Article Top
ޚަބަރު •

ރައްޔިތުންގެ މާދަމާއަށްޓަކައި އޮތް ފުރުސަތަކީ ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުން: ޢަބްދުއްރަޙީމް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ރައްޔިތުންގެ މާދަމާއަށްޓަކައި އޮތް ފުރުސަތަކީ ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުން: ޢަބްދުއްރަޙީމް

ރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވާހަކަފުޅު ދައްކަވަނީ ---

ދިވެހި ޒުވާނުންނާއި ހަރުމީހުން އަދި މުޅި ރައްޔިތުންގެ މާދަމާގެ ކުރިމަގަށްޓަކައި އޮތް ހަމައެކަނި ފުރުސަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދެވަނަ ދައުރެއް ދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް މިހެން ވިދާޅުވީ ޕީއެންސީ އަދި އަދާލަތު ޕާޓީއާ ދެމެދު ސިޔާސީ ގޮތުން ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލި ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވަނީ މިފަދަ މުހިންމު ދަނޑިވަޅެއްގައި ސަރުކާރާއެކު ކުރިއަށްދިއުމަށް އަދާލަތު ޕާޓީން ނިންމި ނިންމުމަށް މަރުޙަބާ ދަންނަވައި، އެ ޕާޓީއަށް ޝުކުރު އަދާކުރައްވާފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ރާއްޖޭގެ ފެހި ޤާނޫނުއަސާސީގެ ދަށުން ފުރަތަމަ ފަހަރަށް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަންނަވާ ރައީސަކަށް ރައީސް ޑރ. މުޢިއްޒު ހަދަންޖެހޭ ސަބަބުތައް ވަރަށް ގިނަ ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށްޓަކައި ފަލަ ރަތް ރޮނގެއް ދަމަހައްޓަވައި، އެއްވެސް ބަޔަކަށް އެ ރޮނގު ހުރަސްކުރުމުގެ ފުރުސަތު އެމަނިކުފާނު ނުދެއްވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޑިޕްލޮމަސީގެ ރިވެތި އުސޫލުން ޚާރިޖީ ގުޅުންތައް ދަމަހައްޓަވައި، ރާއްޖޭގެ ދާޚިލީ ހަމަޖެހުމާއި ތަރައްޤީއަށް ފުރުސަތު ފަހިކޮށްދެއްވައި، ޢަދުލުވެރިކަން އިސްކުރައްވާ ވެރިއެއްގެ ގޮތުގައި ރައީސް މުޢިއްޒު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޕީއެންސީން އަބަދުވެސް އިސްކުރާނީ އެންމެ ފުރަތަމަ ޤައުމުކަން ހާމަކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ޒުވާނުންގެ ވިސްނުން ވަރަށް ބޮޑަށް ބަދަލުވެފައިވާ މި ދަނޑިވަޅުގައި ގައުމުގެ ހިންގުން ހުއްޓިފައި ބޭއްވޭކަށް ނެތް ކަމަށެވެ. އަދި އަމިއްލަ އެދުން އިސްކޮށް، ޤައުމީ މަސްލަހަތު ފަހަތަށް ޖައްސާލައިގެން ވަގުތު ބޭކާރުކުރުމުގެ ޖާގައެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންނާ ހަވާލުވެފައި އޮތް ޒިންމާ އޭގެ ފުރިހަމަ ގޮތުގައި އަދާކުރަން. އަޅުގަނޑުމެންނާ މަތިވެފައި އޮތް މަސްއޫލިއްޔަތަށް ރައްކާތެރިވާން، އަމާނާތަށް ތެދުވެރިވާން. އެކަން ކުރެވޭނީ އިޚްލާޞްތެރި ނިޔަތަކާ އެކީގައި މަސައްކަތްކޮށްގެން،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މީގެ އިތުރުން، ހަމައެކަނި ދުލުން ޤައުމާއި ދީނުގެ ނަން ގަތުމަކުން ނުފުދޭނެ ކަމަށާއި، ޤައުމަށް އިޚްލާސްތެރިވާނަމަ ޙައްޤު ބަސް ބުނަން ކެރެންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ޤައުމީ މަސްލަހަތު ކުރިއަށް ނެރޭނަމަ، އަމިއްލަ އެދުން އެއްކިބާކޮށް ޤައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް އިޚްތިޔާރުކުރަންޖެހޭ ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް