Article Top
ޚަބަރު •

އިޙުތިރާމް އަދާކުރުން އަށަގަތުމަކީ، ވަރަށް ގިނަ މައްސަލަތަކެއްގެ ފަރުވާ: މުންދު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އިޙުތިރާމް އަދާކުރުން އަށަގަތުމަކީ، ވަރަށް ގިނަ މައްސަލަތަކެއްގެ ފަރުވާ: މުންދު

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މުންދު.

އިޙުތިރާމް އަދާކުރުން އަށަގަތުމަކީ، ޤައުމެއްގައި ދިމާވެފައި އޮންނަ ވަރަށް ގިނަ މައްސަލަތަކެއްގެ ފަރުވާ އަށް ވާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

މުންދު މިހެން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، އެމްއެމްޓީވީ އަށް ދެއްވި އިންޓަވިޔުއެއްގައި އެވެ.

އެގޮތުން މުންދު ވިދާޅުވީ، ދިވެހިންނަކީ މުސްތަޤިއްލު ބައެއްގެ ގޮތުގައި ޤާއިމުކޮށްދިން ކަންކަމުގެ ތެރޭގައި، އިޙުތިރާމް އަދާކުރުން ހިމެނޭނެ ކަމަށެވެ. މުންދު ވިދާޅުވީ އެކަކު އަނެކަކަށް އިޙުތިރާމް ކުރުމަކީ، ދިވެހިންގެ ކާބަފައިންގެ ޒަމާނުއްސުރެ އޮންނަ ކަމެއް ކަމަށާއި، އެއީ ދިވެހިންގެ މާނަވީ ތަރިކައެއް ކަމަށެވެ.

ސިޔާސީ މަސްރަހުގައި ހިނގަމުން އަންނަ ކަންކަން މިސާލެއްގެ ގޮތުގައި ދައްކަވަމުން މުންދު ވިދާޅުވީ، ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ސިޔާސަތުތައް ފާޑު ކިޔަން ވާނެ ކަމަށެވެ. އެހެން ނަމަވެސް، އެކަކު އަނެކަކަށް، އަދި އެއް ބަޔަކު އަނެއް ބަޔަކަށް ދޭން ޖެހޭ އިޙުތިރާމް އޮންނަން ވާނެ ކަމަށް މުންދު ވަނީ ވިދާޅުވެފައި އެވެ.

މިއަދު ދިވެހިންގެ ތެރޭގައި ދޮގު ހެދުމާއި، ޣީބަ ބުނުމަކީ އާންމު ކަމަކަށް ވެއްޖެ ކަމަށާއި، ނަފުރަތު އުފެދޭ ގޮތަށް ކަންތައް ކުރުމާއި، ވާހަކަ ދެއްކުން ވެސް އާންމު ކަމަކަށް ވެއްޖެ ކަމަށް މުންދު ވިދާޅުވި އެވެ. އެއާއެކު މުންދު ވިދާޅުވީ، ބޮޑެތި ޤައުމުތަަކަށް ވުރެ ކުދި ޤައުމުތަކުގައި އެކަންކަމުގެ އަސަރު ބޮޑު ވާނެ ކަމަށެވެ. އެހެންކަމުން އިޙުތިރާމް އަދާކުރުން އަށަގަތުމަކީ، ވަރަށް ގިނަ މައްސަލަތަކެއްގެ ޙައްލަށް ވާނެ ކަމަށް މުންދު ވަނީ ވިދާޅުވެފައި އެވެ.

މީގެ އިތުރުން މުންދު ވިދާޅުވީ، އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު ރައީސް ޑޮކްޓަރު މުޙަައްމަދު މުޢިއްޒު ފެއްޓެވީ ވަރަށް މަތިވެރި، އަދި މާތް މަޤުސަދެއްގައި ކަަމަށެވެ. އެކަމަކީ އެއްވެސް ވަރަަކަށް ސިޔާސީ ކަމެއް ނޫން ކަމަށާއި، މިހާރު ވެސް ރާއްޖެ އަށް ބޭނުން ވަނީ ކުރީގައި އޮތް އިޙުތިރާމް އަދާކުރުމާއި، އެކަކު އަނެކަކަށް ޤަދަރު ކުރުން ކަމަށެެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް