ކޮޕް ސަމިޓަށް ފަހު ރައީސްގެ ދެކަނބަލުން އެނބުރި ރާއްޖެ ވަޑައިގެންފި
ލިޔުންތެރިޔާ
ކޮޕް ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވި ޤައުމުތަކުގެ އިސްވެރިން.
މިއަހަރުގެ ކޮޕް ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.
ކޮޕް31 ވަނަ ސަމިޓު ކުރިއަށް ދިޔައީ ތުރުކީގައި އެވެ. އެ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް މުޢިއްޒުގެ އާއި ފަސްޓް ލޭޑީ ސާޖިދާ ފުރާވަޑައިގެންނެވީ އަންގާރަ ދުވަހު އެވެ. މި ސަމިޓު ކުރިއަށް ގޮސްފައި ވަނީ ނޮވެމްބަރު 11 އިން، 12 އަށެވެ.
ކޮޕް ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ، ޤައުމު ތަކުގެ އިސްވެރިންގެ މަތީ ފަންތީގައި ޑައިލޮގްގައި ބައިވެރިވެ ވަޑައިގެންފައި އެވެ. އަދި ބުދަ ދުވަހު ރައީސް މުޢިއްޒު ވަނީ، ދިވެހިރާއްޖޭގެ ފަރާތުން ރަސްމީ ބަޔާނެއް އިއްވައިފަ އެވެ.
ކޮޕް ސަމިޓުގައި ރައީސް މުޢިއްޒު ވަނީ ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަކީ ޤައުމީ ފެންވަރުގައި އެންމެ އިސްކަންދޭ އެއްް ކަންތައް ކަމަށް ވިދާޅުވެފައި އެވެ. އަދި ދިވެހިރާއްޖެ އަކީ ތެލަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، ދުނިޔޭގެ ބާޒާރަށް ކުރިމަތިވާ ނުތަނަވަސްކަމުގެ އަސަރު ރާއްޖެ އަށް ކުރަމުން އަންނަ ކަަމަށް ވެސް ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ބައިނަލްއަޤުވާމީ މުޖުތަމައުން ވެފައިވާ އިލްތިޒާމުތަކަށް އިހުތިރާމްކުރުމަށާއި، ބައިނަލްއަޤުވާމީ މާލީ އޮނިގަނޑަށް އިސްލާހު ގެނައުމަށާއި، ސިޔާސީ ގޮތުން ވެފައިވާ ވައުދުތައް އަމަލީ ގޮތުން ފެންނަ ކުރިއެރުންތަކަކަށް ބަދަލުކުރުމަށް ވެސް ރައީސް މުޢިއްޒު ވަނީ ގޮވާލައްވައިފަ އެވެ.
ކޮޕް ސަމިޓުގެ ހަވާސާގެ ތެރެއިން ރައީސް މުޢިއްޒު ވަނީ ގިނަ ޤައުމުތަކެއްގެ އިސްވެރިންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އޭގެ އިތުރުން ފަސްޓް ޅޭޑީ ސާޖިދާ ވަނީ، ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާންގެ އަނބިކަނބަލުން އެމިނޭ އުރުދުޣާންއާ ބައްދަލު ކުރައްވައިފަ އެވެ.
ރައީސް މުޢިއްޒު ވަނީ މެލޭޝިއާގެ ކުރީގެ 16 ވަނަ ރަސްގެފާނު، ސުލްޠާން ޢަބްދުﷲ އޮފް ފަހަންގް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ޓުންކޫ އަޒީޒާ އޮފް ފަހަންގް އާއި، ސޯމާލިއާގެ ރައީސް ޑޮކްޓަރު ޙަސަން ޝެއިޚް މަޙްމޫދު އާއި، ތުރުކީގެ ނައިބު ރައީސް ޖެވްދެތު ޔިލްމާޒް އާއި، ފަލަސްޠީނުގެ ބޮޑު ވަޒީރު ޑޮކްޓަރު މުޙައްމަދު މުޞްޠަފާ އާއި، އެ ގައުމުގެ ފޮރިން މިނިސްޓަރު ޑޮކްޓަރު ވަރްސެން އަޣާބެކިއަން ޝާހީން އާއި، ޕާކިސްތާންގެ ބޮޑު ވަޒީރު މިއާން މުޙައްމަދު ޝެހްބާޒް ޝަރީފް އާއި، އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް އަދި މޫސުމީ ބަދަލުތަކާ ބެހޭ އެމެރިކާގެ ރައީސްގެ ކުރީގެ ހާއްސަ މަންދޫބު ޖޯން ކެރީއާ އަދި ޗައިނާގެ ނައިބު ރައީސް ހާން ޒެންގްއާ ބައްދަލު ކުރައްވައިފަ އެވެ.
މީގެ އިތުރުން ވެސް ރައީސް މުޢިއްޒު ވަނީ އެންޓީގާ އެންޑް ބާބިއުޑާގެ ބޮޑު ވަޒީރު ގްރެސްޓަން ބްރައުން އާއި، ބާބޭޑޯސްގެ ބޮޑު ވަޒީރު މިއާ އަމޯ މޮޓްލީއާ އާއި، ބަންގްލަދޭޝްގެ ބޮޑު ވަޒީރު ތާރިގް ރަހުމާން އަދި ރަޝިޔާގެ ރައީސްގެ ޚާއްސަ މަންދޫބު ރުސްލާން އެޑެލްގެރިއޭވް އަދި އިރާގުގެ ރައީސް ނިޒާރު އާމިދީއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
ހަމައެހެންމެ، ވޯލްޑް ބޭންކް ގްރޫޕްގެ ރައީސް އަޖޭ ބަންގާއާ ވެސް ރައީސް މުޢިއްޒު ވަނީ ބައްދަލު ކުރައްވައިފަ އެވެ. އަދި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ އެޑްމިނިސްޓްރޭޓާ އެލެގްޒެންޑާ ޑި ކްރޫއާ ބައްދަލު ކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް