އޭޝިއަން ގޭމްސް 2026: 50 މީޓަރު ބެކްސްޓްރޯކުން ރިހާންގެ ޕާސަނަލް ބެސްޓެއް
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ރިހާން
އޭޝިއަން ގޭމްސްގައި ދިވެހި ސްވިމިން ޓީމުގެ ދެވަނަ ދުވަހު، އިއްޔެ ބައިވެރިވީ އަންހެން އަދި ފިރިހެން 50 މީޓަރު ބެކް ސްޓްރޯކާއި ފިރިހެނުންގެ 100 މީޓަރު ބްރެސްޓް ސްޓްރޯކްގަ އެވެ.
ޖަޕާނުގެ ވެރިރަށް ޓޯކިއޯގެ، ޓޯކިޔޯ އެކުއަޓިކްސް ސެންޓަރުގައި އިއްޔެ އޮތް ފިރިހެނުންގެ 50މީޓަރު ބެކްސްޓްރޯކު ހީޓު 1ގައި ވާދަކުރި ދިވެހި ޓީމުގެ މުހައްމަދު ރިހާން ޝިހާމް ރޭސް ނިންމާފައި ވަނީ 29.64 ސިކުންތުންނެވެ. މިއީ މިހާތަނަށް ރީހާނަށް މި ރޭސް ނިންމި އެންމެ އަވަސް ޓައިމިން އެވެ. ޖުމްލަ 10 ފެތުންތެރިން ބައިވެރިވި މިހީޓު ރީހާން ނިންމީ 9 ވަނައަށެވެ.
ދެން ކުރިއަށް ދިޔަ އަންހެނުންގެ 50 މީޓަރު ބެކްސްޓްރޯކު ހީޓު 4ގައި ދިވެހި ފެތުންތެރިޔާ މަލައިކާ ލިންޑާ އިމްރާން ރޭސް ނިންމީ 35.90 ސިކުންތުންނެވެ. މި ހީޓުގައި ޖުމްލަ 10 ފެތުންތެރިން ވާދަކުރިއެވެ.
އިއްޔެ އޮތް ފިރިހެނުންގެ 100 މީޓަރު ބްރެސްޓް ސްޓްރޯކް ގައި ވާދަކުރީ ލޫތު މުޙައްމަދު ހުސައިން އެވެ. އޭނާ ފަތާފައި ވަނީ ހީޓު 1ގަ އެވެ. އޭނާ ރޭސް ނިންމީ އެއް މިނިޓް 11.69 ސިކުންތުންނެވެ. ޖުމްލަ 6 ފެތުންތެރިން ބައިވެރިވިމި ހީޓު ލޫތު ނިންމީ ފަސްވަނައަށެވެ.
މިއަދު، އަންހެނުންގެ 100 މީޓަރު ފްރީސްޓައިލް، އަންހެނުންގެ 200 މީޓަރު ބެކްސްޓްރޯކް، އަދި ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭގައި ދިވެހި ފެތުންތެރިން ވާދަކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް