އިމިގްރޭޝަން ބިލާ ގުޅުވައި ސޯޝަލް މީޑިއާގައި ދައުރުކުރަނީ ދޮގު ވާހަކަތަކެއް: އިހުސާން
ލިޔުންތެރިޔާ
ހޯމް މިނިސްޓަރު އަލީ އިހުސާން ---
މިގްރޭޝަންގެ ޤާނޫނަށް ގެންނަ އިސްލާހެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނީ އެއްވެސް އަސްލެއް ނެތް ފޭކް ލިޔުމެއް ކަމަށާއި، މި ސަރުކާރުން މަޖިލީހަށް ހުށަހެޅި އައު ބިލުގައި އެފަދަ އެއްވެސް ވާހަކައެއް ނުހިމެނޭނެ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ލިޔުމުގައި ވަނީ، ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު) އަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލެއް ކަމަށް ދައްކައިގެން، ބޭރު މީހުންނަށް "ރެސިޑެންޓް ވިސާ" ދެވޭނެ ހާލަތްތަކެއް ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބޭރު މީހުންނާއި، 100،000 (އެއްލައްކަ) ރުފިޔާއަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބޭރު މީހުންގެ އިތުރުން ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާފައިވާ ބޭރު މީހުންނަށް ރެސިޑެންޓް ވިސާ ލިބޭނެ ކަމަށް ވަނީ ލިޔެފައެވެ.
މިކަމާ ގުޅިގެން މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިމިގްރޭޝަންގެ ޤާނޫނަށް ގެންނަ އިސްލާހެއް ކަމުގައި ބަޔާންކޮށް ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެއީ މޯލްޑިވްސް އިމިގްރޭޝަނުން އެއްވެސް އިރަކު ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުމުގެ ވިސްނުމެއްވެސް ގެންގުޅެފައިވާ އިބާރާތްތަކެއް ނޫން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވަނީ 50 ޞަފްޙާގެ މައްޗަށް އެކުލެވޭ އިމިގްރޭޝަންގެ މުޅިން އައު ބިލެއް ކަމަށާއި، އެ ބިލުގައި "ރެސިޑެންޓް ވިޒާ" ގެ ނަމުގައި އެއްވެސް ވިސާއެއް ހިމަނާފައި ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިމިގްރޭޝަނަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނާ ގުޅުންހުރި ނާޒުކު އަދި ހައްސާސީ މަސައްކަތްތަކެއް ކުރަމުން އަންނަ މުއައްސަސާއަކަށް ވާތީ، އެ މުއައްސަސާއާ މެދު މިފަދަ ހަގީގަތާ ޚިލާފު ބުހުތާނު ދޮގު ވާހަކަތައް ނުފެތުރުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް