Article Top
ޚަބަރު •

ކޯރުން ފެށިގެން ކަނޑާ ހަމައަށް، ފަލަސްޠީނު މިނިވަން ވާނެ: ރައީސް މުއިއްޒު

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ކޯރުން ފެށިގެން ކަނޑާ ހަމައަށް، ފަލަސްޠީނު މިނިވަން ވާނެ: ރައީސް މުއިއްޒު

ފަލަސްޠީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާސްއާއި ރައީސް ޑރ. މުއިއްޒު --

ފަލަސްޠީނުގެ މިނިވަންކަން އިޢުލާނުކުރި ދުވަހުގެ މުނާސަބަތުގައި، ފަލަސްޠީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާސް އަށާއި، ބޮޑުވަޒީރު މުޙައްމަދު މުޞްޠަފާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވަވައިފިއެވެ.

ރައީސް ޢައްބާސަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މިއީ ފަލަސްޠީނުގެ ރައްޔިތުން މިނިވަންކަމާއި، ކަރާމާތާއި، މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް އެތައް ޒަމާނެއް ވަންދެން ކުރަމުންދާ އުންމީދުތައް ރަމްޒުކޮށްދޭ މުހިންމު ދުވަހެއް ކަމަށެވެ.

ފަލަސްޠީނުގެ ރައްޔިތުން ދައްކުވައިދޭ ސާބިތުކަމާއި ހިތްވަރަށް ދިވެހިރާއްޖެއިން ތަޢުރީފުކުރާ ކަމަށާއި، އަމިއްލަ އިޚްތިޔާރުގައި މުސްތަޤްބަލު ކަނޑައެޅުމަށް އެ ރައްޔިތުންނަށް ލިބިފައިވާ ނިގުޅައިނުގަނެވޭނެ ޙައްޤު ހޯދައިދިނުމުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން ދައުލަތެއް ބަލައިގަތުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރުމުގައި ރާއްޖެއިން ދެމިއޮންނާނެކަން ރައީސް ތަކުރާރުކުރެއްވިއެވެ. އަދި މި މަސައްކަތުގައި ދެ ޤައުމުން ގުޅިގެން ކުރާ މަސައްކަތްތަކާއެކު، ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބޮޑުވަޒީރު މުޞްޠަފާއަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ، މިނިވަންކަމުގެ އިޢުލާނަކީ އަމާން އަދި ފާގަތި މުސްތަޤްބަލެއް ބިނާކުރުމަށް ފަލަސްޠީނުގެ ރައްޔިތުންގެ މެދުގައި އޮތް އުންމީދާއި، އެއްބައިވަންތަކަމާއި ނުގުޑާފަދަ ޢަޒުމް ދައްކުވައިދޭ ދިރުމެއް ހުރި ހެއްކެއް ކަމުގައެވެ. އަދި ޤައުމީ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފުކުރައްވައި، އަވަސް މުސްތަޤްބަލެއްގައި އެ ރައްޔިތުންނަށް ޞުލްޙަމަސަލަސްކަން ލިބުމަށް އެދިވަޑައިގެންނެވިއެވެ.

މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުގައި ޙިއްޞާކުރެއްވި މެސެޖެއްގައިވެސް ވަނީ ފަލަސްޠީނަށް ރާއްޖެއިން ދޭ އެއްބާރުލުމާއި ތާޢީދު އައުކުރައްވާފައެވެ. އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ "ކޯރުން ފެށިގެން ކަނޑާ ހަމައަށް، ފަލަސްޠީނު މިނިވަން ވާނެ" މި ޢިބާރާތުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް