Article Top
މިފްކޯ •

ރާއްޖޭގައި ފުރަތަމަ ފަހަރަށް ދަނޑުވެރިކަމުގެ ބޯހިމެނުމުގެ މަސައްކަތް ފަށައިފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ދަނޑުވެރިކަމުގެ ބޯހިމެނުމުގެ މަސައްކަތް ފަށައިފި

ދަނޑުވެރިއެއް -- ފޮޓޯ / އަދަދު

ދިވެހިރާއްޖޭގެ ތާރީޚުގައި އަލަށް ކުރިއަށްގެންދާ އެގްރިކަލްޗަރަލް ސެންސަސްގެ އަމަލީ މަސައްކަތްތައް، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ރަސްމީކޮށް ފަށައިފިއެވެ.

މި ޤައުމީ މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އިތުރުން ޔުނައިޓެޑް ނޭޝަންސްގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) އާ ގުޅިގެންނެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުން ވިޔަފާރީގެ ގޮތުގައި ދަނޑުވެރިކަން ކުރާ ރަށްތަކަށް ނިސްބަތްވާ 39 ފަރާތަކުން މި ހަރަކާތުގައި ބައިވެރިވެއެވެ.

ދަނޑުވެރިކަމާ ގުޅޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ޤައުމީ ފެންވަރެއްގައި މިފަދަ ބޯހިމެނުމެއް ކުރިއަށް ގެންދިއުމުގެ މައިގަނޑު ބޭނުމަކީ މި ސިނާޢަތާ ބެހޭ އެންމެ މުހިންމު ތަފާސްހިސާބުތައް އެއްކޮށް، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރިމަތިވެފައިވާ ހުރަސްތައް ދެނެގަތުމެވެ. މީގެއިތުރުން، މި ދިރާސާއިން ލިބޭ މައުލޫމާތުތަކަށް ބިނާކޮށް، ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރިއެވެ.

ކާނާގެ ޔަޤީންކަން ޤާއިމުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ހއ، ހދ އަދި ށ. އަތޮޅުގެ 12 ރަށެއްގައި މޮޑެލް ގްރީންހައުސްތައް ޤާއިމުކޮށް، ދަނޑުވެރިންނަށް ޚާއްޞަ ފަންނީ ތަމްރީނުތަކެއް ވަނީ ފޯރުކޮށްދީފައެވެ. މިގޮތުން ހިންގުނު ޕްރޮގްރާމްތަކުގެ އެހީގައި މިހާތަނަށް 1،062 ދަނޑުވެރިއަކު ވަނީ ފުރިހަމައަށް ތަމްރީނުކޮށްފައެވެ.

ހަމައެއާއެކު، ދަނޑުވެރިކަމުގެ ސިނާޢަތު ފުޅާކުރުމަށްޓަކައި ވޭތުވެދިޔަ 4 މަސްދުވަހުގެ ތެރޭގައި ކ. ކާށިދޫ ހިމެނޭ ގޮތަށް އިތުރު 5 ރަށެއް މި މަސައްކަތަށް ޚާއްޞަކޮށް ދޫކޮށްފައިވެއެވެ. އަދި މި ދާއިރާއިން އަމިއްލަ ވިޔަފާރި ފަށަން އެދޭ ފަރާތްތަކަށް މާލީ އެހީތެރިކަން ދިނުމުގެ ގޮތުން ލޯނު ދޫކުރުމުގެ ފުރުޞަތުތައްވެސް ސަރުކާރުން އަންނަނީ ހަމަޖައްސައިދެމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް