ހަފުތާ 156: ސިއްހީ ނިޒާމަށް އިންގިލާބީ ބަދަލެއް، ދިވެހިންގެ ފުރާނައަށް އަގުނުކުރެވޭ ރައްކާތެރިކަމެއް!
ލިޔުންތެރިޔާ
މި ސަރުކާރަށް މިއަދު ތިން އަހަރު ފުރިގެން ދިޔައިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވޭތުވެދިޔަ މި ކުރު މުއްދަތުގެ ތެރޭގައި އެއްވެސް ބަޔަކު ހީވެސް ނުކުރާ ފަދަ ޖެހިލުންކުޑަ، ތާރީޚީ އެތައް ފިޔަވަޅުތަކެއް އަޅުއްވައި މުޅި ގައުމު ހައިރާންކޮށްލައްވާފައެވެ.
އެއީ ވޭތުވެދިޔަ އެތައް ޒަމާނެއް ވަންދެން ނުކުރެވި، ފަސްއަޅައި ފޮރުވިފައި ހުރި ނަމަވެސް، ދިވެހި ފަސްގަނޑާއި ރައްޔިތުންގެ ހައްގުގައި ކޮންމެހެން ކުރަން މަޖުބޫރުވެފައި އޮތް ބޮޑެތި އިސްލާހީ ނިންމެވުންތަކެކެވެ. ރައްޔިތުންގެ ހިތްތަކުގައި އޮތް ޒަމާންވީ ކަރުހިއްކުމަށް ފިނިފެންމަލުގެ ތާޒާކަން ގެނެސްދިން މި ހިތްވަރުގަދަ ނިންމެވުންތަކުގެ އެންމެ އަލިގަދަ ހެއްކަކީ، ގައުމުގެ ވިންދާއި ރައްޔިތުންގެ ފުރާނައާ ގުޅިފައިވާ ސިއްހީ އޯގާތެރި ނިޒާމަށް ގެނެސްދެއްވި ބަހާރު މޫސުމެވެ.
އެތައް އަހަރެއްގެ އިހުމާލާއި ޝަކުވާތަކަށް ފޮނި ނިމުމެއް ގެނެސްދެއްވައި، ދިވެހިންގެ ދުޅަހެޔޮކަމުގެ އުދަރެހަށް މިވީ ތިން އަހަރުގެ ތެރޭގައި ވެރިވެގެން ދިޔައީ، ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ އިންގިލާބީ އައު ފަތިހެކެވެ.
އެއާ އެމްބިއުލާންސްގެ ޚިދުމަތާއި ކުއްލި ފަރުވާ
ކުއްލި ހާލަތްތަކުގައި ބަލިމީހުން އަވަހަށް އުފުލުމަށްޓަކައި ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގައުމީ އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކޮށް، ތިން ހާހަށް ވުރެ ގިނަ ބަލިމީހުން ވަނީ ކުއްލި ފަރުވާއަށް ރައްކާތެރިކަމާއެކު އުފުލާފައެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުން ކުއްލި ފަރުވާ ހޯދުމަށް ދުބާއީ އަދި ތައިލެންޑަށް މެޑިކަލް އިވެކުއޭޝަން ފްލައިޓްތައް ބޭއްވުމުގެ އިންތިޒާމުތައް ވެސް ވަނީ ފަށާފައެވެ. މިއީ މީގެ ކުރިން ބޭރުގެ ވަސީލަތްތަކަށް ބަރޯސާވާން ޖެހިފައި އޮތް އޮތުން އެއްކޮށް ނިމުމަކަށް ގެނެސް، އަމިއްލަ ގައުމީ ނިޒާމެއްގެ ތެރެއިން ގާއިމުކުރެވުނު އަގުނުކުރެވޭ ފަދަ ޚިދުމަތެކެވެ. މި ޚިދުމަތާއެކު އެތައް ދިވެހިންނެއްގެ ފުރާނަ ސަލާމަތްކުރުމުގައި ވަގުތު ސަލާމަތްކުރެވި، ޒަމާންވީ ދަތިތަކަށް ވަނީ ދާއިމީ ހައްލެއް ލިބިފައެވެ.
އަތޮޅުތަކުގެ ސިއްހީ ޚިދުމަތް ފުޅާކުރުމާއި ޑައަލިސިސް
މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ ވަސީލަތްތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި 30 އެނދުގެ ޑައަލިސިސް ސެންޓަރެއް ގާއިމުކޮށް، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ނ. މަނަދޫ ހޮސްޕިޓަލުގެ ޑައަލިސިސް ޚިދުމަތް ވަނީ ބޮޑުތަނުން އަޕްގްރޭޑްކޮށްފައެވެ. އަދި އަލަށް 9 ރަށެއްގައި 27 ޑައަލިސިސް އެނދު ގާއިމުކޮށް، ބަލިމީހުން އަމިއްލަ ރަށުގައި ތިބެގެން ފަރުވާ ހޯދޭނެ މަގު ވަނީ ތަނަވަސްކޮށްދީފައެވެ. މީގެ އިތުރުން ރ. އުނގޫފާރުގައި ރޭޑިއޮލޮޖީ، ބ. އަތޮޅު ހޮސްޕިޓަލުގައި މެމޯގްރަފީ އަދި ފުވައްމުލަކު ސިޓީގައި ސީޓީ ސްކޭންގެ ޚިދުމަތް ތައާރަފުކޮށް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ދެމެދު ޓެލެމެޑިސިންގެ ޚިދުމަތް ވަނީ ކާމިޔާބުކަމާއެކު ފަށާފައެވެ.
އަދި މީގެ އިތުރުން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ގާއިމުކޮށް، އަސާސީ ޓެސްޓުތައް ހެދުމަށް ރަށުން ބޭރަށް ދާންޖެހޭ ދިއުން ހުއްޓުވުމުގެ އަމަލީ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. މުޅި ރާއްޖޭގައި އަލަށް 24 ހޮސްޕިޓަލާއި 19 ސިއްހީ މަރުކަޒު އިމާރާތްކުރުމުގެ އިތުރުން، ސިއްހީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމުގެ ބޮޑެތި އުމްރާނީ މަޝްރޫއުތައް މިހާރުވެސް ދަނީ ބާރަށް ހިނގަމުންނެވެ.
ތެލަސީމިއާ ކުދިންނަށް އެލަވަންސް އަދި ދަރިމައިވުމުގެ ފަރުވާ
ތެލަސީމިއާ ކުދިންނަށް ދޭ އަހައްމިއްޔަތުކަން އިތުރުކޮށް، ކޮންމެ ކުއްޖަކަށް މަހަކު 1،000 ރުފިޔާގެ އެލަވަންސެއް ދޭން ފަށާފައިވާއިރު، ހުޅުމާލޭ "އޮރެންޖް ހިޔާ" ގައި ތެލަސީމިއާގެ ޚިދުމަތްތައް ވަނީ ކުރިއަށްވުރެ ފުޅާކޮށްފައެވެ. އަދި ސަރުކާރުގެ ފުރިހަމަ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ދަނީ ކެނޑިނޭޅި ފަހިކޮށްދެމުންނެވެ. ދަރިމައިވުމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކުރި ނޭޝަނަލް ފާޓިލިޓީ ސެންޓަރުން އެއް އަހަރު ތެރޭގައި 748 ފަރާތަކަށް ޚިދުމަތް ދީފައިވާއިރު، އައިވީއެފް (IVF) އަދި އައިޔޫއައި (IUI) ގެ ފަރުވާ އާސަންދައިގެ ދަށުން ހިލޭ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ އެތައް އާއިލާއަކަށް ލިބުނު ބޮޑު ތަސައްލީއެކެވެ.
އަހަރުތަކެއްގެ ދިގު އިންތިޒާރަކަށް ފޮނި ނިމުމެއް ގެނެސްދެމުން، މިއަހަރުގެ ޖުލައި މަހު ވަނީ ރާއްޖޭގައި އައިވީއެފް ހަދައިގެން ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވެފައެވެ. މިއީ އުންމީދު ގެއްލިފައިވި އެތައް އާއިލާއަކަށް އައު ދިރުމެއް ގެނުވައި، ދިވެހި މައެއްގެ އުނގު ފަޅުފިލުވައިދިން ހަގީގީ އުފާވެރިކަމުގެ ފެށުމެވެ.
ބޭސްފަރުވާއަށް ޑޮލަރު ދޫކުރުމާއި ފެންވަރު ރަނގަޅު ބޭސް
ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދާ ފަރާތްތަކަށް މާލީ ގޮތުން ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް، ބީއެމްއެލް މެދުވެރިކޮށް އެންސްޕާ ކަވަރޭޖް އޮންނަ ފަރާތްތަކަށް 2،000 ޑޮލަރު އަދި އަމިއްލަ ޚަރަދުގައި ދާ ފަރާތްތަކަށް 1،000 ޑޮލަރު ދޫކުރާ އުސޫލު ވަނީ ހަމަޖައްސާފައެވެ.
އަދި އާސަންދައިގެ ދަށުން ބޭސް ގަތުމަށް ދައުލަތުން ކުރާ ބޭކާރު ޚަރަދު ކުޑަކޮށް އިތުބާރު ބޮޑުކުރުމަށް "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން" އުފައްދައި، ޔޫރަޕްގެ މަތީ ފެންވަރުގެ ބޭސް ރާއްޖެ އެތެރެކުރަން ވަނީ ފަށާފައެވެ.
މީގެ އިތުރުން ބަލިތައް ކުރިން ދެނެގަނެ ރައްކާތެރިވުމަށްޓަކައި، އާސަންދައިގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ހުޅުވާލުމުގެ އިތުރުން، އާސަންދައިގެ ޚިދުމަތުގެ ތެރެއިން އައިނު ހެއްދުމުގެ ފުރުސަތު އަލުން ފަހިކޮށްދީ، އާންމު ރައްޔިތުންގެ ޖީބަށް ލުއިވާނެ ގޮތަށް އާސަންދައިގެ ވެލްފެއާ ނިޒާމު ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ.
ދުންފަތާއި ވޭޕް މަނާކުރުމުގެ ހަރުދަނާ ފިޔަވަޅުތައް
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ އެންމެ ހަރުދަނާ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގައި ވޭޕް ކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ބައިތައް އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުން ވަނީ އެއްކޮށް މަނާކޮށްފައެވެ. މީގެ އިތުރުން ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށް، ދުންފަތުން އެއްކޮށް ސަލާމަތްވެފައިވާ ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ 'ޖެނެރޭޝަނަލް ޓޮބެކޯ ބޭން' އަކަށް ދިވެހިރާއްޖެ މިސްރާބު ޖަހާފައިވަނީ މުޅި ދުނިޔެއަށް ވެސް ނަމޫނާއެއް ދައްކަމުންނެވެ.
މި ހުރިހާ މަޝްރޫއުތަކާއި ފިޔަވަޅުތަކާއެކު، އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލަށް އަލަށް 194 އެނދު އިތުރުކުރެވި، ރައްޔިތުންނަށް ފެންވަރު ރަނގަޅު، އޯގާތެރި އަދި ދެމެހެއްޓެނިވި ސިއްހީ ނިޒާމެއް ކަށަވަރުކޮށްދިނުމުގެ އަމަލީ މަސައްކަތްތައް ސަރުކާރުން ދަނީ ފަސްޖެހުމެއް ނެތި ކުރިއަށް ގެންދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް