އިހުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު އިފްތިތާހުކޮށްފި
ލިޔުންތެރިޔާ
އިހުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު ރައީސް ޑރ. މުއިއްޒު އިފްތިތާހުކޮށްދެއްވަނީ --
އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ
އެކުވެނި ދުވާ ޓްރެކުގައި މިރޭ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު އިފުތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި މަޝްރޫއަކީ ދިވެހި މުޖުތަމަޢުން ނެތެމުންދާ އެކަކު އަނެކަކަށް އިޙުތިރާމުކުރުމުގެ މާތް ސިފަ އަލުން ދިރުވައި އާލާކުރުމުގެ މަޤުޞަދުގައި މުޅި ރާއްޖެއަށް ޢަމާޒުކޮށްގެން ފެށިގެންދިޔަ ބޮޑު ޙަރަކާތެކެވެ.
މި މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި ގިނަ ފަރާތްތަކަކުން ބައިވެރިވިއެވެ. މީގެ ތެރޭގައި ސަރުކާރުގެ އެކި ވުޒާރާތަކާއި، ކުންފުނިތަކާއި، މަދަނީ ޖަމުޢިއްޔާތަކުގެ އިތުރުން ކޮލެޖު، ޔުނިވަރސިޓީ އަދި މަދަރުސާތަކުގެ ދަރިވަރުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފުތިތާޙުކޮށްދެއްވި މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ، މުޖުތަމަޢުގެ އެންމެންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް، އެކަކު އަނެކަކަށް ޤަދަރާއި އިޙުތިރާމުކުރުމުގެ ރިވެތި އާދަ ދިވެހިންގެ ކިބައިގައި އަލުން އަށަގެންނެވުމެވެ. ވަކިން ޚާއްޞަކޮށް ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މި އާދަ ހަރުދަނާކުރުމެވެ.
ދިވެހިންގެ ތެރެއިން ފަނޑުވަމުންދާ މި ރިވެތި ސިފަ އަލުން ދިރުވުމަށް ޤައުމީ ފެންވަރުގެ ކެމްޕޭނެއް ކުރިއަށްގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ދިވެހީންގެ އަމިއްލަވަންތަކަން ރައްކާތެރިކުރުމަށް އެމަނިކުފާނު ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމުގެ ސަބަބުންނެވެ.
މި ސަރުކާރު ވެރިކަމާ ޙަވާލުވުމާ ހަމައަށް ދިވެހިންގެ އަމިއްލަވަންތަކަން ފަނޑުވާން ފަށާފައިވާކަން ފާހަގަކުރައްވައި، ސަރުކާރުން އެކަމަށް އިސްކަންދެއްވައި ޤައުމިއްޔަތާއި ދިވެހި ބަސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ފަށްޓަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ ތާރީޚު ދިރާސާކުރުމަށާއި ސަޤާފަތް ދިރުވައި އާލާކުރުމަށްވެސް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް