ކޮޕް ސަމިޓަށް ފަހު ރައީސް މުޢިއްޒުގެ ދެކަނބަލުން ފުރާވަޑައިގެންފި
ލިޔުންތެރިޔާ
ކޮޕް ސަމިޓުގެ ތެރެއިން ރައީސް މުޢިއްޒު އާއި ފަސްޓް ލޭޑީ ސާޖިދާ.
އދ.ގެ 31 ވަނަ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސް (ކޮޕް31) ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ތުރުކީގެ އަންޓާލިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފުރާވަޑައިގެންފި އެވެ.
މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ޤައުމެއްގެ ހައިސިއްޔަތުންނާއި، ކުދި ޖަޒީރާ ޤައުމުތަކުގެ އިއްތިހާދު (އެއޯސިސް) ގެ އިސް މެންބަރެއްގެ ގޮތުގައި، ދިވެހިރާއްޖެ އިން ވަނީ ކޮޕް31 ބައްދަލުވުމުގައި ވަރުގަދަ މެސެޖެއް ދީފައި އެވެ.
އެގޮތުން މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަމަކީ ދީލަތި އެހީއެއް ނޫން ކަމަށާއި، އެއީ މުޅި ދުނިޔެ އިން އަދާކުރަންޖެހޭ މަޖުބޫރު އިލްތިޒާމެއް ކަމަށް ރާއްޖެ އިން ވަނީ ފާހަގަކޮށްފައި އެވެ. މީގެ އިތުރުން، ކުދި ޖަޒީރާ ޤައުމުތަކަށް ފަސޭހަ އިން ލިބޭނެ، ދަރަނި ނުހިމެނޭ މާލީ އެހީތެރިކަން ހޯދައި ދިނުމަށާއި، އެ ޤައުމުތަކުގެ އަމިއްލަ ބާރުވެރިކަން އިތުރު ކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެ އިން ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ވެސް ވަނީ ދީފައި އެވެ.
ކޮޕް ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ އެކި އެކި ޤައުމުތަކުގެ އިސްވެރިންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އަދި ބައިނަލްއަޤުވާމީ އިދާރާ ތަކުގެ އިސްވެރިންނާ ވެސް ރައީސް މުޢިއްޒު ވަނީ ބައްދަލު ކުރައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް