ސެންޓޭ އަށް ތިންވަނަ ފަހަރަށް ރަން ބޫޓު!
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
މިދިޔަ ސީޒަންގައި ސެންޓޭ ގޯލެއް ޖެހުމަށް ފަހު -- ފޮޓޯ/ އެފްއޭއެމް
ގައުމީ ފެންވަރުގައި ފުޓްބޯޅަ އެވޯޑްތައް ނުބާއްވާތާ ގިނަ އަހަރުތަކަކަށް ފަހު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލުން ބާއްވަން ނިންމި އެވޯޑްސްގެ މިދިޔަ ސީޒަނުގެ ރަން ބޫޓު ރާއްޖޭގެ ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) ކަށަވަރުކޮށްފި އެވެ.
މިދިޔަ ސީޒަނުގެ ކްލަބް މުބާރާތްތަކާއި ގައުމީ ޓީމުގެ އެޗީވްމަންޓްތަކަށް ބަލައިދޭ މި އެވޯޑް ސެންޓޭ ހޯދީ ޖުމްލަ 22 ގޯލު ޖަހައިގެންނެވެ. މިއީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް، ސެންޓޭގެ ކެރިއަރުގައި ގައުމީ ފެންވަރުގައި ހާސިލްކުރި 3 ވަނަ ރަން ބޫޓެވެ. އޭނާ ވަނީ މީގެ ކުރިން 2016 ވަނަ އަހަރު 34 ގޯލު އަދި 2017 ވަނަ އަހަރު 24 ގޯލު ޖަހައިގެން ރާއްޖޭގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.
ސެންޓޭ ވަނީ މިދިޔަ ސީޒަންގައި ދިވެހި ޕްރިމިއާ ލީގުގައި 12 ގޯލު، އެފްއޭ ކަޕްގައި 7 ގޯލު އަދި ގައުމީ ޓީމަށް 3 ގޯލު ޖަހައިދީފަ އެވެ.
ދިވެހި ފުޓްބޯޅައިގެ ފޯރި އަލުން ދިރުވުމަށް އެފްއޭއެމްގެ އާ މެނޭޖްމަންޓުން އަލުން މި އެވޯޑް ދޭން ފެށުމަކީ ކުޅުންތެރިންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ރާއްޖޭގައި އެންމެ ފަހުން ރަސްމީކޮށް ފުޓްބޯޅަ އެވޯޑެއްގެ ރަން ބޫޓު ދީފައި ވަނީ 2018 ގަ އެވެ. އެ އަހަރު އެވޯޑް ހޯދީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް