ވަޒީފާ ވިޔަސް ކިޔަވުން ވިޔަސް، ހުރިހާ ކުދިންނަށް ހަމަހަމަ ފުރުސަތު ހޯދައިދޭން ބޭނުން: ރައީސް
ލިޔުންތެރިޔާ
ރައްޔިތުންގެ އަޑު އެޕިސޯޑުގެ ތެރެއިން --
ވަޒީފާ ވިޔަސް ކިޔަވުން ވިޔަސް، ހުރިހާ ކުދިންނަށް ހަމަހަމަ ފުރުސަތު ހޯދައިދޭން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު އެ ޔަޤީންކަން ދެއްވީ ރޭ ގެނެސްދިން ރައްޔިތުންގެ އަޑު ޕްރޮގްރާމްގައި އާއިލާއަކުނ ފާޅު ކުރި ކަންބޮޑުވުންތަކާ ގުޅިގެންނެވެ.
ނުކުޅެދުންތެރިކަން ހުންނަ ތިން ކުދިންގެ މަންމައާއި ބައްޕަ އެ ތިން ކުދިންނާއެކު ރައީސް ޑރ. މުއިއްޒުއާ ބައްދަލުކޮށް އެކުދިންގެ ބައްޕަ ބުނެފައިވަނީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނާ ސީދާ ބައްދަލުކުރައްވައި ހާލަތު ގާތުން ބެއްލެވުމަކީ، އެ ކުދިންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް ރައީސް ޑރ، މުއިއްޒު ދެއްވާ އަހައްމިއްޔަތުކަމާއި، އެ ކުދިންނަށްޓަކައި ރައީސްގެ ހިތްޕުޅުގައިވާ ލޯތްބާއި އޯގާތެރިކަން ހާމަވެގެންދާ ކަމެއްކަމަށެވެ.
ހަމައެއާއެކު، މިފަދަ ބައްދަލުވުންތަކާއި ހަރަކާތްތަކުން ދޭހަކޮށްދެނީ، އެ ކުދިންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އެ ފަރާތްތަކުގެ ކަންކަން އިތުރަށް ތަރައްޤީކޮށްދެއްވުމަށް ރައީސް ޚާއްޞަ އިސްކަމެއް ދެއްވާކަން ކަމަށް ވެސް އެ ކުދިންގެ ބައްޕަ ބުންޏެވެ.
އަޑު އެހުމުގައި ނުކުޅެދުންތަރިކަމުގެ ސަބަބުން އެ ކުދިންނަށް ސްކޫލުގައި ކިޔެވުމުގައި ހުރި ދަތިތައް އެ ކުދިންގެ ބައްޕަ ވަނީ ރައީސަށް ހިއްސާކޮށްފައެވެ.'
އެގޮތުން އެކުދިންގެ ބުނިގޮތުގައި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި، ޚާއްޞަކޮށް ކޯކްލިއާ އިމްޕްލާންޓް ހަދާފައިވާ ކުދިންނަށް ބަސްކޮށާރުގެ ދަތިކަމުގެ ސަބަބުން މުޢާމަލާތުކުރުމަށާއި، ކްލާސްރޫމުގައި މުދައްރިސުންގެ ވާހަކަތައް ދޭހަވެ ފިލާވަޅުތައް ދަސްކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާކަމަށެވެ.
ކްލާސްތަކުގައި ދަރިވަރުން ގިނަވުމާއި ޕީރިއަޑްގެ ވަގުތު ކުރުވުމުގެ ސަބަބުން، މުދައްރިސުންނަށް މިފަދަ ކުދިންނަށް ވަކިން ސަމާލުކަން ދިނުމަށް ދަތިވާކަމަށް ވެސް އެ ކުދިންގެ ބައްޕަ ފާހަގަކުރިއެވެ. އަދި ސިޔާސަތުގައި ހުއްދަ އޮތް ނަމަވެސް ގިނަ ސްކޫލުތަކުން ޝެޑޯ ޓީޗަރުންގެ އެހީތެރިކަން ނުލިބޭތީ، ހުރިހާ ސްކޫލެއްގައިވެސް އެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުން މުހިންމުކަމަށްވެސް އެކުދިންގެ ބައްޕަ ބުންޏެވެ.
މީގެއިތުރުން، މި ދަރިވަރުން މުސްތަޤުބަލުގައި އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި ސްކޫލް މަރުޙަލާގައި ޢަމަލީ މަސައްކަތްތެރިކަމުގެ ހުނަރުތައް ދަސްކޮށްދޭ ޚާއްޞަ ޕްރޮގްރާމްތައް ހިންގުން ބޭނުންތެރިކަމަށް ވެސް އެ ކުދިންގެ ބައްޕަ ފާހަގަކުރިއެވެ.
ކޯކްލިއާ އިމްޕްލާންޓް ހަދާފައިވާ ކުދިން އަޑު އެހުމަށް ބޭނުންކުރާ ޑިވައިސްއާއި ޑިވައިސްއަށޤ ބޭނުންވާ ބެޓެރިއާއި ކޭބަލް ހޯދުމުގައި ހުރި ދަތިތައް ވެސް އެ ކުދިންގެ ފަރާތުން އެ ކުދިންގެ ބައްޕަ ރައީސްއަށް ހިއްސާކުރިއެވެ.
އެހީތެރިކަން ބޭނުންވާ ކުދިންނަށް ބޭނުންވާ އާލާތްތަކާއި، ކޭބަލް، ހެޑްޕީސް އަދި ބެޓެރި ފަދަ ތަކެތި ހޯދުމަށް އެންސްޕާގެ އުސޫލެއް އޮތް ނަމަވެސް، އެ އެހީ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭކަން އެ ކުދިންގެ ބައްޕަ ފާހަގަކުރިއެވެ އެގޮތުން މިފަދަ ތަކެތި ހަމަޖެހުމަށް ގިނަ ދުވަސް ނެގުމުގެ އިތުރުން، އެއްވެސް ސަބަބެއް ބަޔާންނުކޮށް ގިނަ ފަހަރަށް އެދޭ އެދުންތައް ރިޖެކްޓުކުރާކަމަށް ވެސް ފާހަގަކުރިއެވެ. .
ހާއްސަކޮށް، ބޭނުންކުރާ އާލާތެއް ހަލާކުވެގެން އަލުން ހޯދަން ހުށަހަޅާ ހާލަތްތަކުގައި އެކަން ހަމަޖެހުމަށް އިންތިހާއަށް އުނދަގޫވާކަމަށާއި، މިފަދަ މައްސަލަތައް ކޮމިޓީއަކަށް ފޮނުވައިގެން ގޮތެއް ނިންމައި އެކަން އަންގަން ދެތިން މަސްދުވަހުގެ ދިގު މުއްދަތެއް ނަގާކަމުގެ ކަންބޮޑުވުން ވެސް ވަނީ ރައީސްއަށް ހިއްސާކޮށްފައެވެ.
އެ ވާހަކަތައް އަޑުއެހުމަށްފަހު ރައީސް ވަނީ އެ މައްސަލަތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން އެ އާއިލާއަށް ދީފައެވެ.
ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަމެއް ހުރިނަމަވެސް ހަމަހަ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމަށެވެ. އަދި އެފަދަ ކަންބޮޑުވުންތައް ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި ހައްލު ހޯދައިދެއްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް