Article Top
ޚަބަރު •

އަލައްބާރުގެ ޔަޤީންކަން: ވޯޓާ ފްރޮންޓް މަޝްރޫއުގައި އިސްކަންދޭނީ ދިވެހި ވިޔަފާރިތަކަށް!

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

އަލައްބާރުގެ ޔަޤީންކަން: ވޯޓާ ފްރޮންޓް މަޝްރޫއުގައި އިސްކަންދޭނީ ދިވެހި ވިޔަފާރިތަކަށް!

އަލައްބާރު ޕީއެސްއެމްއަށް އިންޓަވިއު ދެނީ -- ފޮޓޯ/ ޕީއެސްއެމް

މޯލްޑިވްސް ވޯޓާ ފްރޮންޓް މަޝްރޫއު ކުރިއަށްދާ މަރުހަލާގައި އަދި ނިމުމުން ވެސް އިސްކަންދޭނީ ދިވެހިންނަށާއި ދިވެހި ވިޔަފާރީތަކަށް ކަމަށް އެ މަޝްރޫއު ކުރިއަށް ގެންދާ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވެއްޖެ އެވެ.

އަލައްބާރު ރާއްޖެ ވަޑައިގެން ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއު ތަކުގައި ވަނީ ވޯޓާ ފްރޮންޓް މަޝްރޫއު ކުރިއަށްދާއިރު ބޭނުންވާ ކަންކަން ކުރުމަށް ދިވެހި ކުންފުނިތަކަށް އިސްކަން ދެވޭނެ ކަމަށް ވިދާޅުވެފައި އެވެ.

Advertisement
Article Inside

މީގެ އިތުރުން އެ އެ މަޝްރޫއު ނިމުމުން އެ ތަނުގައި ހުންނަ ވިޔަފާރިކުރާ ތަންތަން ވެސް ދޫކުރުމުގައި ދިވެހި ވިޔަފާރިވެރިން އިސްކުރާނެ ކަމަށް އަލައްބާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭނުންވަނީ ރާއްޖޭގައި ކުރިއަށް ގެންދާ ޕްރޮޖެކްޓުގައި ބޮޑު ފައިދާއެއް ހޯދުމަށް ވުރެ މި ޕްރޮޖެކްޓުގެ މަގުސަދުތައް ހާސިލުކުރަން ކަމަށެވެ.

އެގޮތުން އެނާ ހާސިލުކުރަން ބޭނުންވާ އެއްކަމަކީ ރާއްޖެ އަށް ކުރިއެރުން ގެނެސްދޭނެ މަސައްކަތެއްކޮށް، ވަސީލަތްތައް ގާއިމުކޮށްދީ، އާމްދަނީ އިތުރުކޮށް ވަޒީފާގެ ފުރުސަތުތައް ދިވެހިންނަށް ހޯދައިދިނުން ކަމަށް އަލައްބާރު ވިދާޅުވެފައިވެ އެވެ.

މޯލްޑިވްސް ވޯޓާ ފްރޮންޓް މަޝްރޫއަކީ ރަސްމާލޭގައި ވޯޓާ ފްރޮންޓް މެރިނާާއެއްގެ އިތުރުން ހޮޓާތަކާއި، ލަގްޒަރީ ރެސިޑެންޓް ޓަވަރުތަކާއި ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި ވިޔަފާރި ކުރާނެ ޖާގަތައް ހިމެނޭ ސަހަރެއް ބިނާކުރުމުގެ މަޝްރޫއެކެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ދުބާއީގައި ވަނީ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އީގަލް ހިލްސް އާއެކު ދިވެހި ސަރުކާރުން ޓާމްސް ޝީޓުގައި ސޮއިކޮށްފައި އެވެ.

ރަސްމާލެ އިން 500 ހެކްޓަރުގެ ބިން އީގަލް ހިލްސް އަށް އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ދޭއިރު، އެ މަޝްރޫއު އެއްކޮށް ނިމޭނެ ކަމަށް ލަފާކުރެވެނީ 10 އަހަރު ދުވަހުގެ ތެރޭގައި އެވެ.

އެ މަޝްރޫއު ނިމުމުން 18،000 އައު ވަޒީފާ އުފެދި އިތުރު 1 މިލިއަން ފަތުރުވެރިން ރާއްޖެ އަހަރު ގެނެވޭނެ ކަމަށް އަންދާޒާކުރެވެ އެވެ. މީގެ އިތުރުން އެ ކުންފުނިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅައިދިނުމަށް ވެސް ވަނީ އެއްބަސްވެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް