަނިވަމުންދާ ކަމަށެވެ. އެހެންކަމުން، މޫސުމީ ބަދަލުތަކުން ސަލާމަތްވުމަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ ދިގު މުއްދަތުގެ އިޤްތިސާދީ ފައިދާ ބަލައިގަތުމަށް ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި ކްރެޑިޓް ރޭޓިން އެޖެންސީ ތަކަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
މަސައްކަތްތައް ތަންފީޒުކުރުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ވެފައިވާ ވައުދު ތަކަކީ އަމަލީ ގޮތުން ފެންނަ ނަތީޖާ ތަކަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ކޮޕްގައި ހުށަހަޅާފައިވާ ދުނިޔޭގެ ކަރަންޓުގެ ނިޒާމު ހަރުދަނާ ކުރުމާއި، ކުނި މެނޭޖުކުރުމާއި، ސާކިއުލާ އިކޮނޮމީ އަދި މޫސުމީ ބަދަލުތަކަށް ކެތްތެރި ސިޓީތައް ބިނާކުރުމުގެ މަޝްރޫއުތަކަށް މަރުހަބާ ވިދާޅުވަމުން، މި މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި، ޓެކްނޮލޮޖީ ބަދަލު ކުރުމާއި، އަދި އަމަލީ ގޮތުން ތަންފީޒު ކުރުމުގެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ކުދި ޖަޒީރާ ޤައުމު ތަކުން އެދެނީ ހަމްދަރުދީ ނުވަތަ އެހީއެއް ނޫން ކަމަށާއި، އެ ޤައުމުތަކުން އެދެނީ މޫސުމީ އަދުލުވެރިކަން (ކްލައިމެޓް ޖަސްޓިސް) ކަމަށެވެ. އަދި ބައިނަލްއަޤުވާމީ ގުޅުންތަކުގެ ހަގީގީ އިމްތިހާނަކީ ވެފައިވާ ވައުދުތަކެއް ނޫން ކަމަށާއި، އެއީ އެ ވައުދުތަކުން ނެރެދޭ ނަތީޖާ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅު ނިންމަވާލައްވަމުން، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ދައުރުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ހައްގުގައި ކުރައްވާފައިވާ އިޚުލާޞްތެރި މަސައްކަތްތަކަށްޓަކައި ރައީސް މުޢިއްޒު ޝުކުރު އަދާކުރެއްވި އެވެ. އަދި ސެކްރެޓަރީ ޖެނެރަލްގެ ދައުރު ނިމުމަކަށް އަންނާތީ، އެމަނިކުފާނަށް ހެޔޮ އެދުންތައް ފޮނުއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް