ތާރީޚުގެ ލޯގަނޑުން ދައްކާ މަންޒަރުން ފިލާވަޅު ލިބިގަނެ، މުސްތަޤުބަލުގެ މޫނު އުޖާލާކުރަން ޖެހޭ: ރައީސް މުޢިއްޒު
ލިޔުންތެރިޔާ
1445 ވަނަ އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.
ތާރީޚުގެ ލޯގަނޑުން ދައްކާ މަންޒަރުން ފިލާވަޅު ލިބިގަނެ، މުސްތަޤުބަލުގެ މޫނު އުޖާލާކުރަން ޖެހޭ ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ހުރަވީ ދުވަހުގެ މުނާސަބަތުގައި މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
އެ ޕޯސްޓުގައި ރައީސް ވަނީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަޙުނިޔާ ދަންނަވާފައި އެވެ. އަދި މިނިވަންކަމާއި ސިޔާދަތާއި މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުގައި ހިތްވަރުގަދަ ޖިހާދެއް ކުރައްވާ، މަލާބާރީންގެ ވަކިތަކުން ދިވެހި ޤައުމު ސަލާމަތްކުރެއްވި ޤައުމީ ބަޠަލު ދޮންބަންޑާރައިން ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީންގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށް ރައީސް ދުޢާ ދެންނެވި އެވެ.
މީގެ އިތުރުން ހުރަވީ ދުވަހުގެ ހާދިސާ އަށް ގާތްގަނޑަކަށް ތިން ޤަރުނު ފުރެން ކައިރިވަމުން އަންނަ އިރު، މިއަދު ދުނިޔޭގެ ކަންކަން ހިނގާ ގޮތާއި، އަޅުގަނޑުމެން މިއަދު މިނިވަންކަން ދިފާއުކުރަން ޖެހޭ ގޮތާ މި ކަންކަމަށް ފުންކޮށް ވިސްނުން ވަރަށް މުހިންމު ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ. އަދި ތާރީޚުގެ ލޯގަނޑުން ދައްކާ މަންޒަރުން ފިލާވަޅު ލިބިގަނެ، މުސްތަޤުބަލުގެ މޫނު އުޖާލާކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސިޔާސީ ޖަޒުބާތަކުގެ ކުރިއަށް ޤައުމީ އިޚުލާސްތެރިކަން ނެރެން ޖެހޭ ކަމަށާއި، ޒާތީ އަރާރުންތަކުގެ ކުރިއަށް ޖަމާއަތުގެ ބާއްޖަވެރިކަން އިސްކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ކުރިއަށް ޤައުމީ ސަލާމަތާއި، ފުދުންތެރިކަމާއި، ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް ތަންދޭން ޖެހޭ ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ، ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުޙަބާ ކިޔަން ޖެހޭ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ. ރައީސްގެ ޕޯސްޓުގައި ވަނީ މާތް ﷲ މި ގޮތުގައި އަޅުގަނޑުމެންނަށް ހެޔޮ ވިސްނުމާއި ތައުފީޤު ދެއްވުމާއި، ދިވެހި ޤައުމަށް ކުރިއެރުމާއި ކާމިޔާބީ އާއި، އާރޯކަމާއި ތާޒާކަން އަދި ލޮބުވެތި ވަޠަން މިނިވަންކަން މަތީ އަބަދުގެ އަބަދަށް ލެހެއްޓެވުން އެދި ދުއާ ދަންނަވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް