Article Top
ކުޅިވަރު •

ހަތަރު ޓީމާއެކު މި އަހަރުގެ އެފްއޭއެމް ވިމެންސް ލީގު އާދިއްތަ ދުވަހު ފަށަނީ

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ހަތަރު ޓީމާއެކު މި އަހަރުގެ އެފްއޭއެމް ވިމެންސް ލީގު އާދިއްތަ ދުވަހު ފަށަނީ

މިދިޔަ އަހަރުގެ ވިމެންސް ލީގުގެ އެންމެ މޮޅު 11 ކުޅލުންތެރިން -- ފޮޓޯ/ އެފްއޭއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އެފްއޭއެމް ވިމެންސް ލީގު 2026 ގެ ޝެޑިއުލް މިއަދު އާންމުކޮށްފި އެވެ.

ރާއްޖޭގެ އަންހެން ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގެ މި މުބާރާތުގެ ދެވަނަ އެޑިޝަން ފެށުމަށް ހަމަޖެހިފައި ވަނީ އާދީއްތަ ދުވަހު ހެންވޭރު ދަނޑުގަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ތާރީހި ފުރަތަމަ މުބާރާތުގައި ހަ ޓީމަކުން ވާދަކުރި ނަމަވެސް، މި އަހަރުގެ ލީގުގައި ފެނިގެންދާނީ އެންމެ ހަތަރު ޓީމެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކުރި ޓީމުތަކުގެ ތެރެއިން މި ފަހަރު ބައިވެރިވެފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެކަންޏެވެ.

މި ދެ ޓީމުގެ އިތުރުން މި އަހަރު އަލަށް ލީގުގައި ވާދަކުރަނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އާއި އެމްއެސް މޭޓްސް އެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކުރި ހަތަރު ކްލަބެއް މި ފަހަރުގެ ލީގުން ނުފެނުމަކީ ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ލިބުނު ބޮޑު ހައިރާންކަމެކެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ރަނަރަޕް އަދި މުބާރާތުގެ އެންމެ މޮޅު ދިވެހި ކުޅުންތެރިޔާގެ މަގާމު ހޯދި ފާތިމަތު ސާލިޔާ ކުޅުނު އޮޑި ސްޕޯޓްސް ކްލަބް ހިމެނެއެވެ. މީގެ އިތުރުން ތިންވަނަ ހޯދި ވިކްޓަރީ ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް އަދި ބިސް ބުރު ސްޕޯޓްސް ކްލަބް ވެސް މި އަހަރުގެ ލީގުގައި ބައިވެރިއެއް ނުވެއެވެ.

މައުލޫމާތު ލިބޭގޮތުގައި ގިނަ ކްލަބްތަކުން އެންމެ ފަހު ވަގުތު ނަން އަނބުރާ ގެންދިޔައީ ކުރިމަތިވެފައިވާ މާލީ ދަތިތަކާ ހުރެއެވެ. މިދިޔަ އަހަރުގެ ފުރަތަމަ މުބާރާތުގައި ފީފާގެ އެހީތެރިކަމާއެކު އެފްއޭއެމް އިން ވަނީ ބައިވެރިވި ކޮންމެ ކްލަބަކަށް 100,000 ރުފިޔާގެ މާލީ އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ. މި އަހަރު ވެސް ބައިވެރިވާ ކްލަބްތަކަށް މި އެހީ އެފްއޭއެމުން ފޯރުކޮށްދޭން ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެ އެވެ.

ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ދެ ބުރު ކުޅޭ ގޮތަށް ރާވާފައިވާ މި މުބާރާތުގައި ޖުމްލަ 12 މެޗު ކުޅޭނެއެވެ. ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާލޭ ހެންވޭރު ދަނޑުގައެވެ. މެޗުތައް ކުޅޭނީ ހަވީރު 16:00 އަދި ރޭގަނޑު 20:00 ގައެވެ.

މުބާރާތް ހުޅުވާ މެޗުގައި އާދީއްތަ ދުވަހުގެ ހަވީރު 16:00 ގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ނުކުންނާނީ އެމްއެސް މޭޓްސް އާ ދެކޮޅަށެވެ. އަދި އެ ރޭ 20:00 ގައި ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް އާއި ދަ ގްރާންޑޭ އެވެ. ލީގުގެ މެޗުތައް ޑިސެމްބަރު 3 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް